ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ގޯއްޗަށާއި ފުލެޓަށް އެދުމުގެ ފުރުޞަތު އަންނަ މަހުގެ 15 ގައި ހުޅުވާލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ގޯއްޗަށާއި ފުލެޓަށް އެދުމުގެ ފުރުޞަތު އަންނަ މަހުގެ 15 ގައި ހުޅުވާލަނީ

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ގޯއްޗަށާއި ފުލެޓަށް އެދުމުގެ ފުރުޞަތު އަންނަ މަހުގެ 15 ވަނަ ދުވަހު ހުޅުވާލަން ނިންމައިފިއެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަންނަ މަހުގެ 15 އިން ފެށިގެން އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ.

"އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ އުޞޫލުތަކަށް ސަރުކާރުން ވަނީ މުހިންމު ބަދަލުތަކެއް ގެންނަވާފައެވެ. މި ބަދަލުތަކުގެ ތެރޭގައި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން މިހާރު 1 ކޮޓަރީގެ ހައުސިންގ ޔުނިޓެއް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، 18 އަހަރުން ދަށުގެ ދަރިއަކު ނުވަތަ ދަރިން ތިބި ފަރާތްތަކަށް 3 ކޮޓަރީގެ ފުލެޓަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ނަމަވެސް މި ފުރުޞަތު ލިބޭނީ މިހާރު އޮތް ތަން ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވާނަމައެވެ.

މީގެ އިތުރުން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން 2 ކޮޓަރީގެ ހައުސިންގ ޔުނިޓެއް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، 18 އަހަރުން ދަށުގެ ދެ ޖިންސުގެ ދަރިން ތިބި ނަމަ، އެތަނެއް ދޫކޮށްލަން އެއްބަސްވާ ފަރާތްތަކަށްވެސް 3 ކޮޓަރީގެ ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް މިހާރު ވަނީ އިސްލާހުކޮށްފައެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ އުޞޫލުތަކަށް މި ބަދަލުތައް ގެނެސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރައްޔިތުންނާ ބޭއްވެވި ބައްދަލުވުންތަކުގައި ހުށަހެޅި ކަންބޮޑުވުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ. އަދި އުސޫލުތައް ޝާއިޢުކުރުމުން އެ ވުޒާރާއަށް ލިބުނު ޚިޔާލުތަކަށްވެސް މި ބަދަލުތައް ގެނައުމުގައި ބަލާފައިވާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

މި ޕްރޮގްރާމަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މިއަދު އޮންލައިން