ޓައުންޝިޕް މަޝްރޫޢުން ދިވެހިރާއްޖޭގެ އިޤްތިޞާދު އައު އުސްމިންތަކަކަށް ގެންގޮސްދޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓްގެ އިންވެސްޓަރުނާއެކު ސަރުކާރުން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މި މަޝްރޫއު ކުރިއަށްގެންދިއުމަށް އިންވެސްޓަރުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދިޔަކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން ވަރަށް ގިނަ ކަންތައްތައް ދަސްވެގެންދިޔަކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ޓައުންޝިޕް މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދު އައު ހަރުފަތަކަށް ގެންދިއުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫޢެއްގެ ގޮތުގައި ވަޒީރު ވަނީ ސިފަކުރައްވާފައެވެ. މީގެ ސަބަބުން މިފަދަ އިތުރު އިންވެސްޓްމަންޓްތައް ހޯދުމަށް ސަރުކާރަށް ހިތްވަރު ލިބި، އެކަމަށް މަގުފަހިވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރަކީ ފާހަގަކޮށްލަން ޖެހޭ ކަމެއްކަމަށެވެ. އެގޮތުން އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓަކީ އެ ތަސައްވުރުގެ ދަށުން ކުރިއަށްދާ މުހިންމު އެއް މަޝްރޫއުކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.