ޞިއްޙީ ވުޒާރާގެ ބެލުމުގެދަށުން ޢުމްރާނީ ތަރައްޤީގެ 170 މަޝްރޫޢު ދަނީ ކުރިއަށް: ޞިއްޙީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ޞިއްޙީ ވުޒާރާގެ ބެލުމުގެދަށުން ޢުމްރާނީ ތަރައްޤީގެ 170 މަޝްރޫޢު ދަނީ ކުރިއަށް: ޞިއްޙީ ވަޒީރު

އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޞިއްޙީ ވުޒާރާގެ ބެލުމުގެ ދަށުން މިހާރުވެސް ޢުމްރާނީ ތަރައްޤީގެ 170އެއްހާ މަޝްރޫޢު ކުރިއަށްދާކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޞިއްޙީ ވުޒާރާއިން އަލަށް ތަޢާރަފްކުރި ސޮފްޓްވެއާތައް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ޞިއްޙީ ވަޒީރު ވިދާޅުވީ، އަތޮޅުތެރޭގެ ރަށްރަށުން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ޚާއްސަ އިސްކަމެއް ދެއްވާ ސިޔާސަތެއްކަމަށެވެ.

މި ސިޔާސަތު ތަންފީޒުކުރުމަށް ވޭތުވެދިޔަ ދެ އަހަރުތެރޭ ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އަތޮޅުތެރެއަށް ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް ވަށައިޖެހިގެން ކުރަންޖެހިފަ ހުރި ވަރަށް މުހިންމު ކަންތައްތަކަށް ރިއާޔަތްކުރެވި އެ މަސައްކަތްތައް މިހާރުވެސް ބާރުސްޕީޑުގައި ކުރިއަށް ގެންދެވޭކަމަށެވެ.

މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ތަފްސީލް ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، ބާވެ ވީރާނާވެފައިވާ ޞިއްޙީ މަރުކަޒުތައް އަލުން އިމާރާތްކުރުމާއި މަރާމާތުކުރުމުގެ މަސައްކަތްތައް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށެވެ. މީގެ ތެރޭގައި މުޅިން އަލަށް ގާއިމްކުރާ 28 ހޮސްޕިޓަލަކާއި، އަތޮޅު ހޮސްޕިޓަލުތައް އަޕްގްރޭޑްކުރުމުގެ 14 މަޝްރޫއެއްގެ އިތުރުން، މުޅިން އަލަށް އިމާރާތްކުރާ 24 ޞިއްޙީ މަރުކަޒެއްގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން، ރަށްރަށުގައި މިހާރު ހުރި ޞިއްޙީ މަރުކަޒުތަކުގެ ތެރެއިން 97 މަރުކަޒެއް މަރާމާތުކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުތަކުގެ ސަބަބުން އަތޮޅުތެރޭގެ ޞިއްޙީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

މިއަދު އޮންލައިން