އެއްދުވަހު ބައްދަލުވި ޒުވާނެކެވެ. ވަރަށް އަސަރާއިއެކު ކިޔައިދިނީ އެކުވެރިއަކު މަކަރުހަދައި އޭނާއަށް ދިން ބޮޑު ދެރައެއްގެ ވާހަކައެވެ. އޭނާއަށް ހިތްވަރުދިނުމަށް ދެއްކި ވާހަކައިގެ ތެރެއިން ސުވާލެއްކުރީމެވެ. "ތެދަށް ނިކަން ބުނެބަލާށެވެ! ތިބާ އެއްވެސް އެކުވެރިއަކަށް ތިއަބާވަތުގެ ކަމެއް ކޮށްފައިވާނެ ހެއްޔެވެ؟"
އެސުވާލުގެ ޖަވާބެއް ނުދެވުނެވެ. ހުއްޓުން އަރާފައި ފާޑަކަށް ހުންނަން ފެށުމުން ބުނީމެވެ. "ތިބާއަށް އެކުވެރިއަކު ދެރައެއް ދިނީތީ އަހުރެންވެސް ދެރަވަމެވެ. އެކަމުގެ ހިތާމައިގައިވެސް ބައިވެރިވަމެވެ. އެކަމަކު ވިސްނާށެވެ! މިއަދު ތިބާ ތިއަކުރާ ހިތާމަ، ތިބާ އެބައަކަށް ދެރަދިން އެކުވެރިންވެސް ކުރާނެ ނޫންހެއްޔެވެ؟ މިދެއްކެނީ އަނިޔާވެރިވުމުގެ ވާހަކައެވެ. އެއްވެސް މީހަކަށް އަނިޔާވެރިވެއްޖެނަމަ އެކަން އައިސް އެމީހަކާއި އަރާ ހަމަކުޜާނެއެވެ."
އެޒުވާނާ އަހުރެންނާއި ވަކިވީ ދެން ދުވަހަކުވެސް އެއްވެސް މީހަކަށް އެއްވެސް ދެރައެއް ނުދޭން ވަޢުދުވެފައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
-ގުޅުންހުރި ލިޔުމެއް!:
ހިތާމައޢާއިއެކުވެސް ދަންނަވާލަންޖެހެނީ އެކުވެރިން މަކަރުހެދުމުން ނުވަތަ ދެރައެއް ދިނުމުން ކުރާ އަސަރުގެ ސަބަބުން ގިނަބައެއްގެ "ސިކުނޑި ގޮވާ" ހިސާބަށް ކަންކަންދާ ކަމަށެވެ. އެއީ އެކުވެރިޔާއަކީ ތިމާއަށް އަބަދުވެސް ހިތްވަރުދީ، އެހީތެރިވެދޭނެކަމަށް ޔަޤީންކޮށްގެން ހުރެވޭތީއެވެ.
މިއީ ކިޔުންތެރިންވެސް އެންމެ ގިނައިން ކަންބޮޑުވުން ފައުޅުކޮށް ސުވާލުތައް ކުރިމަތިކުރާ މައްސަލަކަމަށްވުމުން މިއީ މުޖުތަމަޢުގައި އޮތް ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ވިސްނަވާލައްވާށެވެ!
يُخادعني العدو فلا أبالي *** وأبكي حين يخدعني الصديق
"ޢަދާވާތްތެރިއަކު މަކަރު ހެދުމަކުން ފަރުވާލެއް ނުބަހައްޓަމެވެ. އެކުވެރިޔާ މަކަރު ހެދުމުން ހިތާމަކުރެވެއެވެ."
ޢަދާވާތްތެރިން އަބަދުވެސް މަސައްކަތްކުރާނީ ގެއްލުންދޭންކަން ޤަބޫލުކުރެވޭނެއެވެ! ވީމާ ޢަދާވާތްތެރިއަކު މަކަރުހެދުމަކުން މާބޮޑަކަށް ކަންބޮޑެއް ނުވަމުއެވެ. ނަމަވެސް އެކުވެރިންނާއިމެދު މިކަން ތަފާތެވެ.
އެކުވެރިންނާއިމެދު ދެކެވޭނީ ހެޔޮއެދޭ މީހުން ކަމުގައެވެ. އެއިން މީހަކު މަކަރުހަދައިފިނަމަ ހިތާމަ ނުކުރަން ހުރިނަމަވެސް ހިތާމަކުރެވޭނެއެވެ. އެއީ އިންސާނީ ޠަބީޢަތެވެ. އަދި ކީއްހެއްޔެވެ؟ އެކުވެރިއެއްގެ ގޮތުގައި ހުރެ މަކަރުހަދައިފިނަމަ އެމީހެއްގެ ނުބައިކަން މާބޮޑެވެ!
ނަމަވެސް މިއަދު މިފެންނަނީ އެކުވެރިން ކަމަށް ހެދިގެން ތިބެ، އަނބިން، ފިރިން ޖަހައިގަންނަ ތަނެވެ. ލިބެން އަންނަ ވިޔަފާރިއަށް ހުރަސް އަޅައި އެކަންވެސް ދަމައިގަންނަތަނެވެ. ތިމާއަށް އެކަމަކުން ފައިދާވާނެ ނަމަ އަނެކާގެ މޫނަށް ބެލުމެއް ނެތި ކަންކަން ކުރަމުން ގެންދާތަނެވެ. ހަމަ ޔަޤީނުންވެސް އެއީ މުއްމިނުންގެ ސިފައެއް ނޫނެވެ. އީމާންކަން ފުރިހަމަވާނީ ތިމާއަށް ލިބެން އެދޭކަންކަން ތިމާގެ އަޚާއަށްވެސް ލިބެން އެދޭނަމައެވެ. އަޚާގެ އަތުން ތިމާ ބޭނުންވާ ކަންކަން ޖަހައިގަންނަނަމަ އެއީ އީމާންކަން ފުރިހަމަނުވާކަމުގެ ހެއްކެކެވެ!