ރޯދަމަހު ތަރާވީޙް ކުރަން ރާއްޖެއިން ބޭރުން ޙާފިޡުން ގެނައުމަށް ވިޒާއަށް އެދެން ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ރޯދަމަހު ތަރާވީޙް ކުރަން ރާއްޖެއިން ބޭރުން ޙާފިޡުން ގެނައުމަށް ވިޒާއަށް އެދެން ހުޅުވާލައިފި

ކުރިއަށް އޮތް ރަމަޟާންމަހު ރާއްޖޭގެ މިސްކިތްތަކުގައި ހިފުޒުކޮށް ތަރާވީޙް ނަމާދު ކުރުމަށްޓަކައި، ރާއްޖެއިން ބޭރުން ޙާފިޡުންނާއި ގާރީން ގެނައުމަށް ބޭނުންވާ ވިޒާއަށް އެދި ހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހުޅުވާލައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ރޯދަ މަހު މިސްކިތްތަކުގައި ތަރާވީޙް ނަމާދު ކުރުމަށާއި ހިފުޒު ކުރުމަށް ޙާފިޡުން ގެނައުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހުއްދަ ދޫކޮށްފައިވާ ފަރާތްތަކަށް، މިހާރު އިމުގާ ޕޯޓަލް މެދުވެރިކޮށް ވިޒާއަށް ހުށަހެޅޭނެ ކަމަށެވެ.

މިގޮތުން ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް އިތުރު ފީއަކާ ނުލައި، އެ ފަރާތްތައް ރާއްޖެ އަންނަ ތާރީޚުން ފެށިގެން 45 ދުވަހުގެ ސްޕެޝަލް ވީޒާއެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ވިޒާއަށް އެދޭއިރު ޙާފިޡުގެ ޕާސްޕޯޓު ޑާޓާ ޕޭޖުގެ ސާފު ކުލަ ކޮޕީއަކާއި، ފޮޓޯއަކާއި ޕާމިޓް ޑެކްލަރޭޝަން ހުށަހަޅަންޖެހޭނެ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.

މީގެއިތުރުން، ސްޕެޝަލް ވިޒާގައި ރާއްޖެ ވަޑައިގަންނަވާ ޙާފިޡުންނާއި ގާރީންގެ އާއިލާގެ މެންބަރަކު ރާއްޖެ ގެންނަވާނަމަ، އިމުގާ ޕޯޓަލް މެދުވެރިކޮށް ސްޕޮންސަރޝިޕް ޑެކްލަރޭޝަނަށް ހުށަހަޅަންޖެހެއެވެ. އަދި އެފަދަ ފަރާތްތަކުން ރާއްޖެއަށް ދަތުރު ފެށުމުގެ ކުރިން އެކަމުގެ ހުއްދަ ހޯދަންވާނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ރާއްޖޭގެ ގިނަ މިސްކިތްތަކެއްގައި ހިފުޒުކޮށް ތަރާވީޙް ނަމާދު ކުރުމަށްޓަކައި ރާއްޖެއިން ބޭރުގެ ގައުމުތަކުން ގިނަ އަދަދެއްގެ ޙާފިޡުން ގެންނަކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން