ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ރޭގަނޑު ފްލައިޓްތައް ޖެއްސޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފިއެވެ. މިއީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ލިބިގެންދިޔަ ތާރީޚީ އަދި ވަރަށް ބޮޑު ކުރިއެރުމެކެވެ.
މިކަމާ ގުޅިގެން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ށ. ފުނަދޫ އެއާޕޯޓުގައި ރޭގަނޑު ފްލައިޓް ޖެއްސުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް ނިމުމާއެކު، ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް މިހާރު ރޭގަނޑު ދަތުރުކުރެވޭނެ އިންތިޒާމު ފުރިހަމަވެފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން އެންމެ ފަހުން ރޭގަނޑު ދަތުރުތަކަށް ތައްޔާރުކުރެވުނީ ފުނަދޫ އެއާޕޯޓެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހުރިހާ އެއާޕޯޓަކަށް ރޭގަނޑު ދަތުރުތައް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކަނޑައަޅުއްވާފައިވާ މުހިންމު އަމާޒެކެވެ. އަދި ރައީސްގެ އިރުޝާދާއި ދެއްވި އެއްބާރުލުމާއެކު މި ލަނޑުދަނޑި ހާސިލުކުރެވުނުކަން ވަޒީރު އަމީން ފާހަގަކުރެއްވިއެވެ.
މި ބަދަލާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރާ ވައިގެ ދަތުރުތަކަށް ބޮޑު ލުޔެއް ލިބި، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންވެސް ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. ޚާއްސަކޮށް ކުއްލި ހާލަތްތަކުގައާއި ބަލިމީހުން އުފުލުމުގައި ރޭގަނޑު ދަތުރުތައް ކުރެވޭގޮތްވުމަކީ ލިބުނު ވަރަށް ބޮޑު ފަސޭހައެކެވެ.