އަހުރެމެން ދެމަފިރިންނަކީވެސް ލޯބިވެގެން އެތައް ދުވަހަކު އެކުގައި އުޅެފައި ކައިވެނިކޮށް އުފަލުގައި ދިރިއުޅެމުން އައި ދެމަފިރިންނެވެ. ބަލިވެއިންކަން އެނގުނީ ކައިވެންޏަށް 3 ވަނަ އަހަރު ފެށުނުތަނާއެވެ. އެކަން އެނގުމުން ނުވަތަ ޑޮކްޓަރު އެޚަަބރުދިނުމުން ފިރިމީހާގެ މޫނުމަތިން ފެންނަންޖެހޭނެ އުފާވެރިކަން ނުފެނުނު ހިސާބުން ހިތުގައި ޝައްކުތަކެއް އުފެދުނެވެ. ނަމަވެސް ބަހެއް ނުބުނަމެވެ. ސުވާލެއްވެސް ނުކުރަމެވެ.
ދަރިފުޅަށް 6 ހަފްތާގައި ދަރިފުޅު ވައްޓާލަން ބުނުމުން އެކަމަށް ދެކޮޅުހެދީމެވެ. ދަރިފުޅު ބޭނުން ނެތްނަމަ ވަރިކޮށްދިނުމަށް އެދުނީމެވެ. ނަމަވެސް ފިރިމީހާ ބުނީ ވަރިކުރާނީ ދަރިފުޅު ވައްޓާލުމުން ކަމަށެވެ. ޞުލްޙައިގައި ވައްޓާނުލިނަމަ ގަދަކަމުންވެސް ވައްޓާލާނެ ކަމަށެވެ.
އެރޭވެސް ޒުވާބެއް ނުކުރަމެވެ. އެހިސާބުން ނިންމައިލީއެވެ. ނަމަވެސް އެކަމުން ސަލާމަތްވެވޭނީ ފުރުޞަތެއް ހޯދައިގެން ވިސްނިގެން ބުނީމެވެ. ވިސްނާލަން 3 ދުވަސްދޭށެވެ.
އަނެއްދުވަހު އޮފީހަށް ގޮސްފައި ދޮށީ ބޭބެއަށް ގުޅައި ދިމާވެގެން އުޅޭ ޙާލަތު ކިޔައިދިނުމުން ބުނީ އޮފީސް ނިމުމުން ގުޅީމާ ބަލައި އަންނާނެ ކަމަށެވެ. އިތުރަށް ނުވިސްނުމަށެވެ. އޮފީސް ނިމިގެން ގުޅީމާ ދޮންބެ އައީ ދޮންބެ ދައްތަ (ފަހަރި) ވެސް ގޮވައިގެންނެވެ. ބުނީ ގެންދާނީ އެގެއަށް ކަމަށެވެ. އަޅުގަނޑުގެ ހުރިހާ ކަމެއް ބަލަހައްޓައިދޭނެ ކަމަށެވެ.
ފިރިމީހާގެ ޙަޤީޤަތް ޑޮކްޓަރެއްގެ ގާތުންނެވެ. ބޮލުގަރިއްސާވަރުން ދައްކަން ދިއުމުންނެވެ. އެއީ ސްކޫލުގައި އެކުގައި ކިޔެވި ކުއްޖެކެވެ. އޭނާ ބުނީ ފިރިމީހާގެ އިތުރު އަންތބަކު އިންނަ ކަމަށެވެ. ދަރިއަކުވެސް ލިބިފައިވާ ކަމަށެވެ. އެކަން އެނގެނީ އެކުގައި ޑޮކްޓަރަށް ދައްކަން އަންނާތީ ކަމަށެވެ.
އޭނާ އަޅުގަނޑަށް ވަރަށް ހެޔޮކޮށް ހިތިއެވެ. ގުޅައިގެންވެސް ޙާލުބަލައެވެ. އެހެންވެ ވިހައި ގަދަވެގެން ގެއަށް ދެވުމުން ފުރަތަމަވެސް ގުޅީ އޭނާއަށެވެ.
ދުވަސްކޮޅެއް ފަހުން ބުނީ ސްކޫލް އިރުންސުރެ އަޅުގަނޑ ދެކެ ވަރަށް ލޯބިވާ ކަމަށެވެ. ދަރިއަކު އޮތަސް ކައިވެނިކުރަން ބޭނުންވާ ކަމަށެވެ. އަޅުގަނޑު ރުހުނީމެވެ. ކައިވެނިކުރެވުމާއިއެކު ފިރިމީހާ ބޭނުންވީ އިތުރަށް ކިޔަވަން ފުރާށެވެ. ފުރީ ދެމައިންވެސް ގޮވައިގެންނެވެ.
މިހާރު އަޅުގަނޑުގެ ދެވަނަ ކައިވެންޏަށް 6 އަހަރެވެ. ދެމަފިރިންނަށްވެސް ވަނީ ދަރިއަކު ލިބިފައެވެ. ދިރިއުޅެމުން މިއަންނަނީ ވަރަށް އުފަލުގައެވެ.
އަޅުގަނޑުގެ ވާހަކަކޮޅުން މާބޮޑު ކަމެއް ފާހަގަ ނުކުރެވިދާނެއެވެ. އެއީ އެކަމުގެ ވާހަކަ ނުބުނެވޭތީއެވެ. މިހާރު މިބުނަނީ އެވާހަކައެވެ. އަޅުގަނޑުގެ މަންމަ އަޅުގަނޑު ތަރުބިއްޔަތުކުރީ ވަރަށް ތަޤްވާވެރި ގޮތުގައެވެ. އެހެންވެ ނަމާދުކުރުމުގެ އިތުރުން ރޭއަޅުކަންވެސް ކުރަމެވެ. އަޅުގަނޑު ޤަބޫލުކުރަނީ ކުރިމަތިވި އެބޮޑު ހިތާމައާއި ބިރުވެރިކަމުން އެހާފަސޭހައިން ސަލާމަތްވެވި އަދި މާރަނގަޅު ފިރިއަކު ލިބުނީ އަޅުގަނޑުކުރި ދުޢާއިން ކަމަށެވެ.
ހުރިހާ އަންހެނުންނަށްވެސް ބުނެލަން ބޭނުންވަނީ ތަޤްވާވެރިކަމުގައި ޘާބިތުވެލާށެވެ! ކުރިމަތިވާ ހުރިހާ މުޞީބާތްތަކުންވެސް ސަލާމަތް ކުރައްވަވާނެއެވެ. އިން ޝާ ﷲ
- ފަޒޫ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ