ޢާއިޝަތު ރަފާޙް ޢަލީ
ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.
الْمُؤْمِنُ الْقَوِيُّ، خَيْرٌ وَأَحَبُّ إِلَى اللهِ مِنَ الْمُؤْمِنِ الضَّعِيفِ، وَفِي كُلٍّ خَيْرٌ احْرِصْ عَلَى مَا يَنْفَعُكَ، وَاسْتَعِنْ بِاللهِ وَلَا تَعْجَزْ، وَإِنْ أَصَابَكَ شَيْءٌ، فَلَا تَقُلْ لَوْ أَنِّي فَعَلْتُ كَانَ كَذَا وَكَذَا، وَلَكِنْ قُلْ قَدَرُ اللهِ وَمَا شَاءَ فَعَلَ، فَإِنَّ لَوْ تَفْتَحُ عَمَلَ الشَّيْطَانِ»
މާނައީ: ގަދަފަދަ މުއުމިނާ ބަލިކަށި މުއުމިނާއަށްވުރެ ހެޔޮވެގެންވެއެވެ. އަދި ﷲގެ ޙަޟްރަތަށް ލޮބުވެތިކަން ވޮޑުވެގެންވެއެވެ. އަދި (ދެމީހުންކުރެ) ކޮންމެ މީހެއްގެ ކިބައިގައިވެސް ހެޔޮކަންތައްވެއެވެ. ތިބާއަށް ފައިދާ ކުރަނިވި ކަންތައްތަކުގެ މައްޗަށް ތިބާ ދަހިވެތިވާށެވެ. އަދި ﷲގެ ޙަޟްރަތުން މަދަދަށް އެދޭށެވެ. އަދި (ހެޔޮކަންތައްތަކަށް) ނުކުޅެދިގެންވާ މީހެއްގެ ގޮތުގައި ނުވާށެވެ. އަދި ތިބާއަށް މުޞީބާތެއް ޖެހިއްޖެނަމަ ފަހެ ތިބާ ނުބުނާށެވެ! އަހުރެންނަށް މިވެނި އެވެނި ގޮތަކަށް ކަންތައްކުރެވުނު ނަމައެވެ. އަދި ކިއެއްތަ! ތިބާ މިފަދައިން ބުނާށެވެ."قَدَرُ اللهِ وَمَا شَاءَ فَعَلَ"، މާނައީ "(މިއީ) ﷲ މިންވަރުކުރެއްވި ގޮތެވެ. އެކަލާނގެ އިރާދަކުރެއްވިގޮތަށް ކަންތައްކުރައްވައިފިއެވެ." އެހެނީ ހަމަކަށަވަރުން "ނަމައޭ ކިޔުން" ޝައިތާނާގެ ޢަމަލުތައް ހުޅުވައިދެއެވެ.”
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
"إِيَّاكُمْ وَالظَّنَّ ، فَإِنَّ الظَّنَّ أَكْذَبُ الْحَدِيثِ ، وَلا تَجَسَّسُوا ، وَلا تَحَسَّسُوا ، وَلا تَبَاغَضُوا ، وَكُونُوا عِبَادَ اللَّهِ إِخْوَانًا "
މާނައީ؛ ތިޔަބައިމީހުން ހީތަކުން ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން ހީއަކީ އެންމެ ދޮގު ވާހަކައެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސު ނުކުރާށެވެ! އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޙަސަދަވެރި ނުވާށެވެ! އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ރުޅިނުވާށެވެ! އޭ ﷲ ގެ އަޅުތަކުންނޭވެ. ތިޔަބައިމީހުން އަޚުންތަކެއް ކަމުގައި ވާށެވެ.