ސިއްހީ ދާއިރާގެ މުހިންމު 05 ޕްރޮގްރާމެއް ސަރުކާރުން އިފްތިތާހުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
ސިއްހީ ދާއިރާގެ މުހިންމު 05 ޕްރޮގްރާމެއް ސަރުކާރުން އިފްތިތާހުކޮށްފި

އިޖްތިމާއީ ރައްކާތެރިކަމާއި، ސިއްހީ ދާއިރާގެ މުހިންމު ފަސް ޕްރޮގްރާމެއް ސަރުކާރުން މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މެދުވެރިކޮށް ފޯރުކޮށްދޭ މި ހިދުމަތްތައް އިފްތިތާހުކޮށްދެއްވީ މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އަދި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.

މިއަދު އިފްތިތާހު ކުރެވުނު މި ހިދުމަތްތަކަކީ އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރަސްމީކޮށް ތަންފީޒު ކުރަން ފަށާނެ ޕްރޮގްރާމްތަކެކެވެ. މީގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ތެލެސީމިއާ ކުދިންނަށް މަހެއްގެ މައްޗަށް 2,000 ރުފިޔާގެ އެލަވެންސެއް ދޭން ފެށުމެވެ. މިއީ އެ ކުދިންގެ ސިއްހީ ކަންކަމަށް ކުރަންޖެހޭ ހަރަދުތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ނިންމި ނިންމުމެކެވެ.

ސިއްހީ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ލިބޭ ހުރިހާ ބާވަތެއްގެ ތެރެޕީގެ ހިދުމަތްތަކަށް ހިނގާ ހަރަދު އާސަންދަ ސްކީމް މެދުވެރިކޮށް ހަމަޖައްސައިދިނުމަށް ވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރަންޖެހޭ ހުރިހާ ހަރަދެއް ވެސް ދެން ފޯރުކޮށްދޭނީ އާސަންދަ ސްކީމްގެ ދަށުންނެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބޭސްފަރުވާގެ ލުއިފަސޭހަ ހޯދައިދިނުމުގެ ގޮތުން، "މެރަނަ" ސްކީމް ފިލިޕީންސްގައި ދިރިއުޅޭ ދިވެހި ކިޔަވާކުދިންނާއި ރައްޔިތުންނަށް ވެސް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މި ޕްރޮގްރާމްގެ ދަށުން އެ ގައުމުގައި ތިބޭ ދިވެހިން ކުރާ ބޭސްފަރުވާގެ ހަރަދުގެ 65 އިންސައްތަ ސަރުކާރުން ހަމަޖައްސައިދޭނެއެވެ.

މި ޕްރޮގްރާމްތަކަކީ ރައްޔިތުންނަށް ބޭނުންވާ ސިއްހީ އަދި އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތައާރަފުކުރި މުހިންމު ހިދުމަތްތަކެކެވެ.

މިއަދު އޮންލައިން