ހުޅުމާލޭގައި "ގްރީން ނާސަރީ" ތަރައްޤީކުރުމުގެ މަޝްރޫޢު ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ހުޅުމާލޭގައި "ގްރީން ނާސަރީ" ތަރައްޤީކުރުމުގެ މަޝްރޫޢު ފަށައިފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑް ގުޅިގެން ހުޅުމާލޭގައި 'ގްރީން ނާސަރީ' އެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްރޫޢަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަނީ ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑުންނެވެ.

ހުޅުމާލޭގައި މިފަދަ ނާސަރީއެއް ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލެ އިތުރަށް ފެހިކޮށް، ތިމާވެއްޓާ ރައްޓެހި މާޙައުލެއް ބިނާކުރުމަށް ބޭނުންވާ ގަސްގަހާގެހި އާލާކޮށް ބެލެހެއްޓުމެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ރަށްތައް ފެހިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.

އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، މި ނާސަރީ ތަރައްޤީވެގެން ދިޔުމާއެކު ހުޅުމާލޭގެ ހިތްގައިމުކަން އިތުރުވެ، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ބެލެހެއްޓުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ. އަދި މިއީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ރަޙްމަތްތެރި ގުޅުމުގެ ތެރެއިން ރާއްޖޭގެ ތަރައްޤީއަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއްކަންވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

މި މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ އިސްވެރިން، އެޗްޑީސީގެ އިސްވެރިން، އަދި ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީގެ މަންދޫބުން ބައިވެރިވެވަޑައިގެންފައިވެއެވެ.

 

 

 

ހަބަރު: ސަރުކާރު

 

މިއަދު އޮންލައިން