ކައިވެނިކުރަންވީ ތިމާ އެމީހަކު ދެކެ ލޯބިވާ މީހަކާތަ؟ ނޫނީ އެމީހަކު ތިމާދެކެ ލޯބިވާ މީހަކާތަ؟
މިއީ ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ. މިސުވާލަކީ ބުރަދަންހުރި ސުވާލެއްވެސްމެއެވެ. އެހެންކަމުން މިކަމަށް ތަންކޮޅެއް ބޮޑަށް ވިސްނައިލަމާ ހިނގާށެވެ!
ކައިވެނިކުރުމުގައި ނުވަތަ ޒަވާޖީ ޙަޔާތަށް ބައިވެރިއަކު ހޯދުމުގައި ފުރަތަމަ (އަލަތު) ކައިވެނިކުރާއިރުވެސް އެންމެ ރަނގަޅީ ތިމާ އެމީހަކު ދެކެ ލޯބިވާމީހަކަށްވުރެ އެމީހާ ތިމާދެކެ ލޯބިވާ މީހަކު އިޚްތިޔާރުކުރުމެވެ. އެކަމުގެ ފައިދާ ބޮޑުކަމުންނެވެ.
ތިމާ އެމީހަކު ދެކެ ލޯބިވާ މީހަކާ ކައިވެނިކޮށްފިނަމަ އަބަދުވެސް އުޅެންޖެހޭނީ އެމީހަކަށް ޚިދުމަތްކުރުމުގައެވެ. ހުންނަން ޖެހޭނީ އަޅުވެތިކަމެއްގައެވެ. އަދި ކީއްހެއްޔެވެ؟ އަބަދުވެސް ހުންނަން ޖެހޭނީ ވަކިވެދާނެތީ ކަންބޮޑުވެފައެވެ. އެހެންވެ އެކަން ސިފަކުރެވެނީ އަބަދު އަޅުވެތިކަމުގައާއި ކަންބޮޑުވުމުގައި ހުންނަން ޖެހުމުގައެވެ.
އެހެނަސް އެމީހަކު ތިމާދެކެ ލޯބިވާ މީހަކާއި ކައިވެނިކޮށްފިނަމަ މިފަދަ ހުރިހާ ކަންބޮޑުވުންތަކުން ސަލާމަތްވެހުރެވޭނެއެވެ. ކުރިން މިބުނި ކަންބޮޑުވުން ތަކުގައި ހުންނާނީ އެމީހެކެވެ. އެމީހަކު ހުންނާނީ ތިބާއަށް ޚިދުމަތްކުރުމުގައެވެ.
މިކަންކަމަކީ އެންމެންވެސް ދަންނަ ފޯމިޔުލާއެކެވެ. ނަމަވެސް ޖަޒްބާތުގައި ޖެހެވި ގިނައިން ކައިވެނިކުރެވެނީ ތިމާ އެމީހަކު ދެކެލޯބިވާ މީހާއާއިއެވެ. އެހިސާބުން މީހާ ތާށީވެ ފިތިގެންދެއެވެ.
ޢުމުރުން 35، 40 އަހަރުން މަތީގެ މީހުން، ކައިވެނި ރޫޅިގެން ތިބޭ މީހުން ކައިވެނި ކުރާނަމަ މިކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. ސަބަބަކީ އެޢުމުރުގައި ގިނަ މީހުން ތިބޭނީ ދަރިން ލިބިގެން އިތުރު ބުރަތަކާއިއެކުގައެވެ. އެޙާލަތުގައި ތިމާއަކީ ކިތަންމެ ތަނަވަސް މީހަކުނަމަވެސް އާދައިގެ ފެންވަރުގެ މީހަކު ނަމަވެސް އެންމެ ފައިދާކުރާނީ ތިމާދެކެ ލޯބިވާ މީހަކާއި ކައިވެނިކުރުމުންނެވެ.
މިމައްސަލަ ކުރިމަތިވާ އެންމެ ބޮޑު އެއް ސަބަބަކީ ގިނައިން ލޯބިވެވެނީ އަނެކާގެ ބޭރުފުށުގެ ސިފަތައް ދެކެ ކަމުގައިވާތީއެވެ. ލޯބިވެވެނީ އޭނާގެ ދީންވެރިކަމާއި އަޚްލާޤަށް ބަލައިގެންކަމަށްވާނަމަ މިބުނި ފަދަ މައްސަލަތައް ކުރިމަތިވުން މަދުވާނެއެވެ.
ބުއްދިވެރިން ބުނެއެވެ. "އަނެކާ އުފުލަން ކައިވެނިނުކުރާށެވެ! އެއީ ވަރަށް ބުރަ ވޭންހުރި ކަމެކެވެ. ކައިވެނި ކުރަންވާނީ އެމީހަކު ލައްވައި ތިމާ އުފުލުވޭށެވެ. އެއިރުން ދިރިއުޅެވޭނީ ވަރަށް އުފަލާއި އަރާމުގައެވެ." އެމީހުން ކުރުގޮތަކަށް އެބުނަނީ ކުރިން މިދެއްކި ވާހަކަތަކެވެ.
ބުނަން ހެއްޔެވެ؟ ބައިވެރިޔާ ތިމާ ދެކެ ލޯބިވާތީ އޭނާ އާއި ކައިވެނި ކޮށްފިނަމަ ރޫޅެނީ ވަރަށް މަދު ކައިވެންޏެކެވެ. ގިނަ ކައިވެނިތައް ރޫޅިގެންދަނީ ތިމާ ލޯބިވެގެން ކައިވެނިކުރާތީއެވެ.
- އަލަފް / މިއަދުނޫސް