ޚިދުމަތުގެ ފެންވަރު ހަރުދަނާކުރުމަށް މުވައްޒަފުންނަށް ގިނަ ތަމްރީންތަކެއް ފޯރުކޮށްދެވޭ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޚިދުމަތުގެ ފެންވަރު ހަރުދަނާކުރުމަށް މުވައްޒަފުންނަށް ގިނަ ތަމްރީންތަކެއް ފޯރުކޮށްދެވޭ: ވަޒީރު

ވުޒާރާގެ މުވައްޒަފުންނަށް އެކި ދިގު މުއްދަތުގެ ޓްރެއިނިންގތައް ފޯރުކޮށްދީ، ރައްޔިތުން ގުޅާއިރު އެކަށީގެންވާ ގޮތަށް އަދި އިތުބާރާއި އެކު ޚިދުމަތް ދެވޭކަން ކަށަވަރުކުރުމަށް ތަމްރީންތައް މެދުކެނޑުމެއްނެތި ފޯރުކޮށްދެވޭ ކަމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ، އިއްޔެ ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން، މިއަހަރުގެ ޖަނަވަރީ އިން ނޮވެންބަރު މަހާ ހަމައަށް މި ވުޒާރާއަށް ގާތްގަނޑަކަށް 17،000 އަށް ވުރެ ގިނަ ފޯނު ކޯލު ރައްޔިތުންގެ ފަރާތުން ލިބިފައިވާކަމަށާއި، ޚިދުމަތުގެ ފެންވަރު ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ވުޒާރާއަށް މިހާރު އަންނަ ކޮންމެ ފޯނު ކޯލަކަށް ވެސް ޖަވާބުދެވޭ ކަމުގައި ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މި ވުޒާރާއިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ހަރުދަނާކުރުމުގެ ގޮތުން، ފާއިތުވި ދުވަސްތަކުގައި މުއައްސަސާއަށް ގުޅައިގެން ޚިދުމަތް ހޯދުމަށް އާންމު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ނިމުމަކަށް ގެނައުމަށްޓަކައި، ވުޒާރާގައި އައު ހޮޓްލައިން ނަންބަރެއް (1433) ވަނީ ތަޢާރަފުކުރެވި، ފަސޭހަކަމާއެކު ގުޅޭނެ އިންތިޒާމު ހަމަޖެއްސިފައެވެ.

ވުޒާރާގެ ހޮޓްލައިން އަދި ހެލްޕް ލައިނަށް ގުޅައިގެން ޚިދުމަތް ހޯދާ ފަރާތްތަކަށް، އެ ޚިދުމަތް ލިބޭނެކަން ކަށަވަރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއެކު، ކޮންމެ ރައްޔިތަކަށް ވެސް ވުޒާރާއާ ގުޅައިގެން ޚިދުމަތް ލިބިގެންދާނެކަން ވަނީ ކަށަވަރުކުރެވިފައެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން