އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓްގެ އިންވެސްޓަރުނާއެކު ދިވެހި ސަރުކާރުން މިއަދު ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު ކުރިއަށްދިޔައީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ. އަދި އިންވެސްޓަރު ކުންފުނި ކަމަށްވާ ކްރިސްޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޕެރަޓް ކްރިސްޓިކްއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މި ޓައުންޝިޕް މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދު އައު ހަރުފަތަކަށް ގެންދިއުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫޢެއްކަމަށެވެ. އަދި މިފަދަ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ސަބަބުން އިތުރު އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށް ސަރުކާރަށް ބޮޑު ހިތްވަރެއް ލިބި، އެކަމަށް މަގުފަހިވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން މުޅި ރާއްޖެއަށާއި، ބައިނަލްއަޤްވާމީ އިންވެސްޓަރުންނަށާއި ވަކިވަކި ފަރުދުންނަށް އާމްދަނީ ހޯދުމުގެ އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. މީގެ އިތުރުން މިއީ ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް، ޚާއްސަކޮށް ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ކުރިއެރުންތަކެއް ގެނުވާނެ ކަމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
"މިފަދަ އިންވެސްޓްމަންޓްތަކުގެ ސަބަބުން، ވަޒީފާގެ ފުރުސަތުތައް އިތުރުވުމާއި، ތިމާވެށީގެ ރައްކާތެރިކަމާއި، 60 އިންސައްތަ އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން ފަދަ ކަންކަމުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ގެންގުޅުއްވާ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތަށް ލިބޭ ބޮޑު އެހީތެރިކަމެއް،" ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢަކީ ތިމާވެއްޓާ ރައްކާތެރި، ދެމެހެއްޓެނިވި ތަރައްޤީގެ މިންގަނޑުތަކަށް ފެތޭ ގޮތަށް ފަރުމާކުރެވިފައިވާ މަޝްރޫޢެއްކަން ސަރުކާރުން ހާމަކުރެއެވެ.