ސިވިލް ސާރވިސްގެ ވަޒީފާއިން ރިޓަޔަރ ކުރުމަށްފަހު އަލުން ދައުލަތުގެ ވަޒީފާއެއް އަދާކުރާނަމަ، އެ މީހަކަށް ދެމުން އައި ރިޓަޔަމެންޓް ޕެންޝަން އެ މުއްދަތުގައި ނުލިބޭ ގޮތަށް ސިވިލް ސާރވިސް ޤަވާއިދު އިސްލާޙުކޮށްފިއެވެ. މި ބަދަލާއެކު ދައުލަތުގެ ވަޒީފާއެއްގައި ހުރެ ރިޓަޔަރ ކުރާ ފަރާތްތަކުން އަލުން ވަޒީފާއަށް ނުކުންނަ މުއްދަތުގައި ޕެންޝަން އިނާޔަތް މެދުކަނޑާލެވޭނެއެވެ.
ސިވިލް ސާރވިސް ކޮމިޝަންގެ ޤަވާއިދަށް ގެނައި އިސްލާޙުގައި ބުނެފައިވަނީ، ވަޒީފާއިން މުސްކުޅި ކޮށްފައިވާ މުވައްޒަފަކު އަލުން ދައުލަތުގެ މަޤާމަކަށް އިންތިޚާބުވެއްޖެނަމަ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާނަމަ، އެ ވަޒީފާގައި ދެމި ހުންނަ މުއްދަތުގައި އެ މީހަކަށް މުސްކުޅި ކުރުމުގެ އިނާޔަތެއް ނުލިބޭނެ ކަމަށެވެ. މީގެ އިތުރުން، ކުރިން ލިބެމުން ދިޔަ މުސްކުޅި ކުރުމުގެ އިނާޔަތުގެ ފައިސާ އަލުން ދޫކުރަން ފެށޭނީ އެ ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެން ކަމަށްވެސް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
އަލަށް ގެނައި އިސްލާޙުގައިވާ ގޮތުން، ރިޓަޔަރ ކުރުމަށްފަހު އަލުން ދައުލަތުގެ އިންތިޚާބީ މަޤާމެއް ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރަން ފަށާނަމަ، އެކަން ޕެންޝަން އޮފީހަށް އަންގަން ޖެހޭނެއެވެ. "އެގޮތަށް ނާންގާ ވަޒީފާ އަދާކުރާ މުއްދަތުގައި ރިޓަޔަމެންޓް ޕެންޝަން އެލަވަންސް ލިބިއްޖެނަމަ، އެ ފައިސާއެއް އަނބުރާ ދައުލަތަށް ދައްކަންޖެހޭނެ،" ކަމަށް ސިވިލް ސާރވިސް ކޮމިޝަނުން ވިދާޅުވެފައިވެއެވެ.
މި ނިންމުމަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި، އެއް މުއްދަތެއްގައި ދައުލަތުގެ ބަޖެޓުން ދެ އާމްދަނީއެއް އެކަކަށް ލިބުން ހުއްޓުވުމަށް އެޅުނު ފިޔަވަޅެއް ކަމަށް ބެލެވެއެވެ. މި ބަދަލަށް އަމަލުކުރަން ފެށުމާއެކު، ރިޓަޔަރމަންޓް ޕެންޝަން ލިބޭ ފަރާތްތަކުން ވަޒީފާއަށް ނުކުތުމުގައި މި އުސޫލަށް ސަމާލުކަން ދޭންޖެހޭނެއެވެ.