އެއީ އެކުގައި ދިރިއުޅެމުން އައި ދެމަފިރިންނެވެ. ފިރިމީހާއަކީ ފަޤީރެކެވެ. ވެވުނު ވަރަކުން އަނބިމީހާގެ ބޭނުންތައް ފުއްދައިދެއެވެ. އަނބިމީހާވެސް ހުރީ ރުހިގެންނެވެ. އެހެން ތިއްބައި ރަށަށް ދިއަ ތަނަވަސް މީހަކު އަނބިމީހާގެ ބޮލަށް އެރިގެން ވިސްނުން ބަދަލުކުރުވައި މާލެ ގެނައީއެވެ. ތަނަވަހުގައި ގެންގުޅޭނެ ކަމަށް ބުނެ އަދި ކައިވެނިކުރާނެ ކަމަށްވެސް ބުނެގެންނެވެ.
ފިރިމީހާގެ އާދޭސްތައް އަޑުނާހައި ވަރިވެގެން މާލެ އައިސް އެމިހާގެ ގޭގައި އުޅެންފެށީއެވެ. ދެމަފިރިން ފަދައިން މަހެއްހައި ދުވަހު އުޅުނުއިރުވެސް ކައިވެނިކުރަން ނުއުޅުމުން އެވާހަކަ ދެއްކީމާ ކެތްތެރިވާން ބުނެ އަންނަނީ ރުޅިއެވެ.
ދެންފެށީ ގެއަށް އަންހެން ކުދިން ގެނެސް ކުރިމަތީގައި ގޮވައިގެން ކޮޓަރިއަށް ވަންނާށެވެ. އެކަމަށް ބަހެއް ބުނުމުން ބުނީ އަނގައިން ނުބުނެ މަޑުން ހުރުމަށެވެ. އަދި މިހާރު ތިއައީ ގޭގެ ނޯކަރު ކަމަށާއި އޭނާގެ އިތުރުން އޭނާ ގެއަށް ގެންނަ އަންހެން ކުދިންނަށްވެސް ހެޔޮކޮށް ހިތައިގެން އުޅުމަށެވެ.
އެކަންކަމަށް ކެތްނުކުރިވިގެން އެނބުރި ރަށަށްދިއައިރު ފިރިމީހާ ހުރީ ކައިވެނިކޮށްގެންނެވެ. ކުރިން ޢަމަލުކުރި ގޮތަށް ބަލައި ކައިވެނިކުރާނެ ޒުވާނަކު ނުލިބުމުން ކައިވެނިކުރަންޖެހުނީ ޢުމުރުން ދޮށީ މީހަކާއިއެވެ. ޖެހުނީ މަންމަ ނުވެ 3 ދަރިން ބަލައިދޭށެވެ. ރަށުގެ އެންމެން\ހެން ފުރައްސާރަކުރެއެވެ. ހެޔޮލަފާ ފިރިމީހާ ރޮއްވާފައި ދިއަކަމުން ތިއަހުރީ ރާކަނި މަސްކެވިފައިކަމަށް ބުނެއެވެ.
ހެޔޮލަފާ ބައިވެރިޔާއަށް ކަރުނައަޅަންޖައްސުވާ ގިން މީހުންނަށް ލިބެނީ މިފަދަ ބޮޑު ނިކަމެތި ކަމެކެވެ. ހިތާމައަކީ ލޮލަށް ފެންނަ ކަންކަމުން ޢިބްރަތް ޙާޞިލުނުކުރެވޭ ކަމެވެ.
- އަޝްފާ / މިއަދުނޫހުގެ ކިޔުންތެރިއެއް