ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުން ހެދުން އެޅުމާ ގުޅޭ ގަވާއިދު އިސްލާހުކޮށްފިއެވެ. މި ބަދަލަކީ ސިވިލް ސަރވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑުތައް ފަހަކަށް އައިސް އިޖުތިމާޢީ މިންގަނޑަށްވުރެ ދަށްވެފައިވާ ކަމަށް ބުނެ އާންމުންގެ ފަރާތުން ލިބުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލެކެވެ.
މި ޝަކުވާތަކާ ގުޅިގެން އެ މުވައްޒަފުން ހެދުން އެޅުމުގެ ގަވާއިދު އިސްލާހު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނަށް (ސީއެސްސީ) ދަންނަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި އިޢުލާން ކުރައްވާފައެވެ. ރައީސް ވިދާޅުވީ މީގެ ކުރިން ސިވިލް ސާވިސްގެ މުވައްޒަފުން ހެދުން އެޅުމުގެ ގަވާއިދުގައި ވަރަށް ރަނގަޅު މިންގަނޑެއް އޮތް ނަމަވެސް، 2014 ވަނަ އަހަރު އެ މިންގަނޑުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެހެންކަމުން، ކުރީގެ މިންގަނޑާ އެއްގޮތަށް އަލުން އަމަލުކުރުމަށް ސީއެސްސީގައި ދަންނަވާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިސްލާހު ކުރެވުނު ގަވާއިދުގައިވާ ގޮތުން، މުވައްޒަފުން ރަސްމީ ގަޑި އާއި ނުރަސްމީ ގަޑީގައި އޮފީހުގައި އަދި އޮފީހުގެ މަސައްކަތުގައި ތިބެން ވާނީ ޚިދުމަތް ހޯދަންދާ މީހުންގެ ކުރިމަތީގައި މުވައްޒަފާއި އޮފީހުގެ ގަދަރާއި ހައިބަތު ހިފަހައްޓައި، ސާފުތާހިރު، އެކަށީގެންވާ ނަލަ ހެދުމެއްގައެވެ. މީގެ އިތުރުން އިސްތަށިގަނޑާއި ބޮލާއި ތުނބުޅި ބަލަހައްޓައި ދިވެހި މުޖުތަމައު ގަބޫލުކުރާ އަޚުލާގީ ހަމަތައް ހިފެހެއްޓޭ ގޮތުގައި ތިބުމަށް ވަނީ ލާޒިމުކޮށްފައެވެ.
މި އިސްލާހުގައިވާ ގޮތުން ސިވިލް ސަރވިސްގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން ރަސްމީ މަސައްކަތުގައި އުޅޭއިރު ބޭނުންކުރަންވާނީ ދިގު ހެދުމެއް ނުވަތަ ދިވެހި ލިބާހެއް ނުވަތަ އޮފީސް ހެދުމެވެ. އަދި ލައިގެން ހުންނަ ހެދުމަކީ، އެ ހެދުން އަޅާ މުވައްޒަފު ދޭންޖެހޭ ހިދުމަތުގެ ބާވަތުން، އެ ހިދުމަތެއް ދިނުމަށް ދަތިވާ ހެދުމަކަށް ވެގެން ނުވާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
އިސްތަށިގަނޑު ބެލެހެއްޓުމާ ގުޅޭގޮތުން ގެނެވުނު އިސްލާހުގައި ވަނީ، އިސްތަށިގަނޑުގައި ކަޅުކުލަ ނޫން ފާޅުކަން ބޮޑު ކުލައެއް ޖެއްސުމާއި ޝޭޑްކޮށް، ހައިލައިޓް ކުރުން ސިވިލް ސަރވިސް މުވައްޒަފުންނަށް މަނާވާނެ ކަމަށެވެ. މި ބަދަލުތަކާއެކު ސިވިލް ސަރވިސްގެ އަބުރާއި ހައިބަތު ކުރިއަށްވުރެ ބޮޑަށް ހިފެހެއްޓިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.