އެންމެ ބޮޑު ފާފަކުރެވުނީމާ ގެއިން ބޭރުކޮށްލުމުން ތައުބާވެ ކުރި ދުޢާއިން އުންމީދުވެސް ނުކުރެވޭވަރުގެ ބޮޑު އުފަލެއް ލިބުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 50ސ
އެންމެ ބޮޑު ފާފަކުރެވުނީމާ ގެއިން ބޭރުކޮށްލުމުން ތައުބާވެ ކުރި ދުޢާއިން އުންމީދުވެސް ނުކުރެވޭވަރުގެ ބޮޑު އުފަލެއް ލިބުނު އަންހެނެއްގެ ވާހަކަ-

އަޅުގަނޑަށްވެސް މީހަކު ދެކެ ލޯބިވެވުނެވެ. އެލޯބީގެ އަވާގައި ޖެހެވި އެންމެ ބޮޑު ފާފަވެސް ކުރެވުނެވެ. ބަލިވެ އިންނަންވެސް ޖެހުނެވެ. އެކަން އެނގުމުން ބައްޕަ އަޅުގަނޑަށް މާފެއް ނުކުރިއެވެ. ގެއިން ބޭރުކޮށްލިއެވެ. 

ބައްޕައަކީ ޤަދަރުވެރިއެކެވެ. ތަނަވަސް މީހެކެވެ. ބައްޕަ ކުށްވެރިއެއް ނުކުރަމެވެ. ބައްޕަގެ އެންމެ ބޮޑު އުންމީދަކީ އަޅުގަނޑު ޔުނިވަރސިޓީ ނިންމުން ކަމަށްވެފައި އެކަމަށް ހުރަސްއެޅުނީތީއެވެ. އެޙާލަތުގައި އެންމެ ބޮޑަށް ދެރަވީ ގެއިން ނެރެލިތީއެއްވެސް ނޫނެވެ. ލޯބިވެރިޔާ ވަކިވީތީއެވެ.  

އަޅުގަނޑު ގެންދިއައީ ބޮޑުދައިތައެވެ. އެގޭގައި އިނދެގެން ތައުބާވީމެވެ. އަޅުކަންކުރުމާ ދުޢާކުރުން ގިނަކުރީމެވެ. ބައްޕަގެ ހިތުގައި އަޅުގަނޑަށް ހަމްދަރުދީ އުފެދި އަޅުގަނޑަށް މާފުކޮށް އަނބުރައި ގެއަށް ގެންދޭތޯއެވެ. އެއީ މަންމަ ކިތަންމެ ބޮޑަށް ބޭނުންވިޔަސް ބައްޕަގެ ނުރުހުމުގައި ގެއަށް ނުވަދެވޭނެތީއެވެ.  

ވިހައިގެން ހޮސްޕިޓަލުގައި އޮއްވައި ހުވަފެނެއް ފެނުނެވެ. ހުދުހެދުމުގައި ހުރި މާތް މީހަކު ބުނީ ހޮސްޕިޓަލުން ދޫކޮށްލީމާ ގެއަށްގޮސް ބައްޕައާއި ކުރިމަތިލުމަށެވެ. މާފަށް އެދުމަށެވެ. އެވާހަަކ ބޮޑުދައިތަ ގާތުގައި ބުނުމުން ބުނީ އެގޮތަށް އެކަން ކުރަން މަންމަވެސް އެދިފައިވާ ކަމަށެވެ. އެހެންވެ ފުރަތަމަ ދާނީ ގެއަށް ކަމަށާއި ބޮޑުދައިތަގެ ގެއަށް ގެންދާނީ ބައްޕަ ނުރުހިއްޖެނަމަ ކަމަށެވެ.  

ގެއަށްގޮސް ބެލްޖެހުމުން ދޮރުހުލުވީ މަންމައެވެ. ބައްޕަވެސް ހުއްޓެވެ. އެތެރެއަށްވަދެ ބައްޕަގެ ފައިމައްޗަށް ތިރިވެ މާފަށް އެދުނީމެވެ. ދަރިއަކު އޮތަސް ބައްޕަ ބޭނުންވާ ފެންވަރަށް ކިޔަވާނެކަމަށްވެސް ބުނީމެވެ. އަދި ދެން ދުވަހަކުވެސް މަންމައާއި ބައްޕަ ނުރުހޭނެ އެއްވެސް ކަމެއް ނުކުރާނަން ކަމަށްވެސް ބުނީމެވެ.  

ދަރިފުޅު އޮތީ ބޮޑުދައިތަގެ އަތުގައެވެ. މަންމަ އަނގައިންވެސް ނުބުނެ ބަލަހައްޓައިގެން ހުއްޓެވެ. ހުރީ ކަޅިވެސް ޖަހާނުލައި ދަރިފުޅަށް ބަލަހައްޓައިގެންނެވެ. ދަރިފުޅު އުރާލަން ބޭނުންވެގެންނެވެ. ނަމަވެސް ބައްޕަ ދެކެ ގަންނަ ބިރުން އަތްލަން ނުކެރިފައިކަންވެސް އެނގުނެވެ. އެހެންވެ ވިސްނާލާފައި ބައްޕަގެއަތަށް ދަރިފުޅު ދިއްކޮށްލީމެވެ.  

އެހަރުކަށި ބައްޕައަށް ވީގޮތެއްވެސް ނުއެނގުނެވެ. ހީވީ ދަރިފުޅު ޖަހައިގަތްހެންނެވެ. ގޮތެއް ހަދައިފާނެތީ ބިރުވެސް ގަތެވެ. ގެއަށް ދިއައީވެސް އަދި ގެއަށްވަނީވެސް ދުޢާކުރުންމަތީގައެވެ. އެއިރުވެސް ގެންދިއައީ ހިތުން ދުޢާކުރަމުންނެވެ. އެހެންވެ ކަންބޮޑެއް ނުވަމެވެ.  

ދަރިފުޅު އުރައިގެން އިރުކޮޅަކު ހުރެފައި ބުންޏެވެ. "ޠޯހިރުވީހާއަވަހަކަށް ހެޔޮލަފާ މީހަކާ ކައިވެނިކުރާށެވެ! ވަޢުދުވީ ގޮތަށް ކިޔަވަންފަށާށެވެ! ދަރިފުޅަށް ގާތުން ދޭން ނޫން ކަމަކު އަތްލާނެ ކަމެއް ނެތެވެ. އަހަރެމެން ދަރިފުޅު ބަލާނަމެވެ." އެހެން ބުނެފައި މަންމަގެ އަތަށް ދަރިފުޅު ދިނުމުން މަންމަގެ ކޮލުގެ ދަތްތައްވެސް ފެންނަވަރަށް ހީނލިއެވެ.  

އެތަންފެނިފައި ބައްޕައަށްލިބުނު އުފާވެރިކަން ބޮޑުވެގެންގޮސް ބޮޑުދައިތައަށް ބުންޏެވެ. "ފަހަރި ދަރިފުޅަށް ތިއަކޮށްދިން ޚިދުމަތުގެ އަގު ފައިސާއަކުން ނުދެވޭނެއެވެ. އެހެންވެ ގެއިން މިހާރު ނުނިމިހުރި ދެބުރި ނިންމައިދޭނަމެވެ."  

ފަހުް މަންމަގެ ކިބައިން ކިބައިން އެނގުނު ގޮތުގައި ބައްޕައަށް އެހައި ބޮޑު ބަދަލެއް އައީ އަޅުގަނޑު ވިހަންވެފައި ހުއްޓާ ފެނުނު ހުވަފެނެއްގެ ސަބަބުންނެވެ. އަޅުގަނޑު ހޮސްޕިޓަލުން އަންނާނީ ގެއަށް ކަމަށް ބުނިކަމަށްވެސް ވެއެވެ. ނަމަވެސް އިތުރަކަށް ކިޔައެއް ނުދެއެވެ.

ޔަޤީންކަމާއިއެކު ބުނަނީއެއް ނޫނެވެ. އެކަމަކުވެސް އަޅުގަނޑަށް ޔަޤީންކުރެވެނީ ކަންކަން މިގޮތަށް ބަދަލުވެ ބައްޕަގެ ހިލަ ހިތް މަޑުވެގެންދިއައީ ތައުބާވެ އަޅުގަނޑު ކުރި ދުޢާއިންނެވެ. ބައްޕައަކީ ބައްޕަ ބޭނުންވާ ގޮތް ނޫން އިތުރުގޮތެއް ޤަބޫލުކުރާ މީހެއް ނޫންވީމައެވެ.

 

- ވާޞިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

--ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން