މިއަދުން ފެށިގެން ވަރކް ސައިޓް ރަޖިސްޓްރީ ކުރެވޭނީ ޑިކްލަރޭޝަން ފޯމާއި އިޤްރާރު ހުށަހެޅުމުން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
މިއަދުން ފެށިގެން ވަރކް ސައިޓް ރަޖިސްޓްރީ ކުރެވޭނީ ޑިކްލަރޭޝަން ފޯމާއި އިޤްރާރު ހުށަހެޅުމުން

މިއަދުން ފެށިގެން ދާއިމީ ކޯޓާ ދޫކުރާ މަސައްކަތްތަކަށް ވަރކް ސައިޓް ރަޖިސްޓްރީ ކޮށްދެވޭނީ، މިހާރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ އިތުރުން ނޮޓޮރައިޒް ކޮށްފައިވާ "ވަރކް ސައިޓް ޑިކްލަރޭޝަން ފޯމު" އަދި އިޤްރާރު ހުށަހެޅުމުން ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ބުނެފިއެވެ.

ދާޚިލީ ވުޒާރާއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މި ބަދަލާއެކު އަލަށް ހުށަހަޅަންޖެހޭ ފޯމާއި އިޤުރާރު އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މިހާރު ލިބެން ހުންނާނެ ކަމަށެވެ. މިއީ ބިދޭސީން ވަޒީފާ އަދާކުރާ ތަންތަނުގެ މަޢުލޫމާތުގެ ސައްޚަކަން ކަށަވަރު ކުރުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

ވަރކް ސައިޓް ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ލިޔެކިއުންތަކުގެ އިތުރުން، އިތުރަށް ކަމެއް ސާފުކުރަން ޖެހިއްޖެ ހާލަތެއްގައި، ސައިޓް ރަޖިސްޓްރީ ކުރަނީ ކުއްޔަށް ހިފާތަނެއްގައި ކަމުގައިވާނަމަ، ވަޒީފާދޭ ފަރާތާއި އިމާރާތް ނުވަތަ ބިމުގެ ވެރިފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ކޮޕީއާއި އެހެނިހެން ލިޔެކިޔުންތައް ހުށަހެޅުމަށް އެންގުމުގެ އިޚްތިޔާރު ވުޒާރާއަށް ލިބިގެންވާ ކަމަށްވެސް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، މިހާރު ދާއިމީ ކޯޓާ ދޫކުރެވި ރަޖިސްޓްރީ ކޮށްފައިވާ ސައިޓްތަކުގެ މަޢުލޫމާތު އަދާހަމަ ކުރުމަށްޓަކައި، މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން "ވަރކް ސައިޓް ޑިކްލަރޭޝަން ފޯމު" އަދި އިޤުރާރު ހުށަހެޅުމަށް ވަޒީފާ ދޭ ހުރިހާ ފަރާތްތަކަށް ވަނީ އަންގާފައެވެ. މި ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނީ، ރަޖިސްޓްރީ ކޮށްފައިވާ ސައިޓުގެ "ޑޮކިއުމަންޓް އަޕްޑޭޓް ރިކުއެސްޓް" ނުވަތަ "ސައިޓް ޕަރމިޓް އަޕްޑޭޓް" މެދުވެރިކޮށެވެ.

ދާޚިލީ ވުޒާރާއިން ވަނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި ފޯމުތައް ހުށަނާޅާ ފަރާތްތަކުގެ ސައިޓްތައް ސަސްޕެންޑް ކުރެވޭނެ ކަމުގެ އިންޒާރު ދީފައެވެ. މި ފިޔަވަޅަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ކަންކަން ހަރުދަނާ އުސޫލެއްގެ ދަށުން ބެލެހެއްޓުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

މިއަދު އޮންލައިން