އެފޯޑަބަލް ހައުސިން ޔުނިޓްތަކުގެ މަސައްކަތް ދިވެހި ކުންފުނިތަކާވެސް ހަވާލުކުރުމަށް ނިންމާފައިވާކަމަށް ބީއެމްއެލްގެ ސްޕޯކްސްޕާސަން މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުންނެވެ.
މުޙައްމަދު ސަޢީދު ވިދާޅުވީ، މިއަދު މަސައްކަތް ހަވާލުކުރި ހައުސިން ޔުނިޓްތަކުގެ އިތުރުން، ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނިތަކާ ގުޅިގެން އިތުރު ހައުސިންގ ޔުނިޓްތަކެއް ބިނާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ޖުމުލަ 3000 އަށް ވުރެ ގިނަ ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ޖަނަވަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.
ސަރުކާރުން ކުރިއަށްގެންދާ މި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ބައެއް މަސައްކަތްތައް މިހާރު ވަނީ ބޭރުގެ ބޮޑެތި ކުންފުނިތަކާ ހަވާލުކޮށްފައެވެ. އެގޮތުން ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް އާއި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (CMEC) އާ އެކު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.
ބެއިޖިން އަރބަން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ 13,475 އަކަފޫޓުގެ ސަރަހައްދެއްގައި ހިމެނޭ ހަތަރު ބިމެއްގައި 1,117 ހައުސިން ޔުނިޓު ތަރައްގީކުރުމަށެވެ. މީގެ އިތުރުން ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަންއާ ހަވާލުކޮށްފައިވަނީ 1,224 އެފޯޑަބަލް ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ މަސައްކަތެވެ.
މި މަޝްރޫޢުތަކުގެ ތެރެއަށް ދިވެހި ކުންފުނިތައް ބައިވެރިކުރުމަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ލިބިގެންދާނެ ބޮޑު ފުރުސަތެއްކަން ބީއެމްއެލްއިން ފާހަގަކުރެއެވެ. މި މަސައްކަތްތައް ނިމުމުން ގިނަ އާއިލާތަކަކަށް އަގުހެޔޮ ބޯހިޔާވަހިކަން ލިބިގެންދާނެއެވެ.