ގައުމުގެ އާބާދީގެ ތެރެއިން ނާޒުކު ހާލަތަައް އެއްވެސް އާއިލާއެއް ނުވަތަ ވަކި ފަރުދެއް ވެއްޓިގެންދާހިނދު އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ސަރުކާރުގެ އެހީތެރިިކަމުގެ އަތް ދިއްކޮށްލެވޭނެ ކަމަށް އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑޮކްޓަރ ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
އިޖުތިމާޢީ ރައްކާތެރިކަމާއި ޞިއްޙީ ދާއިރާއިން ފޯރުކޮށްދޭ މުހިއްމު 5 ޕްރޮގްރާމެއް ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މުޖުތަމައެއް ތަހުޒީބުވެފައިވާ މިންވަރު ވަޒަންކުރެވޭ އެއް މިންގަޑަކީ އެ މުޖުތަަމައެއްގައި އެންމެ ނިކަމެތި އަދި އެންމެ ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އަޅާލެވޭ މިންވަރު ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޯގާތެރި މުޖުތަމައެއް ބިނާކުރުމުގެ ތަސައްވުރު ބިނާކުރެވިފައިވަނީ އެ އަސާސްގެ މައްޗަށް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"ގައުމުގެ އާބާދީގެ ތެރެއިން ނާޒުކު ހާލަތަައް އެއްވެސް އާއިލާއެއް ނުވަތަ ވަކި ފަރުދެއް ވެއްޓިގެންދާހިނދު އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ސަރުކާރުގެ އެހީތެރިިކަމުގެ އަތް ދިއްކޮށްލެވޭ. އެއީ އެބައެއްގެ އަބުރުވެރި ދިރިއުޅުން ކަށަވަރުކޮށް މުޖުތަމައުގެ މުހިންމު ބައިވެރިންގެ ގޮތުގައި ހެދުމަށްޓަކައި،" ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އަލަށް އިފްތިތާހުކުރެވުނު ޕްރޮގްރާމްތަކަކީ ރައްޔިތުންގެ އަޑުއައްސަވައިގެން، އެ ރައްޔިތުންގެ ބޭނުންތަކަށް ތަސައްލީއެއް ހޯދައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެނެސްދެއްވި ހެޔޮ ބަދަލެއް ކަމަށެވެ. މި ބަދަލުތަކުގެ ސަބަބުން އެތަކެއް ދިވެހި އާއިލާތަކަކަށް މާލީ އަދި އިޖުތިމާޢީ ރައްކާތެރިކަން ލިބިގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
މި މަސައްކަތްތަކުގެ ސަބަބުން މުސްތަގުބަލުގައި އެއްބައިވަންތަ އަދި ކުލުނުވެރި ގައުމެއް ބިނާކުރުމުގެ ބިންގާ ވަރުގަދަވެގެންދާނެ ކަމަށް ވިދާޅުވެ ވަޒީރު ވަނީ ވާހަކަފުޅު ނިންމަވާލައްވާފައެވެ.