ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު ކަނޑައެޅުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މުދަލުގެ އަގު ކަނޑައެޅުމުގެ ހަރުދަނާ އުސޫލުތަކެއް މިއަދުން ފެށިގެން ގާއިމްކުރެވޭނެ ކަމަށް މޯލްޑިވްސް ކަސްޓަމްސްއިން ހާމަކޮށްފިއެވެ. މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ފެއްޓެވި މަސައްކަތުގެ ދަށުން ނިންމެވި ނިންމުމެކެވެ.
މި ބަދަލަކީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ގެނެވުނު ބަދަލެކެވެ. އެ ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ ކަސްޓަމްސްއަށް ސައްހަ ލިޔެކިޔުންތަކާއެކު އިންވޮއިސް ހުށަހެޅުމުން ވެސް، އެ އަގަށްވުރެ ބޮޑު އަގެއް ކަނޑައަޅާ މައްސަލަ ހައްލުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިފައެވެ.
ކަސްޓަމްސްއިން ވިދާޅުވީ ކަސްޓަމްސްގެ ގާނޫނުގެ 63 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (WTO) ގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މުދަލުގެ އަގު ކަނޑައެޅުމުގައި އަސާސީ އުސޫލެއްގެ ގޮތުން ބަލާނީ "ޓްރާންސެކްޝަން ވެލިއު" ނުވަތަ މުދާ ގަތް އަގަށް ކަމަށެވެ. އެހެންކަމުން، ސައްހަ ލިޔެކިޔުންތަކާއެކު އަގު ހުށަހެޅުމުން އެ އަގު ކަސްޓަމްސްއިން ބަލައިގަންނާނެއެވެ.
އަލަށް އަމަލުކުރަން ފެށި އުސޫލުގެ ދަށުން، ވެރިފައަބަލް ލިޔެކިޔުން ހުށަހަޅާފައި ނުވާ ހާލަތްތަކުގައި، ކަސްޓަމްސްއިން ކަނޑައަޅާ އަގު ހުށަހެޅި އަގަށްވުރެ 25 އިންސައްތައަށް ވުރެ ބޮޑުވާނަމަ، ވިޔަފާރިވެރިޔާ އެދުމަކާ ނުލައިވެސް ކަސްޓަމްސްއިން އެ މުދަލެއްގެ އަގު އިތުރަށް ބަލައި ދިރާސާކުރާނެއެވެ. އަދި މިފަދަ ހާލަތްތަކުގައި އަގު ރިވިއު ކުރުމުގެ ހަރުދަނާ މަރުހަލާއެއް މިއަދުން ފެށިގެން ކުރިއަށްދާނެއެވެ.
މީގެ އިތުރުން، ކަސްޓަމްސްއިން ބަދަލުކުރާ އަގަކީ ހުށަހެޅި އަގުގެ 25 އިންސައްތައަށް ވުރެ ކުޑަ އަދަދެއް ނަމަ، މިހާރުވެސް އަމަލުކުރަމުންދާ އުސޫލުގެ ދަށުން ތިން މަރުހަލާއެއްގައި އެ އަގު ރިވިއުކޮށްދިނުމަށް އެދުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް ލިބިގެންވާނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ. މި ބަދަލުތަކުގެ ސަބަބުން ވިޔަފާރިވެރިންނަށް ލުއިފަސޭހަވެ، މުދަލުގެ އަގު ކަނޑައެޅުމުގައި ދެފުށް ފެންނަ ނިޒާމެއް ގާއިމްވެގެންދާނެ ކަމަށް ބެލެވެއެވެ.