ފަށްކުރުމެއް!: އެނގުން މުހިންމު ބައިތަކާއެކު ނޫޙުގެފާނު ވާހަކަ 5- ޤައުމުގެ މީހުން ޢިޖާބަނުދީ ފުރައްސާރަތައް ކުރިނަމަވެސް ފޫހިކަމެއްނެތި ދީނަށް ގޮވާލެއްވެވި

ކިޔުމަށް ހޭދަވާނީ 5މ 22ސ
ފަށްކުރުމެއް!: އެނގުން މުހިންމު ބައިތަކާއެކު ނޫޙުގެފާނު ވާހަކަ 5- ޤައުމުގެ މީހުން ޢިޖާބަނުދީ ފުރައްސާރަތައް ކުރިނަމަވެސް ފޫހިކަމެއްނެތި ދީނަށް ގޮވާލެއްވެވި

ޢަލީ އިޙްޞާން ފިރާޤް

 

نوح عليه السّلام އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށް ކެނޑިނޭޅި މަސައްކަތްޕުޅުކުރައްވަމުން ގެންދެވިއެވެ. ރޭގަނޑާއި ދުވާލު ދީނަށް ގޮވައިލެއްވުމުގައި މަސައްކަތްޕުޅު ކުރެއްވިއެވެ. ސިއްރާއި ފާޅުގައި ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ. މާތްالله سبحانه وتعالى ގެ ޢަޛާބާ މެދު އިންޒާރު ކުރައްވައި، އެ ޢަޛާބަށް ބިރުވެތި ކުރެއްވިއެވެ. އީމާންވެއްޖެ މީސްތަކުންނަށް އެކަލާނގެ ޙަޟްރަތުގައި ހުރި ދަރުމައާއި ޘަވާބު ބަޔާންކޮށްދެއްވައި އުފާވެރިކަމުގެ ޚަބަރުދެއްވިއެވެ. ނަމަވެސް، މާތްالله سبحانه وتعالى ގެ ޙައްޤު ދީނަށް ތަބާވުމުގެ ބަދަލުގައި އެކަލޭގެފާނުގެ ޤައުމުގެ ގިނަ މީސްތަކުން އެކަލާނގެއަށް ކާފިރުވިއެވެ.

نوح عليه السّلام ގެ ޤައުމުގެ މީސްތަކުން އެކަލޭގެފާނު ދޮގު ކުރުމަށްފަހު ހުއްޓާލީއަކީ ނޫނެވެ. އަދި ކީއްތޯ؟ އެބައިމީހުން އެކަލޭގެފާނަށް ދެކޮޅުވެރިވެ، ޢަދާވާތްތެރިވާން ފެށިއެވެ. އެކަލޭގެފާނަށާއި، އެކަލޭގެފާނަށް އީމާންވި މަދު މީސްކޮޅަށް އުނދަގޫކޮށް އަނިޔާ ކުރަންފެށިއެވެ. އެކަލޭގެފާނު މާތްالله سبحانه وتعالى ގެ ދީނަށް ގޮވައިލެއްވުން ހުއްޓަވައި ނުލައްވައިފިނަމަ، އެކަލޭގެފާނު ރަޖަމްކުރާނެކަމަށް ބުނެ އިންޒާރުދޭނެފެށިއެވެ. نوح عليه السّلام އަކީ މަގުފުރެދިފައިވާ މީހެކޭ ބުނަމުންގެންދިޔައެވެ. ބުއްދި ގޯސްވެފައިވާ މޮޔައެކޭ ބުނަމުންގެންދިޔައެވެ. މިކަމަށް އިޝާރާތްކުރައްވައި ކީރިތި ޤުރްއާނުގެ އަލް އަޢުރާފް ސޫރަތުގެ 60 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ.

قَالَ الْمَلَأُ مِن قَوْمِهِ إِنَّا لَنَرَاكَ فِي ضَلَالٍ مُّبِينٍ ﴿٦٠

މާނައީ: [އެކަލޭގެފާނުގެ قوم ގެބޮޑުން ބުނޫއެވެ. ހަމަކަށަވަރުން، އަހުރެމެންނަށް ފެންނަނީ، ފާޅުވެގެންވާ ފުރެދުމެއްގައި ކަލޭގެފާނު ވާތީއެވެ.]

نوح عليه السّلام އަކީ މަގުފުރެދިފައިވާ މީހެކޭ ބުނެ، އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުން ކުރި ތުހުމަތަށް ޖަވާބުދެއްވަމުން އެކަލޭގެފާނު ވިދާޅުވި ބަސްފުޅު ކީރިތި ޤުރްއާނުގެ އަލްއަޢުރާފު ސޫރަތުގެ 61 ވަނަ އާޔަތުގައި މާތްވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 

قَالَ يَا قَوْمِ لَيْسَ بِي ضَلَالَةٌ وَلَـٰكِنِّي رَسُولٌ مِّن رَّبِّ الْعَالَمِينَ ﴿٦١﴾ 

މާނައީ: [އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! އަހުރެންގެ ކިބައިގައި އެއްވެސް ފުރެދުމެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އަހުރެންނީ، عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން އައި رسول އަކީމެވެ.]

نوح عليه السّلام އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންގެ ފަރާތުން ކުރިމަތި ވަމުން ދިޔަ ދުއްތުރާތަށް، ކެތްތެރިކަމާއެކު ބަރުދާސްތު ކުރައްވަމުން ގެންދެވިއެވެ. ކެތްތެރިކަމާއެކު، މާތް الله سبحانه وتعالى ގެ ތެދުމަގު އެބައިމީހުންނަށް ބަޔާންކޮށްދެއްވަމުން ގެންދެވިއެވެ. އެކަލޭގެފާނު އެބައިމީހުންގެ ގާތަށް ފޮނުއްވުމުގެ ބޭނުން ބަޔާން ކޮށްދެއްވަމުން ގެންދެވިއެވެ. މިކަމަށް އިޝާރާތްކުރައްވައި ކީރިތި ޤުރުއާނުގެ އަލް އަޢުރާފް ސޫރަތުގެ 62ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ.

أُبَلِّغُكُمْ رِسَالَاتِ رَبِّي وَأَنصَحُ لَكُمْ وَأَعْلَمُ مِنَ اللَّـهِ مَا لَا تَعْلَمُونَ ﴿٦٢

މާނައީ: [އަހުރެންގެ ވެރިރަސްކަލާނގެ رسول ކަން ތިޔަބައިމީހުންނަށް އަހުރެން އިއްވަމެވެ. އަދި ތިޔަބައިމީހުންނަށް نصيحة ތެރިވަމެވެ. އަދި ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތައް اللَّه ގެ حضرة ން އަހުރެންނަށް އެނގެއެވެ]

نوح عليه السّلام ގެ ޤައުމުގެ މީސްތަކުންގެ ތެރެއިން އެކަލޭގެފާނަށް ތަބާވި މީސްތަކުން އެކަލޭގެފާނަށް ތަބާވީ އެކަލޭގެފާނަކީ އަރަހުށި ހުސްޠާޙިރުވަންތަ މާތް الله سبحانه وتعالى ފޮނުއްވި ޙައްޤު ރަސޫލެއްކަން އެނގޭތީއެވެ. ރަސޫލުކަމާއި ނަބީކަމުގެ އާދަޔާ ޚިލާފު ކަންތައްތަކެއް އެކަލޭގެފާނުގެ ކިބައިން ފެނުމުންނެވެ. ނަމަވެސް، نوح عليه السّلام ގެ ޤައުމުގެ ކާފިރުވި މީސްތަކުން އީމާންވި މީހުންނާމެދު ކުރަމުންގެންދަނީ މުޅިން އެހެން ތުހުމަތު ތަކެކެވެ. އެބައިމީހުން އެކަލޭގެފާނާ ތަބައަވީ އެއްވެސް ބެލުމެއްނެތިކަމުގައެވެ. މަތިމައްޗަށް ފެނުނު ކަންތައްތަކެއް ފެނުމުން އެކަމަށް ހެއްލި ކާބަފައިންގެ ދީން ދޫކޮށްލީކަމުގައެވެ.

ނަމަވެސް، ކާފިރުވި މީސްތަކުންގެ މަލާމާތާއި ފުރައްސާރައިގެ ކުރިމަތީގައި އީމާންވި މީސްތަކުން ދެއްކެވީ ފުރިހަމަ ސާބިތުކަމެވެ. އެބައިމީހުންގެ އީމާންކަން ދިޔައީ އިތުރުވަމުންނެވެ. ދީނީ އިޢުތިޤާދު ދިޔައީ ހަރުދަނާވަމުންނެވެ.

 

 

 

މިއަދު އޮންލައިން