ދުޢާ ޢިޖާބަކުރެއްވެވުން ލަސްވާނީ ރުހިވޮޑިނުގަންނަވާތީ ކަމަށް ހީވެސް ނުކުރާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ދުޢާ ޢިޖާބަކުރެއްވެވުން ލަސްވާނީ ރުހިވޮޑިނުގަންނަވާތީ ކަމަށް ހީވެސް ނުކުރާތި!

މިބުނެދެނީ ތަންކޮޅެއް ފަސޭހައިން ވިސްނޭނެ މިޘާލެކެވެ. ތިބާއަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިފައިވާ އަޅެކެވެ. ތިބާ ތަކުރާރުކޮށް ކަމަކަށް އެދި ދުޢާކުރަނީއެވެ. ﷲ ތަޢާލާ އެކަމެއް އިރާދަކުރެއްވެވުމަށްފަހުގައިވެސް ތިބާ އާއި ހަމައަށް އެކަމެއް ފޯރުން މަޑުޖައްސަވައިލައްވަވައިފާނެތެވެ.  

7 އުޑުމަތިން ތިބާގެ ކަންކަން ﷲ ތަޢާލާ ބައްލަވައި ވޮޑިގަންނަވަތެވެ. އެހެންކަމުން ތިބާގެ ޢަމަލުތައް ހުންނަގޮތަކުން އެކަމެއް ތިބާއަށް ދެއްވަވައިފިނަމަ ތިބާ މަގުފުރެދި ނުބައި މަގުން ހިނގައިދާނެކަމަށްޓަކައެވެ. ނަރަކަ އާއި ދިމާއަށް ހިނގައިދާނެ ކަމަށްޓަކައެވެ.  

ވީމާ ކަމަކަށް އެދިގެން ދުޢާކުރަމުން ގެންދާއިރު ތިބާގެ ޢަމަލުތައް ސީދާކުރަން ޖެހޭނެއެވެ. ﷲ ތަޢާލާގެ މަގުގައި ޘާބިތުވާންވެސް ޖެހޭނެއެވެ. ހެޔޮ ޢަމަލުތައްކުރުން ކުރިއަށްވުރެ ގިނަކުރަންޖެހޭނެއެވެ. މިކަންކަމަށް ސަމާލުކަން ނުދެވޭނަމަ ތިބާ ކުރާ ދުޢާ ޢިޖާބަކުރެއްވެވުން ލަސްވުން އޮންނާނީ ދާދި ގާތުގައެވެ.  

ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިފައިވާކަން އަހުރެމެންނަށް ޔަޤީނެއް ނުކުރެވޭނެއެވެ. ނަމަވެސް މިންވަރަށް އީމާންވުމުގައި ޘާބިތުވެވޭނަމަ އަދި ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވާނަމަ ކެތްތެރިވުމުގެ ހިތްވަރު ލިބޭނަމަ އެއީ ފެންނަ ރަނގަޅު ޢަލާމާތްތަކެވެ.  

ހަމައެއާއިއެކު އަހުރެމެން އަބަދުވެސް ތިބެންވާނީ ތިމާއަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާ މީހަކު ކަމަށް އުންމީދުކޮށްގެންނެވެ. އެގޮތުގައި ދެމިހުންނަން ބޭނުންނަމަ ﷲ ތަޢާލާއަށް ބިރުވެތިކަން އިތުރުކުރަން މަސައްކަތްކުރަންވާނެއެވެ. ކިޔަމަންތެރިކަން އިތުރުކުރަންވެސް މަސައްކަތްކުރަންވާނެއެވެ. އެއިރުން ތިބާ އެދޭ ކަންކަން އަބަދުވެސް ދާނީ ފަހިވަމުންނެވެ. އިން ޝާ ﷲ

 

- މަޢުލޫމާތު: ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން