އަންނަ އަހަރު އެކި ދާއިރާތަކުން އެކި އަމާޒަށް މަސައްކަތް ކުރުމަށް ވަޒީރުންގެ މަޖިލީހުން މިންގަނޑުތަކެއް ކަނޑައަޅަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 55ސ
އަންނަ އަހަރު އެކި ދާއިރާތަކުން އެކި އަމާޒަށް މަސައްކަތް ކުރުމަށް ވަޒީރުންގެ މަޖިލީހުން މިންގަނޑުތަކެއް ކަނޑައަޅަނީ

އަންނަ އަހަރު އެކި ދާއިރާތަކުން އެކި އަމާޒުތަކަށް ވާސިލުވުމަށްޓަކައި މަސައްކަތް ކުރާނެ މިންގަނޑުތަކެއް ކަނޑައެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

މިކަން ހާމަކުރެއްވީ ދިވެހިރާއްޖޭގެ އަޑުގެ 63 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، އަންނަ އަހަރަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މީގެ ކުރިންވެސް އެކި ފަހަރުމަތިން އުފެއްދުންތެރިކަން ފާހަގަކޮށްފައިވީ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންނަ އަހަރު އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ކަނޑައެޅުއްވީ ޚާއްޞަ މަޤްޞަދެއްގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި މަޢުލޫމާތުތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ދިވެހިރާއްޖޭގެ އަޑުފަދަ މީޑިއާތަކުގެ ދައުރު ބޮޑުކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ 2040 ވަނަ އަހަރަކީ ދިވެހިރާއްޖެ ހުރިހާ މާނައެއްގައި ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ހެދުންކަމަށް ވަޒީރު ވިދާޅުވިއެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި، އިޤްތިޞާދީ ކުރިއެރުން ކޮންމެ އަހަރަކު %5 އާއި %6 އާ ދެމެދުގެ މިންވަރެއްގައި ހިފަހައްޓަންޖެހޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި މަސައްކަތުގެ ދަށުން، އަންނަ އަހަރު އެކި ދާއިރާތަކުން ހާސިލުކުރަންޖެހޭ އަމާޒުތަކާއި މިންގަނޑުތައް ވަޒީރުންގެ މަޖިލީހުން ކަނޑައަޅުއްވާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އިތުރަށް ވިދާޅުވީ، ޤައުމު ތަރައްޤީއާ ދިމާލަށް ދަތުރުކުރާއިރު ދިވެހިރާއްޖޭގެ އަޑު ފަދަ ޤައުމީ މުއައްސަސާތަކުގެ މަސައްކަތުގެ ވައްޓަފާޅިއަށް ބަދަލުތަކެއް އަންނަންޖެހޭ ކަމަށެވެ. "މި މަސައްކަތް ކުރުމުގައި އަދި ތަރައްޤީއާ ދިމާލަށް ޤައުމު ދަތުރުކުރާއިރު އަޑު ފަދަ މުހިއްމު ޤައުމީ މަސައްކަތް ކުރާ މުއައްސަސާއަކުން މަސައްކަތް ކުރާ ވައްޓަފާޅި ކޮންމެވެސް ވަރަކަށް ބަދަލުކޮށް މިއަދުގެ ދަރިންނާއި މަސައްކަތްތެރިންނާއި އެހެނިހެން ދާއިރާތަކުގައި މަސައްކަތްތެރިންވެސް ބައިވެރިވާނެ ގޮތަށް މަސައްކަތް ކޮށްދިނުން މުހިއްމު،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

މި ނިންމުންތަކާއެކު، ސަރުކާރުން އަމާޒު ހިފާފައިވަނީ ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިކޮށް، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށެވެ.

މިއަދު އޮންލައިން