ފަޤީރަސް ހިތުގަ ރަޙުމްހުރެފަ ބުއްދީގެ ބޭނުންކުރަންއެނގުމާ ބުއްދީގެ ބޭނުންކުރަން ކެރުމުން މިލިއަނަރަކަށް ވެވުނު މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 30ސ
ފަޤީރަސް ހިތުގަ ރަޙުމްހުރެފަ ބުއްދީގެ ބޭނުންކުރަންއެނގުމާ ބުއްދީގެ ބޭނުންކުރަން ކެރުމުން މިލިއަނަރަކަށް ވެވުނު މީހެއްގެ ވާހަކަ-

ފައިސާއަށް ދަހިވެތިކންބޮޑުވީވަރުން ފައިސާ ހޯދުމަށްޓަކައި ނުކުރާނެ ކަމެއް ނެތް ޙާލަތަށް ގިނަ ބައެއްގެ މިވަނީ ގޮސްފައެވެ. ނިކަން ވިސްނަވައިލަބައްލަވާށެވެ! މިލިއަނަރެއްގެ ފިރިއަކަށްވެވި ދަރިއަކު އެދަރިފުޅު ބޭނުންކޮށްގެން އަނބިމީހާ ބްލެކްމޭލްކޮށް އިތުރަށް ފައިސާ ހޯދަން ބޭނުންވާ ހިސާބަށް ދިއުމުން ފުރަތަމަ މިބުނެވުނު ބަސް ޙަޤީޤަތަކަށް ނުވޭތޯއެވެ؟ 

އޭނާއަކީ ޓެކްސީ ޑްރައިވަރެކެވެ. އެއްރޭ ދަންވަރުގެ ވަގުތެއްގައި ފިރިހެނަކު ކުޑަ ދަރިއަކު ގޮވައިގެން ޓެކްސިއަށް އަރާފައިބުނީ ކުޑަކުދިން ބަލަހައްޓާތަނަކަށް ދިއުމަށެވެ. އަދި މިހާ ދަންވަރު ދަރިފުޅު އެތަނަށް ގެންދާ ސަބަބެއް ކަމަށް ބުނީ އަނބިމީހާ ބަލިވެ ހޮސްޕިޓަލުގައި އޮންނަން ޖެހުމުން ދަރިފުޅު ނުބެލިގެން ކަމަށެވެ. 

ޑްރައިވަރު ވިސްނާލުމުން އެއީ ތެދެއް ކަމަކަށް ޤަބޫލެއް ނުކުރެވުނެވެ. ދުއްވަމުން ގޮސް ޕޮލިސް ސްޓޭޝނަކާ އަރައިހަމަވެވުމުން އެތަނަށް ކާރުގައިވަދެ އޭނާއަށް ކުރެވުނު ތުހުމަތު ކިޔައިދިނެވެ. އަދި އެމީހާ އެދައްކާ ވާހަކައިގެ ތެދު ދޮގު ބަލައިދިނުމަށް އެދުނެވެ. 

ފުލުހުން އޭނާގެ އަނބިމީހާ އޮތީ ކޮންހޮސްޕިޓަލެއްގައިތޯ އާއި އޮތީ ކޮން ވޯޑެއްގައިތޯ ސުވާލުކުރުމުން އޭނާއަށް ޖަވާބެއް ނުދެވުނެވެ. ތުރުއަޅަން ފެށުމުން ފުލުހުން އޭނާ ހައްޔަރުކުރީއެވެ. 

ކުއްޖާ ފުލުހުންނާއި ޙަވާލުކޮށްފައިދާން ބުނުމުން ޑްރައިވަރު ބޭނުންވީ ކުއްޖާގެ މަންމަ ފެންނަންދެން އެތަމުހައި މަޑުކުރާށެވެ! އެވަގުތު އަންހެނަކު އޭނާގެ ކުޑަދަރިފުޅު ވަގަށްނަގައިފިކަމަށްބުނެ ފުލުހުންގެ އެހީތެރިކަމަށް އެދި ފޯނުކުރިއެވެ. 

ފުލުހުންގެ ބުނުމަށް އަންހެން މީހާ އެތަނަށް ވަގުތުން އައިއިރު ކުއްޖާވީ އޭނާގެ ދަރިފުޅަށެވެ. ކަންކަންވީގޮތް އޮޅުން ފިލުމުން ޑްރައިވަރު ގެއަށް ގެންގޮސް އޭނާކޮށްދިން ޚިދުމަތުގެ އަގުވަޒަންކޮށް  ހަދިޔާއެއްގެ ގޮތުގައި 1 މިލިއަން ޑޮލަރުދިނެވެ. ފަހުން ދެމީހުންގެ ގުޅުން ލޯތްބަށް ބަދަލުވެ ކައިވެނިވެސްކުރީއެވެ. 

އަންހެން މީހާ ބުނީ އޭނާގެ ބައްޕައަކީ މިލިއަނަރެއް ނަމަވެސް ފައިސާ ދީފައި ގަންނަން ނުލިބޭތީ ތެދުވެރި އިޚްލާޞްތެރި، އިންސާނިއްޔަތުކަން ހުރި ފިރިއަކު އޭނާއަށް ހޯދައި ނުދެވުނީކަމަށެވެ. އަދި ކުއްޖާ ވަގަށް ނެގީ ބްލެކްމޭލްކޮށްގެން އޭނާގެ އަތުން އިތުރަށް ފައިސާ ހޯދުމުގެ ބޭނުމުގައި ކުރީގެ ފިރިމީހާ ކަމަށެވެ. 

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. އަޅުގަނޑު މިވާހަކަ ހިއްޞާ މިކުރީ އަޅުގަނޑުގެ ބައްޕައަކީވެސް ތަނަވަސް މީހަކަށްވެފައި ބައްޕަމެންގެ އެދުމަށް ފުރަތަމަ ކުރެވުނު ދެކައިވެނީގައިވެސް ހަމަ މިފަދަ ހިތްދަތިކަން އިޙްޞާޞްކުރަންޖެހިފައިވާ އަންހެނަކަސްވާތީއެވެ. އެމީހުން ދަރިއަކު ވަގަކަށް ނުނަގައެވެ. ނަމަވެސް އަޅުގަނޑުގެ ފޮޓޯ އާއި ވީޑިއޯތައް ވަގަށް ކޮށްގެން ކުރަން މަސައްކަތްކުރީ އެއްކަމެކެވެ. ބައްޕަގެ އަތުން ފައިސާ ހޯދުމެވެ. 

އަޅުގަނޑަށް ހިތްހަމަޖެހުމެއް ލިބުނީ ނިކަމެތި ފަޤީރަކާއި ކައިވެނިކުރުމުންނެވެ. ބުނެލަން ބޭނުމީ ކިޔަވައި މޮޅުވެ މަތީ ފާހެއް އޮތް ނަމަވެސް މަޤާމުގެ ގޮތުން މަތީދަރަޖައެއް ލިބިފައިވީނަމަވެސް އަދި ފައިސާވެރިނަމަވެސް އެއިން އެއްވެސް ކަމަކުން އުފާވެރިކަމެއް ނުލިބޭނެއެވެ. އެ އަންހެން މީހާ އެބުނި ފަދައިން އުފާވެރިކަން ލިބުން އޮތީ ތެދުވެރި އިޚްލާޞްތެރި، އިންސާނިއްޔަތުކަން ހުރި ފިރިއަކު ލިބިގެންނެވެ.

 

- ޝާމިލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން