މަސައްކަތްކުރަންވީ ލާފޭރާމުގެ ވިދުވަރު މީސްތަކުންނަށް ދައްކާކަށް ނޫން! މިއޮތީ އުޑުތަކުގަ ވިދާ ބަބުޅާ ފޭރާމަކަށް ހެދޭނެ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
މަސައްކަތްކުރަންވީ ލާފޭރާމުގެ ވިދުވަރު މީސްތަކުންނަށް ދައްކާކަށް ނޫން! މިއޮތީ އުޑުތަކުގަ ވިދާ ބަބުޅާ ފޭރާމަކަށް ހެދޭނެ ގޮތް!

ފުރަތަމަ ކަމަކަށް ބޮޑުހެދުމަކީ ކޮބައިތޯ އާއި އެހެދުމުގެ ދަރަޖައަށް ބަލައިލަމާ ހިނގާށެވެ. ބޮޑު ހެދުން މިއީ ބައެއް މީހުން ކިޔާ ނަމެކެވެ. އެނަން އެމީހުން ކިޔާ ނިޔަތް އެނގޭނީ ކިޔާ މީހަކަށެވެ. އަހުރެންގެ ވިސްނުމުގައި ހަށިގަނޑުގެ ވަނާތައް ނުއެނގޭނެ މިންވަރަށް ބޮޑުކޮށް ފޭރާންލުމަކީ ފޭރާން ލުމުގެ އެންމެ މަތިވެރި މިވަރެވެ. އެފަދަ ހެދުމުގެ އަގު ﷲ ތަޢާލާގެ ޙަޟްރަތުގައި ވަރަށް ބޮޑުވާނެކަން ނުވަތަ އެންމެ ބޮޑުވާނެކަން އެއީ އަހުރެން ޝައްކުކުރާ ކަމެއް ނޫނެވެ.  

އަންހެނުން ބޮޑުހެދުންލައި އަދި ޙިޖާބްއަޅަނީ އެއީ ކުރަން ފަސޭހަކަމަކަށްވެގެނެއް ނޫނެވެ. އަދި އެއީ ލާން އެމީހަކަށް އެންމެ ރީތި ފޭރާންކަމުގައިވެސް ނުވެދާނެއެވެ. އެހެން ކަމާއިއެކުގައިވެސް ބޮޑުހެދުންލައި ޙިޖާބް އަޅަނީ އެއީ އޭނާ ހުރުމަށް ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ ސިފަ ކަމުގައިވާތީއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ.  

އަހުރެން ބުނަން ބޭނުންވަނީ ފޭރާން ލުމުގައި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ބުރަ އުފުލުމުން މަޤްޞަދު ޙާޞިލްވީހެއްޔެވެ؟ ތިމާކުރަންޖެހޭ ޢަމަލުތައް ކުރުން ކޮބައިހެއްޔެވެ؟ އެފޭރާންލައިގެން ތިމާގެ އަޚްލާޤުން ދައްކައިދޭންޖެހޭ ރިވެތިކަން ކޮބައިހެއްޔެވެ؟  

އެކުވެރި އުޚުތުންނޭވެ! ލާފޭރަން ވަރަށް މުހިންމެވެ. ފޭރާންލާ ގޮތްވެސް އެހައިމެ މުހިންމެވެ. އެހެނަސް އެއީ ބޭރުފުށެވެ. އެތެރެކޮބައިހެއްޔެވެ؟ ހިތް ކޮބައިހެއްޔެވެ؟ ގުނަވަންތަކުން ކުރާ ޢަމަލުތައް ކޮބައިހެއްޔެވެ؟  

މިޘާލަކަށް ދޫރައްކައުތެރިކުރެވޭހެއްޔެވެ؟ އެހެން މީހުންނަށް ޙަސަދަނުލައި ހުރެވޭ ހެއްޔެވެ؟ އެކުވެރިންގެ ޙައްޤުތައް އަދާކުރެވޭ ހެއްޔެވެ؟ ނަމާދުތަކަށް ރައްކައުތެރިވެވޭ ހެއްޔެވެ؟ ޛިކުރުކުރެވޭ ހެއްޔެވެ؟

ބުނެލަން ބޭނުންވަނީ ޙިޖާބް އެޅުމަކީ (ﷲ ތަޢާލާ އަންގަވާފައިވާ ވަރަށް ނިވާވުމަކީ) ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ހަމައެފަދައިން ތިމާ ކޮންމެހެން ކުރަންޖެހޭ ހެޔޮ ޢަމަލުތައްކުރަންވެސް ސަމާލުކަންދޭށެވެ. ދޫރައްކައުތެރިކުރާށެވެ! ތިމާގެ ސަބަބުން ކިތަންމެ ކުޑަ ނަމަވެސް ފިތުނައެއް އުފެދުނަ ނުދޭށެވެ! އެކަންކަން ކުރެވޭނަމަ ތިބާގެ ފޭރާމަކީ ކިތަންމެ އާދައިގެ ފޭރާމެއް ނަމަވެސް އެފޭރާމުގެ އޮފް، ވިދުވަރު އުޑުތަކަށް ފޯރާނެއެވެ. މަސައްކަތްކުރަންވީ އެކަމަށެވެ!

 

- މުސްލިމާގެ ދަރުސަކުން

މިއަދު އޮންލައިން