ބާޒާރުމަތީ ސަރަޙައްދުގެ މަގު ހެދުމުގެ މަޝްރޫއުގެ ފެން ހިންދާ ނިޒާމުގެ 50 އިންސައްތަ މަސައްކަތް ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ބާޒާރުމަތީ ސަރަޙައްދުގެ މަގު ހެދުމުގެ މަޝްރޫއުގެ ފެން ހިންދާ ނިޒާމުގެ 50 އިންސައްތަ މަސައްކަތް ނިންމާލައިފި

މާލޭގެ ބާޒާރުމަތީ ސަރަޙައްދުގެ މަގުތައް ހެދުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ފެން ހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މި މަޝްރޫއަކީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.

މި މަޝްރޫއުގެ ތަފްސީލް ހިއްސާކުރަމުން އެމްޓީސީސީން ބުނީ، މިހާރު ކުރިއަށްދަނީ ޝީޓް ޕައިލް ކުރުމުގެ މަސައްކަތާއި، ފެން ހިންދާ ނިޒާމުގެ އިތުރުން ސެޓްލްމަންޓް ޓޭންކްތައް ބެހެއްޓުމުގެ މަސައްކަތް ކަމަށެވެ. މީގެ އިތުރުން، ފައިމަގުގައި ހިނގާ މީހުންނަށް ޚާއްޞަކޮށްގެން ތަރައްޤީކުރާ ލޭންގައި ކާބްސްޓޯން ޖެހުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ.

މި މަޝްރޫއުގެ ތެރެއިން މަގުތަކުގައި އަލަށް ނަޖިސް ފެނާއި ސާފު ފެން ހިންދާ ހޮޅިތައް އެޅުމުގެ މަސައްކަތް ވެސް ބާރުމިނުގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ. ބާޒާރުމަތީ ސަރަހައްދުގެ މަގު ހެދުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މި ހިނގާ މަހުގެ 9 ވަނަ ދުވަހުއެވެ.

އެމްޓީސީސީން ބުނި ގޮތުގައި، މި މަޝްރޫއަކީ މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަ އަދި ޒަމާނީ މަގުތަކަކަށް އެ ސަރަހައްދު ބަދަލުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަޝްރޫއު ނިމުމުން ބާޒާރުމަތީ ސަރަހައްދަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން