ރުޤްޔާކުރުމުގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިސްމާނީ ހާނިކަކޮށް، ޖިންސީ ގޯނާކުރި މައްސަލައެއްގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އެ މީހުން ދިގު މުއްދަތަކަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލައަކީ 2020 ވަނަ އަހަރުގެ ތެރޭގައި އެކި ދުވަސްމަތިން އަންހެނަކާއި، 18 އަހަރު ނުފުރޭ ތިން ކުޑަކުދިންނަށް ރުޤްޔާ ކުރުމުގެ ނަމުގައި އަނިޔާކޮށްފައިވާ މައްސަލައެކެވެ.
މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ރ. ކަނދޮޅުދޫ، މިރިހިމާގެ އިސްމާޢީލް ވަޙީދާއި، ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުޙައްމަދު އަޞީލްގެ މައްޗަށެވެ. މި ދެ މީހުންގެ މައްޗަށް ޖުމްލަ 12 ދައުވާއެއް އުފުލާފައިވަނީ 30 ޑިސެންބަރު 2020 ގައެވެ. މި ހުރިހާ ދައުވާތަކެއް ސާބިތުވާކަމަށް ކޯޓުން ކަނޑައަޅައި، ހުކުމް އިއްވާފައިވަނީ 31 ޑިސެންބަރު 2025 ގައެވެ.
މި މައްސަލާގައި އެންމެ ބޮޑު އަދަބެއް ކަނޑައަޅާފައިވަނީ މުޙައްމަދު އަޞީލްގެ މައްޗަށެވެ. އޭނާގެ މައްޗަށް ސާބިތުވި ހަތް ދައުވާއަކާ ގުޅިގެން ޖުމްލަ 25 އަހަރާއި 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އޭގެ ތެރޭގައި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ކުށަށް 11 އަހަރު، އަދި ކުޑަކުއްޖެއްގެ ކުރިމަތީގައި ޖިންސީ އަމަލެއް ހިންގުމުގެ ކުށަށް 7 އަހަރުގެ ޖަލު ހުކުމް ހިމެނެއެވެ.
މީގެ އިތުރުން ޖިންސީ ގޯނާކުރުމާއި، ކުޑަކުއްޖަކު އެކްސްޕްލޮއިޓް ކުރުމުގެ ކުށަށް ކޮންމެ ކުށަކަށް 3 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދި ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި، އަނިޔާ ދިނުމާއި، ގައިގައި އަތްލުމުގެ ކުށްވެސް އޭނާގެ މައްޗަށް ވަނީ ސާބިތުވެފައެވެ.
އިސްމާޢީލް ވަޙީދުގެ މައްޗަށް ސާބިތުވި ފަސް ދައުވާއަކާ ގުޅިގެން އޭނާ 6 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ. އޭނާގެ މައްޗަށް ސާބިތުވި ކުށްތަކުގެ ތެރޭގައި ކުޑަކުއްޖަކާމެދު އިހުމާލުވުމާއި، ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގާކަން އެނގިހުރެ ރިޕޯޓް ނުކުރުން ހިމެނެއެވެ.
މީގެ އިތުރުން، ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށާއި، ގައިގައި އަތްލުމުގެ ދެ ދައުވާއެއްވެސް އިސްމާޢީލް ވަޙީދުގެ މައްޗަށް ވަނީ ސާބިތުވެފައެވެ. މި މައްސަލައަކީ ރުޤްޔާ ކުރުމުގެ ނަމުގައި ހިންގާފައިވާ ނުރައްކާތެރި އަމަލުތަކެއް ފެންމަތިވި މައްސަލައެއްކަން ފާހަގަކުރެވެއެވެ.