މަދަރުސީ ތަޢުލީމްގެ ނިޒާމުގައި އަޚްލާޤާއި ތަރުބިއްޔަތަށް ޚާއްސަ އިސްކަމެއް ދިނުމަށް ވަނީ ނިންމާފަ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
މަދަރުސީ ތަޢުލީމްގެ ނިޒާމުގައި އަޚްލާޤާއި ތަރުބިއްޔަތަށް ޚާއްސަ އިސްކަމެއް ދިނުމަށް ވަނީ ނިންމާފަ: ވަޒީރު

އަންނަ އަހަރުގެ މަދަރުސީ ތަޢުލީމްގެ ނިޒާމުގެ ތެރެއިން ދަރިވަރުންގެ އަޚްލާޤާއި ތަރުބިއްޔަތަށް ޚާއްސަ އިސްކަމެއް ދިނުމަށް ނިންމާފައިވާ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ވަޒީރު ވިދާޅުވީ، ތަޢުލީމަކީ ހަމައެކަނި ސްކޫލް މާހައުލުން ދެވޭނެ އެއްޗެއް ނޫން ކަމަށާއި، އެއީ މުޅި މުޖުތަމަޢު ގުޅެންޖެހޭނެ ކަމެއް ކަމަށެވެ. މި މަސައްކަތުގައި ބެލެނިވެރިންނާއި، މުދައްރިސުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށާއި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ހަޤީޤީ އޮއްޓަރު ހުރި ތަޢުލީމަކީ ތަރުބިއްޔާތާއެކު ދެވޭ އެއްޗެއް ކަމަށެވެ. އެގޮތުން ރިވެތި އަޚުލާގާއި، ރިވެތި ސިފަތައް އަދި ރިވެތި އަދަބުތައް ދަރިވަރުންނަށް ދަސްކޮށް ދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުގެ ދަށުން އަންނަ އަހަރުން ފެށިގެން މިކަމަށް ޚާއްސަ އިސްކަމެއް ދިނުމަށް ނިންމާފައިވާއިރު، އެކަމަށްޓަކައި ތަޢުލީމީ ވުޒާރާއިން ކުރަންޖެހޭ ތައްޔާރީތައް މިހާރު ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ދަރިވަރުންގެ ތަރުބިއްޔަތުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "މިއީ މެހެމާނުންނަށް މަރުޙަބާ ކިޔަައިގެން ޢާމްދަނީ ހޯދާ ޤައުމެއް. ބަލާލި ކޮންމެ ދިމާލަކުންވެސް އެއީ ސްކޫލް މަދަރުސާ އަކުންވިޔަސް، މަގުމަތި ކަމުގައި ވިޔަސްމެ. އަދި އެއީ މަސައްކަތުގެ މާހައުލު ކަމުގައިވިޔަސް ޤައުމުން ފެންނަން ވާނީ ރިވެތި އާދަކާދަތައް. ރިވެތި އަޚުލާޤު. ހެޔޮގޮތުގައި ތަރުބިއްޔަތުވެފައި ތިބި ކުދިންތައް ފެންނަން ވާނެ."

މި ނިންމުމާއެކު، ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން ހަމައެކަނި ފޮތްތެރި އިލްމުގެ ބަދަލުގައި، މުޖުތަމަޢަށް ބޭނުންތެރި، އަޚްލާޤީ ގޮތުން ފުރިހަމަ ޖީލެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން