މުސްލިމަކަށް ވެވޭނީ ޝަރީކުކުރުން ދޫކޮށްލައި ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް އެކަމަށް ހިތުގެ އެންމެ ފުންމިނުން ހެކިވެގެންނެވެ. އެހެންކަމާއިއެކުވެސް ބައެއް މީހުންނަށް އެކިފެންވަރުގައި ޝިރުކުގެ ޢަމަލުތައް ކުރެވެއެވެ. އެހެންކަމުން އެދެނީ ޝަރީކުކުރުމުގެ ފާފައިގެ ބޮޑުކަން އެނގުމަށްޓަކައި ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމެވެ.
އާދަމުގެފާނާއި،އެކަލޭގެފާނުގެ ދަރިފަސްކޮޅު ބިމުގައި ލެއްވީއްސުރެން ފެށިގެން الله سُبْحَا نه وَتَعَالى އަށް އަޅުކަން ކުރުމަށާއި، އެކަލާނގެއާއިއެއްވެސް އެއްޗެއް ޝަރީކުނުކުރުމަށް އެމީހުންގެ މައްޗަށް ވަނީ ކަށަވަރު ވެގެންވާ ޢަހުދު ހިއްޕަވައިފައެވެ. މާތް ﷲ ވަޙީ ކުރެއްވި އެވެ. " وَإِذْ أَخَذَ رَبُّكَ مِن بَنِي آدَمَ مِن ظُهُورِهِمْ ذُرِّيَّتَهُمْ وَأَشْهَدَهُمْ عَلَىٰ أَنفُسِهِمْ أَلَسْتُ بِرَبِّكُمْ ۖ قَالُوا بَلَىٰ ۛ شَهِدْنَا ۛ (ألأعراف:172) މާނައީ: " އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އާދަމުގެ ދަރިންގެ ކިބައިން އެބައިމިހުންގެ ބުރިކަށި ތަކުން އެބައިމީހުންގެ ދަރިފަސްކޮޅު ހިއްޕަވައި ނެރުއްވައި، އެބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް އެބައިމީހުން ހެކި ކުރެއްވި ހިނދު ހަނދުމަކުރާށެވެ. (އެހިނދު އެކަލާނގެ ވަޙީކުރެއްވިއެވެ.) ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެން ނުވަންހެއްޔެވެ؟ އެބައިމީހުން ދެންނެވިއެވެ. އެހެންނަކުން ނޫނެވެ. (އިބަރަސްކަލާނގެއީ އަޅަމެންގެވެރި ރަސްކަލާނގެ އެވެ.) އަޅަމެން ހެކިވެއްޖައީމުއެވެ."
ފަހެ އެއީ الله سُبْحَا نه وَتَعَالى އަށް އަޅުކަންކުރުމަށް ގޮވާލައްވާފައިވާ ގޮވާލެއްވުމެކެވެ. އިހު އެވޭލާ ޒަމާނުއްސުރެން ވަޑައިގަތް ހުރިހާ ރަސޫލުންގެ دعوة އެކެވެ. އެބޭކަލުންގެ އުއްމަތް ތަކާއި شريعة ތައް ތަފާތުވުމާއެކުގެ އެވެ. ވީމާ الله سُبْحَا نه وَتَعَالى އަށް އެކަނި އަޅުކަން ކުރުމަށާއި އެއަޅުކަމުގައި އެކަލާނގެ ކިބައަށް އެއްވެސް ޝަރީކަކު ނުލުމަށް ގޮވާލެވޭ ގޮވާލުމަކީ، ދުނިޔޭގެ އިސްކަމާ އެއްފަދަ އިސްކަމެކެވެ. ހުރިހާ ރަސޫލުބޭކަލުން ގޮވާލެއްވި ގޮވާލެއްވުމެކެވެ. ކީރިތި ޤުރްއާނުގެ އަންނަނިވި އާޔަތުން އަންގަވާ ފަދައިންނެވެ. " وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدُونِ (25: " (الأنبياء 25) މާނައީ " ހަމަކަށަވަރުން ތިމަންރަސްކަލާނގެ މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކުނުވާކަމަށް އެބޭކަލަކަށް ވަޙީ ނުއިއްވަވާ އެއްވެސް ރަސޫލުބޭކަލަކު، ކަލޭގެފާނު ކުރިންވެސް ތިމަންރަސްކަލާނގެ ރަސޫލުކަމާއިގެން ނުފޮނުއްވަމެވެ. ފަހެ ތިޔަބައިމީހުން ތިމަންރަސްކަލާނގެ އަށް، އަޅުކަންކުރާހުށި ކަމެވެ.
މިކަމަށްޓަކައި "قُلْ تَعَالَوا" މިއާޔަތުގައި، އެހެން ހުރިހާ ކަމަކަށްވުރެކުރިން، ﷲ އަށް ޝަރީކުކުރުން ނަހީކުރައްވާފައިވެއެވެ. އޭގެ މާނައިގެ ތެރޭގައި، ﷲ އަށް އަޅުކަން ކުރުމުގައި އެހެން ފަރާތެއް ބައިވެރި ނުކުރުމަށް އަންގަވާފައި ވެއެވެ. އަދި އޭގެ މާނައިގެ ތެރޭގައި، ﷲ ނޫން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރުން ވެސް ހިމެނެއެވެ. ކީރިތި ޤުރްއާންގެ ވަރަށް ގިނަ އާޔަތުގައި صريح ބަހުން މިކަން އަންގަވާފައިވެއެވެ. މާތް ﷲ ވަޙީ ކުރެއްވި އެވެ. وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا ۖ (النساء 36) މާނައީ " އަދި ތިޔަބައިމީހުން ﷲ އަށް އަޅުކަން ކުރާށެވެ. އަދި ތިޔަބައިމީހުން އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ. "
ޝަރީކުކުރުމަކީ، ފާފަތަކުގެ ތެރެއިން އެންމެބޮޑު ފާފައެވެ. މާތް ﷲ ވަޙީ ކުރެއްވި އެވެ. " إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ " (النساء 48) މާނައީ " ހަމަކަށަވަރުން ﷲ އަށް ޝަރީކުކުރުމުގެ ފާފަ އެކަލާނގެ ނުފުއްސަވާނެއެވެ. އެނޫން ފާފަތައް އެކަލާނގެ އިރާދަކުރެއްވި މީހަކަށް ފުއްސަވާނެއެވެ."
- ފަޟީލަތުއްޝައިޚް މޫސާ ފަތުޙީގެ ލިިޔުއްވުމަކުން