ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ތިއްބާ އިއްޔެ މިނިވަންވި ދެ މީހުން، އަލުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. މި އަމުރު ނެރެފައިވަނީ ހައިކޯޓުން އެ މީހުންގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ތަހުވީލުކުރުމާ ގުޅިގެންނެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި ހުޅުމާލޭ ނަމްބަރު 11399 އަހުމަދު ޒިހާން އިސްމާއިލްގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެ ދެ މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މިހާރު ވަނީ އަމުރުކޮށްފައެވެ. މީގެ ކުރިން ހައިކޯޓުން ވަނީ އެ ދެ މީހުން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމާފައެވެ.
2017 ވަނަ އަހަރު ޔާމީން ރަޝީދު ދިރިއުޅޭ ގޭގެ ސިޑިގޮޅި ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ އޭނާ މަރާލި މައްސަލައިގައި ދައުލަތުން ހަ މީހެއްގެ މައްޗަށް ދައުވާ އުފުލިއެވެ. އޭގެ ތެރެއިން ކްރިމިނަލް ކޯޓުން ކުށް ސާބިތުވާ ކަމަށް ނިންމީ ހައިޝަމްއާއި ޒިހާންގެ މައްޗަށް އެކަންޏެވެ. ނަމަވެސް، ހައިކޯޓުން އިއްޔެ ވަނީ އެ ދެ މީހުންގެ މައްޗަށް އިއްވި ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބަލަން އަމުރުކޮށްފައެވެ.
މި މައްސަލައިގައި ހިމެނޭ އެހެން މީހުން ކަމަށްވާ މުހައްމަދު ދިފްރާނާއި، ހަސަން ޝިފާޒާއި، އިސްމާއިލް ރަޝީދު އަދި ހުސައިން ޒިޔާދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރިން ނިންމާފައިވެއެވެ. އެހެންނަމަވެސް، ހައިކޯޓުން ވަނީ އެ މީހުންގެ ބައި ވެސް އަލުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް އަމުރުކޮށްފައެވެ.
ކުރިން ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވީ ދައުލަތުން އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައި ނުވުމާއި އިޖުރާއީ ބައެއް ގޯސްތަކުގެ ސަބަބުންނެވެ. މިސާލަކަށް، އިސްމާއިލް ރަޝީދުގެ މައްޗަށް ކުރި ދައުވާ ސާބިތުނުވީ ވީޑިއޯ އެނެލިސް ރިޕޯޓުގެ ޗެއިން އޮފް ކަސްޓަޑީއާއި ފޮރެންސިކް ރިޕޯޓުގައި އެހެން މީހެއްގެ ނަން ބޭނުންކޮށްފައި އޮތުމުންނެވެ. އަދި ޝިފާޒް ޔާމީނަށް ފާރަލީކަން ސާބިތުކޮށްދެވޭ ވަރަށް ހެކި ނެތް ކަމަށް ވެސް ކޯޓުން ކުރިން ނިންމާފައިވެއެވެ.
ކްރިމިނަލް ކޯޓުން 2022 ވަނަ އަހަރު ކުރި ހުކުމުގައި ބުނެފައިވަނީ، ޔާމީން މަރާލި ރޭ ޒިހާނާއި ހައިޝަމް އެ ސަރަހައްދުގައި އުޅުނުކަން ހެކިންގެ ބަހުން އެނގޭ ކަމަށެވެ. އަދި ހަޅޭކުގެ އަޑަށްފަހު ޔާމީންގެ ގެއިން ނިކުމެގެން ދިޔައީ އެ ދެ މީހުންކަން އެނގޭ ހެކި ހުރި ކަމަށް ވެސް އެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.