ގޭންގު ކުށްތައް ހުއްޓުވުމާ ބެހޭ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ކުށްކުރާ ގްރޫޕެއް ގޭންގެއްގެ ގޮތުގައި ކަނޑައެޅުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ދިވެހި ފުލުހުންގެ ހިދުމަތުން ފޮނުވައިފިއެވެ. މިއީ މި ގާނޫނުގެ ދަށުން ކުށްކުރާ ގްރޫޕެއް ރަސްމީކޮށް ގޭންގެއްގެ ގޮތުގައި ކަނޑައެޅުމަށް ފުލުހުން ފޮނުވި ފުރަތަމަ މައްސަލައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގޭންގް ކްރައިމް އެންފޯސްމެންޓް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގް އާދަމް ވިދާޅުވީ، ގޭންގެއްގެ ގޮތުގައި ކުށްކުރާ ގުރޫޕެއް ކަނޑައެޅުމުގެ މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވުމުން، އެ އޮފީހުން އެ މައްސަލަ ފުރިހަމަކުރުމުގައި ފުލުހުން ފުރިހަމަކުރަންޖެހޭ ބައެއް ކަންކަމާ ގުޅޭ ލަފައާއި އިރުޝާދު މިހާރު ދީފައިވާ ކަމަށެވެ.
"ގޭންގެެއް ކަނޑައެޅުމަށްޓަކައި އެއް މައްސަލަ ވާނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި. އެ މަސައްކަތުގައި ޕީޖީ އޮފީހުން އަޅުގަނޑުމެންނަށް ލަފާދީފައި ހުރި ކަންކަން މިހާރު މި ގެންދަނީ ކުރަމުން،" އިސްހާގު ވިދާޅުވިއެވެ.
މިހާރު އަމަލުކުރަމުންދާ "ގޭންގް ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު"ގައި ބަޔާންކުރާ ގޮތުން، ކުށްކުރާ ގުރޫޕެއް ގޭންގެއްގެ ގޮތުގައި ކަނޑައެޅުމުގެ އިޖުރާއަތަކީ ފުލުހުން ޕީޖީ އޮފީހަށް ހުށަހެޅުމުން، އެ އޮފީހުން މައްސަލަ ދިރާސާކުރުމަށްފަހު ހައިކޯޓަށް ހުށަހެޅުމެވެ. ގާނޫނީ ގޮތުން ގޭންގެއް ކަމަށް ކަނޑައެޅުމުގެ ފުރިހަމަ ބާރު ލިބިފައިވަނީ ހައިކޯޓަށެވެ.
އިސްހާގު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މާލޭގެ އިތުރުން އަތޮޅު ތެރެއިންވެސް ގާނޫނުގައި ބަޔާންކުރާ ޝަރުތު ފުރިހަމަވާ ގުރޫޕުތައް ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފެށިފަހުން ގޭންގު ކުށްތައް ކުރާ މިންވަރު ވަރަށް ބޮޑަށް މަދުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ގާނޫނު ވުޖޫދުވުމުގެ ކުރިން މަގުމަތީގައި ނުރައްކާތެރި ކުށްކުރާ ގުރޫޕުތައް ހަރަކާތްތެރިވަމުން އައި ނަމަވެސް، މިހާރު އެފަދަ ގުރޫޕުތަކާއި އެ ފަރާތްތަކުން ހިންގާ ޖަރީމާތައް މަދުވެފައިވާކަމަށް ފުލުހުންގެ މައުލޫމާތުތަކުން ދައްކައެވެ.