މިފެށޭ އަހަރަކީ ސިއްޙީ ދާއިރާއިން ރާވާފައިވާ ގިނަ މަސައްކަތްތަކެއް ތަންފީޒުކުރަން ފައްޓަވާނެ އަހަރެއް: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 59ސ
މިފެށޭ އަހަރަކީ ސިއްޙީ ދާއިރާއިން ރާވާފައިވާ ގިނަ މަސައްކަތްތަކެއް ތަންފީޒުކުރަން ފައްޓަވާނެ އަހަރެއް: ވަޒީރު

މިފެށޭ އަހަރަކީ ސިއްޙީ ދާއިރާއިން ކުރިއަށްގެންދިޔުމަށް ރާވާފައިވާ ގިނަ މަސައްކަތްތަކެއް ތަންފީޒުކުރަން ފައްޓަވާނެ އަހަރެއްކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވެއްޖެެވެ. ވަޒީރު މިފަދައިން ވިދާޅުވީ އާ އަހަރާ ދިމާކޮށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފަށާ މުހިއްމު ޕްރޮގްރާމްތައް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގައި ހިންގާ އިޖުތިމާޢީ ރައްކާތެރިކަމުގެ އެންމެ ބޮޑު ޕްރޮގްރާމަކީ އެންސްޕާ އަދި އާސަންދައިގެ ދަށުން ދެމުންދާ ޚިދުމަތްތައް ކަމަށެވެ. މިއީ ސިއްޙީ ޚިދުމަތް ލިބިގަތުމުގައި ރައްޔިތުންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުންކަން ފާހަގަކުރައްވައި، އެ ނިޒާމަށް އިތުރުކުރެވޭ ކޮންމެ ޚިދުމަތަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ލިބޭނެ ބޮޑު ލުޔެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބާއްވާ ބައްދަލުކުރެއްވުންތަކުގައި ހުށަހަޅާ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރެއްވިއެވެ. "ރައްޔިތުންނާ ގާތުން އޯގާތެރި ވެރިކަމެއް ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުޢިއްޒު އެކަށައަޅުއްވާ ތަންފީޒް ކުރައްވަމުން ގެންދަވާ ސިޔާސަތަށް މިއަދު ތަޢަރަފްކުރާ ކަންކަމުން އިތުރު ކުރިއެރުން ލިބިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ސަރުކާރުގެ ސިއްޙީ ސިޔާސަތުގެ މައިގަނޑު ދެ އަސާސަކީ އެންމެނަށް ސިއްޙީ ފަރުވާ ކަށަވަރުކޮށްދިނުމާއި، އެންމެ ބޭނުންވާ މީހާއަށް ފަރުވާ ލިބޭނެކަން ކަށަވަރުކޮށްދިނުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން މިއަދު ތަޢާރަފްކުރެވުނު ކަންކަމަކީ މި ސިޔާސަތުތައް ތަންފީޒުވަމުންދާކަމުގެ ހެއްކެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނިންމަވާލައްވަމުން ވަޒީރު ވިދާޅުވީ 2026 ވަނަ އަހަރުގެ މަސައްކަތްތައް ސަރުކާރުން ފަށަނީ އައު އަހަރަކަށް މަރުޙަބާ ކިޔަމުން ކަމަށާއި، މިފެށޭ އަހަރު ސިއްޙީ ދާއިރާއިން ރާވާފައި ހުރި ގިނަ މަސައްކަތްތަކެއް އަމަލީ ގޮތުން ތަންފީޒު ކުރަމުންދާނެ ކަމަށެވެ. އަދި ކޮންމެ ރައްޔިތަކުވެސް އައު އަހަރަށް އުންމީދުތަކެއް ކަނޑައަޅާއިރު، ސަރުކާރުންވެސް ތިބީ އައު އަޒުމްތަކަކާއެކު ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން