އުރީދޫ ފަން ރަން 2025 ގައި ބައިވެރިވި ފަރާތްތަކަށް ބިބް ނަމްބަރު މެދުވެރިކޮށް އިވެންޓުގެ ފޮޓޯތައް ފަސޭހަކަމާއެކު ހޯދައި ޑައުންލޯޑް ކުރެވޭނެ ފީޗާއެއް އުރީދޫ މޯލްޑިވްސް އިން ތައާރަފްކޮށްފިއެވެ. މި އާ ފީޗާގެ ސަބަބުން ދުވުމުގެ ބައިވެރިންނަށް އެމީހުންގެ ހަނދާންތައް ރައްކާކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި ފޮޓޯތައް ހޯދުމަށްޓަކައި funrun.ooredoo.mv އަށް ޒިޔާރަތްކޮށް، ފަން ރަން ބިބް ނަމްބަރު ޖެހުމުން އެ ބިބް ނަންބަރު ފެންނަ ފަރާތްތަކުގެ ފޮޓޯތައް ފެނިގެންދާނެއެވެ. އަދި މި ފޮޓޯތައް ޑައުންލޯޑު ކުރުމުގެ ފުރުސަތުވެސް ބައިވެރިންނަށް ލިބޭނެއެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ދުވުންތެރިންނަށް ފަން ރަންގެ ތަޖުރިބާ އާކޮށް، ރާއްޖޭގެ އެންމެ އުފާވެރި ދުވުމުގެ ހަނދާންތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ހުޅުމާލޭގައި ބޭއްވި އުރީދޫ ފަން ރަން 2025 އަކީ މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު ފަން ރަން ކަމަށް އުރީދޫއިން ފާހަގަކުރެއެވެ. އާއިލާތަކާއި، ޒުވާނުންނާއި، ކުޑަކުދިންގެ އިތުރުން ކޯޕަރޭޓް ޓީމުތަކާއި ފިޓްނަސް އަށް ލޯބިކުރާ ގިނަ ބަޔަކު ވަނީ ހުޅުމާލޭގެ މަގުތަކަށް ނުކުމެ، މި ދުވުމުގައި ބައިވެރިވެ އެއްބައިވަންތަކަން ދައްކުވައިދީފައެވެ. އުރީދޫ ފަން ރަން އަކީ މިހާރު ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ އިންތިޒާރު ބޮޑު ކޮމިއުނިޓީ ފިޓްނަސް އިވެންޓެވެ.
ބިބް ބޭސްޑް ފޮޓޯ ސާޗް ފީޗާ ތައާރަފްކުރުމާއެކު، އުރީދޫ މޯލްޑިވްސްއިން ދަނީ ފަން ރަންގެ ޑިޖިޓަލް އެކްސްޕީރިއަންސް އިތުރަށް ފުރިހަމަކުރަމުންނެވެ. މީގެ ސަބަބުން އިވެންޓް ނިމުމުންވެސް ގިނަ ދުވަސްތަކެއް ވަންދެން ބައިވެރިންނަށް އެ ހިތްގައިމު ވަގުތުތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އުރީދޫ ފަން ރަން 2025 ކާމިޔާބު ކުރުމަށް އެހީތެރިވެދިން ހުރިހާ ބައިވެރިންނަށާއި، ޕާޓްނަރުންނަށާއި، ވޮލަންޓިއަރުންގެ އިތުރުން ސަޕޯޓަރުންނަށް އުރީދޫ މޯލްޑިވްސްއިން ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.