ކަނޑުން އަލިފާނުގެ ރާޅުތައް އަރައިގެން އަންނާނެކަން ސައިންސްގެ ހޯދުންތަކުންވެސް މިހާރު ސާބިތު!

ކިޔުމަށް ހޭދަވާނީ 5މ 8ސ
ކަނޑުން އަލިފާނުގެ ރާޅުތައް އަރައިގެން އަންނާނެކަން ސައިންސްގެ ހޯދުންތަކުންވެސް މިހާރު ސާބިތު!

ޢަލީ އިޙްޞާން ފިރާޤް

 

ދުނިޔޭގެ 70 ޕަސެންޓު ހިއްސާ ކުރަނީ ކަނޑެކެވެ. ދުނިޔޭގެ ފެނުގެ ނިސްބަތަށް ބަލާއިރު %96.5 ފެން ހިފެހެއްޓިފައިވަނީ ކަނޑުތަކުގައެވެ. ދުނިޔޭގެ ހިކިފަސް ބިމުގައި ސުމާރެއްނެތްހާ ގިނަ ބާވަތްބާވަތުގެ ޖަނަވާރާއި ދޫނިސޫތްޕާއި އެހެނިހެން ދިރުންތައް ވާފަދައިން ކަނޑަކީވެސް އަދަދު ބަޔާން ކުރަން ނޭނގޭހާ ގިނަ ދިރުންތަކުގެ ގޯއްޗެކެވެ. ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައިވާ ގޮތުގައި އިންސާނުންނަށް ކަނޑުގައި ދަތުރުފަތުރު ކުރެވޭނެ ގޮތް މިންވަރު ކުރެއްވުމަކީ ﷲ ދެއްވައިފައިވާ ނިއުމަތެކެވެ. 

ލުޤުމާން ސޫރަތުގެ 31 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 

أَلَمْ تَرَ أَنَّ الْفُلْكَ تَجْرِي فِي الْبَحْرِ بِنِعْمَتِ اللَّهِ لِيُرِيَكُم مِّنْ آيَاتِهِ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّكُلِّ صَبَّارٍ شَكُورٍ ﴿٣١﴾‏ 

މާނައީ: [ތިޔަބައިމީހުންނަށް އެކަލާނގެ آية ތައް ދެއްކެވުމަށްޓަކައި، ހަމަކަށަވަރުން، اللَّه ގެ نعمة ން ކަނޑުގައި ނާފަހަރު ދުވާތީ، ތިބާޔަކަށް ނުފެނޭހެއްޔެވެ؟ ހަމަކަށަވަރުން، ކެތްތެރިކަން ބޮޑު، شكر ވެރިވުން ބޮޑު، ކޮންމެ މީހަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.] 

މި ނޫނަސް މިދެންނެވި މާނަ ދޭހަވާ އާޔަތްތައް ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވައިފައިވެއެވެ. ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި ދީނީ ވާޖިބެއް އަދާ ކުރަން ކަމުގައި ވިޔަސް ނުވަތަ ދުނިޔަވީ ހުއްދަ މަންފާއެއް ހޯދަންކަމުގައިވިޔަސް ކަނޑުގައި ދަތުރުފަތުރު ކުރުމަކީ ހަލާލުކެމެއް ކަން މިފަދަ އާޔަތްތަކުން ދޭހަވެއެވެ. 

ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވައިފައިވާ ޣައިބުގެ ވާހަކަތަކުގެ ތެރޭގައި ޤިޔާމަތްދުވަހުގެ ބައެއް އަލާމަތްތަކުގެ ވާހަކަ ހިމެނެއެވެ. އެގޮތުން ކަނޑުގައި އަލިފާން ރޯވެ އަނދާނެކަމަށް ބަޔާން ކުރައްވައިފައިވެއެވެ. ސޫރަތުއް ތަކްވީރުގެ ފުރަތަމަ 6 އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ. 

إِذَا الشَّمْسُ كُوِّرَتْ ﴿١﴾‏ وَإِذَا النُّجُومُ انكَدَرَتْ ﴿٢﴾‏ وَإِذَا الْجِبَالُ سُيِّرَتْ ﴿٣﴾‏ وَإِذَا الْعِشَارُ عُطِّلَتْ ﴿٤﴾‏ وَإِذَا الْوُحُوشُ حُشِرَتْ ﴿٥﴾‏ وَإِذَا الْبِحَارُ سُجِّرَتْ ﴿٦﴾‏ 

މާނައީ: [އިރުގެ އަލިކަން ފިލައި، ހިނގައިދާ ހިނދެވެ. އަދި ތަރިތަކުން އަލިކަން ފިލައި، ބުރަބުރައިގެންދާ ހިނދެވެ. އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވާ ހިނދެވެ. އަދި މާބަނޑު ޖަމަލުތައް އަޅާނުލައި ދޫކޮށްލާ ހިނދެވެ. އަދި ވަލު ޖަނަވާރުތައް (އެއްތަނަކަށް) އެއްކުރައްވާ ހިނދެވެ. އަދި ކަނޑުތައް ރޯވެ، އަނދައިގަންނަ ހިނދެވެ.] 

އުބައްޔު ބިން ކަޢުބު ވިދާޅުވެފައިވެއެވެ. ޤިޔާމަތް ގާއިމުވުމުގެ ކުރިން ހަ އަލާމަތެއް ފެންނާނެއެވެ. އިރުގެ އަލިކަން ފިލައިގެންދާނީ މީސްތަކުން ބާޒާރު މަތީގައި ތިއްބައެވެ. އަދި މީސްތަކުން އެހާލަތުގައި ތިއްބާ ތަރިތަކުން އަލިކަން ފިލައި، ބުރަބުރައިގެން ދާނެއެވެ. އަދި މީސްތަކުން އެހާލަތުގައި ތިއްބައި ފަރުބަދަތައް ލުހި ބުރަބުރައިގެންދާނެއެވެ. އޭގެ ސަބަބުން ބިންހެލުން އަންނާނެއެވެ. އިންސާނުން ޖިންނީގެ ގާތަށް ދާނެއެވެ. އަދި ޖިންނީން އިންސާނުންގެ ގާތަށް ދާނެއެވެ. އޮޅު ޖަނަވާރުތަކާއި، ދޫނިތަކާއި ވަލުޖަނަވާރުތައް އެއްތަނަކަށް އެއްވާނެއެވެ. އެވަގުތު ޖިންނީން، އިންސާނުންނަށް ބުނާނެއެވެ. [ތިމަންމެން މިއައީ ޚަބަރަކައިގެންނެވެ.] މިހެންބުނެ އިންސާނުނާއެކު ޖިންނީން ކަނޑުގެ އައްސޭރިއަށް ދިޔުމުން ފެންނާނީ ކަނޑުގައި ރޯވެ އަނދަމުން ދާ މަންޒަރެވެ. ދެން ބައިމީހުން އެ ތަނުގައި ތިއްބައި ބިން ފަޅަފަޅައިގެން ދާނެއެވެ. ހަތްވަނަ ބިމުން ފެށިގެން އެއްވަނަ ބިމާ ހަމައަށް ފަޅައިގެންދާނެއެވެ. އުޑުވެސް ހަތްވަނަ އުޑުން ފެށިގެން އެއްވަނަ އުޑާހަމައަށް ފަޅައިގެންދާނެއެވެ. ދެން އެހާލުގައި އެމީހުންވަނިކޮށް ވައިރޯޅިއެއް ފޮނުއްވައި އެއެންމެން މަރުގަންނަވާނެއެވެ.] {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު} 

މި ޒަމާނުގެ ސައިންސްގެ ހޯދުންތަކުން ސާބިތުވާ ގޮތުގައި ކަނޑުގެ އަޑީގައި އަލިފާން ހުރެއެވެ. މި އަލިފާނުގެ އަސްލެއްކަމަށް ބެލެވިފައިވަނީ އަލިފާން ފަރުބަދަތަކެވެ. މެރިން އިކޮލޮޖިސްޓުން ބަޔާން ކުރާ ގޮތުގައި ކަނޑުގައި އެތައް ހާސް އަލިފާން ފަރުބަދައެއް ހުރެއެވެ. 

[ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި 80 އިންސައްތަ ވޮލްކެނޯ (އަލިފާންފަރުބަދަ) ގޮވަނީ ކަނޑުގައިއެވެ. މި ވޮލްކެނޯތަކުގެ ތެރެއިން ގިނަ ވޮލްކެނޯތަކަކީ އެތައް ހާސް ފޫޓެއްގެ ފުން، އަދި ހޯދަން އުނދަގޫ ތަކެއްޗެވެ. 2009 ވަނަ އަހަރުގެ މެއި މަހު ސައިންސްވެރިން ވަނީ ކަނޑުގެ އެންމެ ފުނުގައި ގޮވައިފައިވާ ވޮލްކެނޯ ހޯދާފައެވެ.] އޯޝަން ޓްޑޭ 

މިދެންނެވި ހެކިތަކުންވެސް އެނގި ސާބިތުވަނީ ޤުރްއާނުގައި ބަޔާން ކުރައްވައިފައިވާ ވާހަކަތަކުގެ ތެދުކަމެވެ. މި ޒަމާނުގެ ސައިންސުގެ އަލީގައި ކީރިތި ޤުރްއާނުގައިވާ އިލްމީ ހަގީގަތްތައް އެނގި ސާބިތުވަމުން ދާކަމެވެ.

މިއަދު އޮންލައިން