އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކަށް ނަގައިލެވޭ އެންމެ އަގުހުރި ފުރުޞަތަކީ އަދި އެންމެ ފައިދާހުރި ފުރުޞަތަކީވެސް މައިންބަފައިންނަށް އެހީތެރިވެގެން ﷲ ތަޢާލާގެ ޙަޟްރަތުން ހޯދެން ހުރި ގިނަގުނަ ޘަވާބާއި ދަރުމައެވެ. މިއީ މިއަދުނޫހުން އެންމެ ގިނައިން ވިސްނައިދޭން މަސައްކަތްކުރާ އެއްކަންތަކެވެ. އެހެންވެ ވިސްނެވުން ތާޒާކޮށްލެއްވުމަށް ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
ދެވަނައަށް އެއާޔަތުގައި وصيّة ކުރައްވާފައިވަނީ، މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަށާއި، އިޙްސާންތެރި ވުމަށެވެ. މިއާޔަތުގައި ނޫނަސް، ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި މައިން ބަފައިންނަށް ހެއުކޮށް ހިތުމަށާއި، އިޙްސާންތެރިވުމަށް އަންގަވާ ފައިވެއެވެ. البقرة ސޫރަތުގެ 83 ވަނަ އާޔަތުގައްޔާއި النساء ސޫރަތުގެ 36 ވަނަ އާޔަތުގައްޔާއި الإسراء ސޫރަތުގެ 23 ވަނަ އާޔަތުގައްޔާއި، އަދި މިނޫންވެސް އެތައް އާޔަތެއްގައި މައިން ބަފައިންނަށް އިޙްސާންތެރި ވުމަށް އަންގަވައި އެކަމުގެ މައްޗަށް ބާރުއަޅުއްވާފައި ވެއެވެ.
މިއިން ދޭހަވަނީ، މައިން ބަފައިންނަށް ހެޔޮކޮށް ހިތުމާއި އިޙްސާންތެރި ވުމުގައި ހުރި މަތިވެރިކަމެވެ. މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަކީ އެމީހުންނަށް ހުރިހާ ރޮނގަކުން އެހީތެރިވުމެވެ. ޚާއްޞަ ގޮތެއްގައި އެމީހުންގެ ގައިބާރު ދެރަވެ މުސްކުޅިވާ ދުވަހު އެމީހުންނަށް ހެޔޮކޮށް ހިތައި އެހީތެރިވުމެވެ. އެމީހުންނަށް އަބަދުވެސް އިޙްތިރާމް ކުރުމެވެ. ނިކަމެތި ކަމުގެ ލޮލަކުން އެމީހުންނަށް ނުބެލުމެވެ. އެމީހުންނާއި ވާހަކަ ދައްކާއިރު މަޑުމައިތިރި ބަހުން ވާހަކަ ދެއްކުމެވެ. އަދަބުވެރި ކަމާއެކު ބަސްބުނުމެވެ. އެމީހުން ރުޅިއަންނާނޭ ބަހެއް ނުވަތަ ހިތުގައި ޖެހޭނޭ އެއްވެސް ކަމެއް ނުކުރުމެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. فَلَا تَقُلْ لَهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُلْ لَهُمَا قَوْلًا كَرِيمًا (23) (سورة الإسراء 23) މާނައީ: އަދި އެދެމީހުންނަށް ކަލޭ، أف ވެސް ނުބުނާށެވެ! (އެބަހީ އެދެމީހުން ނުރުހޭނޭ ކިތަންމެ ކުޑަބަހެއްވެސް ނުބުނާށެވެ!) އަދި އެދެމީހުންނަށް އަޑުލައި ނަހަދާށެވެ! އަދި އެދެމީހުންނަށް މާތްބަހުން ބަސްބުނާށެވެ!"
ޙަޤީޤަތުގައި ޚަލްޤު ތަކުންނަށް ދިރިއުޅުން ދެއްވައި ދުނިޔެއަށް ފޮނުއްވީ الله سبحانه وتعالى ގެ ރަޙްމަތް ވަންތަ ކަމުންނެވެ. އެއީ އެކަލާނގެ ދެއްވި ނިޢުމަތެކެވެ. އެހެންކަމާ އެކުވެސް ދުނިޔެއަށް އައުމުގެ ސަބަބެއްކަމުގައި ބޭރުފުށުން މައިން ބަފައިން ލައްވާފައިވާތީ، ﷲ އަށް ޝުކުރު ކުރުމަށް އެންގެވުމާ ވިދިގެން މައިން ބަފައިންނަށް ޝުކުރުކުރުމަށް އަންގަވާފައި ވެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ." أنِ أشْكُرْلِى وَلِوَا لِدَيْكَ" (لقمان: 14) މާނައީ: "ތިމަންރަސްކަލާނގެ އަށާއި، ކަލޭގެ މައިންބަފައިންނަށް ކަލޭ ޝުކުރުކުރާށެވެ."
މައިން ބަފައިންނަކީ، ދަރިން ދުނިޔެއަށް އައުމުގެ ސަބަބެވެ. ދުނިޔޭގެ އުފަލާއި އަރާމުތައް ދަރިންނަށް ހޯދައިދިނުމަށް މެދުވެރި ކުރައްވާފައިވާ މީހުންނެވެ. ޅަފަތުގެ ދުވަސްވަރުގައި އެދެމީހުންގެ ދައުރު އެދެމީހުންވަނީ ފުރިހަމަ ކޮށްފައެވެ. މިކަމަށްޓަކައި الله سُبْحَا نه وَتَعَالى މައިންބަފައިންނަށް އިޙްސާންތެރި ވުމަށް ދަރިންގެ މައްޗަށް ވަނީ ވާޖިބުކުރައްވާފަ އެވެ. އަދި މައިންބަފައިންނަށް ޙަރާމްކޯރުވުމަކީ ފާފަތަކުގެ ތެރެއިން ބޮޑުފާފައެއްކަމުގައި ލައްވާފައި ވެއެވެ.
އުރެދުމަކަށް އަމުރު ނުކުރާހާ ހިނދަކު، އެދެމީހުންނަށް ކިޔަމަންވުމީ ވާޖިބުކަމެކެވެ، އުރެދުމަކަށް އަމުރުކޮށްފިނަމަ ކިޔަމުންވުމެއްނެތެވެ. ނަމަވެސް އެމީހުންނަށް ހެޔޮކޮށް ހިތުން ވާޖިބުވާނެއެވެ. ދިރިތިބިއިރު އެދެމީހުންނަށް ހެޔޮކޮށް ހިތުން ވާޖިބު ކުރެއްވި ފަދައިން، އެދެމީހުން މަރުވެދިއުމަށް ފަހުވެސް އެދެމީހުންނަށް ހެއުކޮށް ހިތުން ވާޖިބު ކުރައްވާފައި ވެއެވެ. އެއީ އެދެމީހުންނަށް إستغفار ކުރުމާއި ހެޔޮދުޢާ ކުރުމެވެ. އެދެމީހުންގެ އެކުވެރި ރަޙްމަތްތެރިން ކަމުގައި އުޅުނު މީހުންނަށް ހެޔޮކޮށް ހިތުމަކީވެސް އެދެމީހުންނަށް ހެއުކޮށް ހިތުމެކެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. " مَنْ أحبَّ أن يَصِلَ أباهُ في قبرِهِ، فلْيَصِلْ إخوانَ أبيهِ بَعْدَهُ" ( رواه ابن حبّان) މާނައީ: " އެމީހެއްގެ ބައްޕަ، ކަށްވަޅުގައި ވަނިކޮށް އޭނާއަށް ހެއުފޯރުވުމަށް އެދޭމީހާ، އޭނާގެ ބައްޕަ ނެތިދިއުމަށްފަހު، އެބައްޕަގެ އެކުވެރި ރަޙްމަތްތެރިންނަށް ހެއުފޯރުވާހުށި ކަމެވެ!"
މައިންބަފައިންނަށް ހެއުކޮށް ހިތުމަކީ، ﷲ އެންމެ ލޯބިވެ ވޮޑިގެންވާ ކަންތައްތަކުގެ ތެރެއިން ކީރިތި ރަސޫލާ ހިމަނުއްވާފައިވާ ކަމެކެވެ. عبد الله بن مَسْعُود ގެ ކިބައިން ރިވާވެގެންވާ ޙަދީޘެއްގެ މާނައިގާ ވެއެވެ. ތިމަން ކީރިތި ނަބިއްޔާ އަރިހުގައި ސުވާލު ދެންނެވީމެވެ. ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތި ޢަމަލަކީ ކޮބއިތޯ އެވެ؟ ޙަދީޘް ކުރެއްވި އެވެ. އެއީ، ނަމާދު އޭގެ ވަގުތުގައި އަދާ ކުރުމެވެ. ތިމަން ދެންނެވީމެވެ. ދެން ކޮންކަމެއްތޯ އެވެ؟ ޙަދީޘް ކުރެއްވިއެވެ. މައިން ފައިންނަށް ހެޔޮކޮށް ހިތުމެވެ. ތިމަން ދެންނެވީމެވެ. ދެން ކޮންކަމެއްތޯއެވެ؟ ޙަދީޘް ކުރެއްވި އެވެ. ﷲ ގެ މަގުގައި ޖިހާދުކުރުމެވެ. (متّفق عليه)
- ފަމީލަތުއްޝައިޚް މޫސާ ފަޠުޙީގެ ލިޔުއްވުމަކުން
(މިއީ މައިންބަފައިންނަށް އެމީހުންގެ ޙައްޤުތައް އަދާކުރުމަށް ހަނދާންކޮށްދޭން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ލިޔުމެކެވެ.)