ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ޑައިރެކްޓަރު އަބްދުލްފައްތާހު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުނިފޫހިފިލުވުމުގެ ދާއިރާއިން، ފިލްމު ޑައިރެކްޓް ކުރެއްވުމުގެ ރޮނގުން ޤައުމީ ޚިދުމަތުގެ އިނާމު ޙާޞިލްކުރައްވާފައިވާ ފަންނުވެރިއެއްކަމުގައިވާ ޢަބްދުލްފައްތާޙް ޢަބްދުލްޤައްޔޫމް ނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ބައިވެރިވެ، އެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވާ ކަމަށެވެ. އަދި މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާ، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލެހެއްޓެވުމަށް އެދި ރައީސް ވަނީ ދުޢާ ކުރައްވާފައެވެ.
ފައްތާހު ނިޔާވީ ކުއްލިގޮތަކަށް އިއްޔެގެ ހަވީރުގެ ވަގުތެއްގައި ހާޓް އެޓޭކެއް ޖެހިގެންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ހާޓް އެޓޭކް ޖެހުމުން ފުރަތަމަ ކުޅުދުއްފުށްޓަށް ގެންދިއުމަށް މަސައްކަތް ކުރި ނަމަވެސް، އެއަށްވުރެ އަވަހަށް ދެވެން އޮތީ ހއ. ދިއްދޫއަށް ކަމަށްވުމުން އޭނާ ނިޔާވީ ދިއްދޫއަށް ދަތުރު ކުރަމުން ދަނިކޮށް ކަނޑުމަތީގައެވެ.
ފައްތާހުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ ފަތިހު، ދިއްދޫ އިސްލާމީ މަރުކަޒުގައެވެ. ފައްތާހަކީ ދިވެހި ފިލްމީ ސިނާއަތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށް، ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ފާހަގަކޮށްލެވޭ ފަންނުވެރިއެކެވެ.