އެމްޓީސީސީއަށް ތިންވަނަ ކުއާޓަރުގައި 13.4 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
އެމްޓީސީސީއަށް ތިންވަނަ ކުއާޓަރުގައި 13.4 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 13.4 މިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއީ އެ ކުންފުނިން އާންމުކޮށްފައިވާ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓުން ދައްކާ ހިސާބުތަކެވެ.

މާލީ ރިޕޯޓުގައިވާ ގޮތުން ތިންވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ޖުމްލަ 501.2 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ ދެވަނަ ކުއާޓަރުގައި ލިބުނު 490.3 މިލިއަން ރުފިޔާއާ އަޅާބަލާއިރު 2.2 އިންސައްތައިގެ ކުރިއެރުމެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވަނީ 418.4 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

ކުންފުނީގެ ހިންގުމުގެ ފައިދާއަށް ބަލާއިރު، ތިންވަނަ ކުއާޓަރުގައި ހިންގައިގެން 29.3 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެއެވެ. ނަމަވެސް، ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބުނު އާމްދަނީ ވަނީ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ދަށްވެފައެވެ. އެގޮތުން ދެވަނަ ކުއާޓަރުގައި ޓެކްސްއަށް ކެނޑުމުގެ ކުރިން 33 މިލިއަން ރުފިޔާ ލިބިފައިވާއިރު، ތިންވަނަ ކުއާޓަރުގައި މި އަދަދު ހުރީ 15.7 މިލިއަން ރުފިޔާގައެވެ.

އެމްޓީސީސީއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިމާރާތް ކުރުމާއި ބިން ހިއްކުމުގެ މަޝްރޫޢުތަކުންނެވެ. މި ދާއިރާއިން އެކަނިވެސް ތިންވަނަ ކުއާޓަރުގައި 397 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ ކުންފުނީގެ ޖުމްލަ އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރާ ދާއިރާއެވެ.

މަޝްރޫޢުތަކުގެ ތަފްސީލަށް ބަލާއިރު، ތިންވަނަ ކުއާޓަރުގެ ތެރޭގައި އެމްޓީސީސީން ޖުމްލަ 373 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ ތެރެއިން 6 މަޝްރޫޢެއްގެ މަސައްކަތް އެ މުއްދަތުގެ ތެރޭގައި ނިންމާލާފައިވާއިރު، އަލަށް 68 މަޝްރޫޢެއްގެ މަސައްކަތް ވަނީ ފަށާފައެވެ.

މިއަދު އޮންލައިން