ގިނަ ބައަކު އެންމެ ހެޔޮ ގޮތުގައި ރޭގެ ބޭނުންހިފައިފި! މިއަދުވެސް ހިފަންވީ! ސުވަރުގޭގައި ދެފައި އެޅެންދެން ކޮންމެ ދުވަހަކުވެސް ހިފަންވީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ގިނަ ބައަކު އެންމެ ހެޔޮ ގޮތުގައި ރޭގެ ބޭނުންހިފައިފި! މިއަދުވެސް ހިފަންވީ! ސުވަރުގޭގައި ދެފައި އެޅެންދެން ކޮންމެ ދުވަހަކުވެސް ހިފަންވީ!

ރެއަކީ މީލާދީ އައުއަހަރުގެ ފެށުން ފާހަގަކުރިރެއެވެ. މުޅިދުނިޔޭގައިވެސް އެކަންކޮށްފިއެވެ. އަހުރެން ދައްކަން މިއުޅެނީ ރޭގެ ބޭނުން ނުބައި ގޮތުގައި ހިފި މީހުންގެ ވާހަކައެއް ނޫނެވެ. ހެޔޮގޮތުގައި ހިފިމީހުންގެ ވާހަކައެވެ. 

އަހުރެންނަށް އެނގޭ ބައެއް ޒުވާނުންނަށް ފޯނުކުރީމެވެ. ކުޜީވެސް ވީޑިއޯ ކޯލެވެ. އެއްބައަކު ވަޤުތުން ޖަވާބުދިނެވެ. އަނެއްބައަކު ފަހުން ގުޅިއެވެ. އެއެންމެންވެސް ތިބީ އަޅުކަމުގައެވެ. ޛިކުރުކޮށް ދުޢާކުރުމުގައެވެ. 

ބައެއް ޒުވާނުން ބުނެފައިވެއެވެ. "ޝައިޚް އެވެ. މިއަހަރުގެ މީލާދީ އައުއަހަރު މިފެށުނީ މާތްވެގެންވާ ރަޖަބްމަހުގައެވެ. ފާފަކުރެވޭ މަޖިލިސްތަކަކަށް ނުދަމެވެ. މިހުރީ ދުރުހެލިވެގެންނެވެ. މިކުރާ ކަމަކީ ދުޢާކުރުމެވެ. އިސްލާމް ދީނުގައި ޘާބިތުކަން ދެއްވެވުން އެދިގެންނެވެ."

އެއްވެސް ޝައްކެއް ނެތެވެ. އެމީހުން ރޭގެ ފައިދާލިބިގެންފިއެވެ. މިހެން ބުނުމުން ޑިސެމްބަރު މަހުގެ 31 ވަނަރެއަކީ ޚާއްޞަ ރެއަކަށް ވަނީ ކީއްވެގެންތޯ ސުވާލުކުރާނެ މީހުންނަށް ޖަވާބު މިދެނީއެވެ. ސަބަބަކީ ގިނަ ބައަކު ފާފަކުރާ ރެއަކު ފާފަނުކޮށް އަޅުކަމުގައި ތިބޭރެއަކަށް ހެދީތީއެވެ. 

އަހުރެންގެ ނަޞީޙަތަކީ ރެއާއި ހަމައިން ނިންމައި ނުލާށެވެ. މިއަދުވެސް ތިއަގޮތުގައި ޘާބިތުވެ ތިބޭށެވެ. ކުރިއަށް އޮތް ދުވަސްތަކާއި ރޭތަކުގައިވެސް ޘާބިތުވެ ތިބޭށެވެ. އެއްފައި ސުވަރުގޭގައި އެޅުނަސް ސުވަރުގެ ވަދެވިއްޖެކަމަށް ނުބަލައި ދެފައި އެކުގައި އެޅެންދެން ހިތްވަރުކުރާށެވެ! ޤިޔާމަތްދުވަހު އެމަތިވެރިކަން ލިބޭނީ ދުނިޔޭގައި ތިބެ އެކަމަށް މަސައްކަތްކުރި ބައަކަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން