ރާއްޖޭގެ ކްލިނިކްތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނުތަކަށް އާސަންދަ ލިބޭގޮތަށް ހަމަޖެއްސުމަށް ނިންމާފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު ހާމަކޮށްފިއެވެ. މިއީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ނިންމެވި ނިންމުމެކެވެ.
އެންސްޕާއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގައި، ބޭސްފަރުވާގެ ނިޒާމާ ގުޅޭގޮތުން ރައްޔިތުން ގިނަ ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ބައެއް އަމިއްލަ ކްލިނިކްތަކާއި ފިހާރަތަކުން އާސަންދަ ނުލިބުމުގެ ޝަކުވާތައް ހިމެނެއެވެ.
މި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން، އިޖްތިމާއީ ސިއްހީ އިންޝިއުރަންސްގެ ގައުމީ ނިޒާމު "އާސަންދަ ސްކީމް" ގެ ދަށުން ފޯރުކޮށްދޭ ހިދުމަތްތަކަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން ޕްރިސްކްރިޕްޝަން އައިނު ހެއްދުމުގެ ހިދުމަތް އިތުރަށް ފުޅާކޮށް، ކްލިނިކްތަކާއި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ލިޔެދޭ އައިނުތަކަށް އާސަންދަ ކަވަރޭޖް ލިބޭނެ ގޮތް ހަމަޖެހިގެންދާނެއެވެ.
އެންސްޕާއިން އިތުރަށް ވިދާޅުވީ، "މިކަން ތަންފީޒުކުރުމަށްޓަކައި ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން އުސޫލުތައް އެކުލަވާލާ އާންމުކޮށް އަންނަ މަހުގެ 15 އިން ފެށިގެން އެފަދަ ތަންތަނުން އާސަންދައިގެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރަން ފެށޭނެ،" ކަމަށެވެ.
މި އާ ބަދަލާއެކު، އައިނު ހެއްދުމަށް ރައްޔިތުން ކުރަންޖެހޭ ހޭދަ ކުޑަވެ، ލުއިފަސޭހަކަމާއެކު އާސަންދައިގެ ދަށުން މި ހިދުމަތް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ.