މިއަހަރުގެ ތެރޭގައި ރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ސިނާޢަތް ހަރުދަނާކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މުޙައްމަދު އަމީން މިކަން ހާމަކުރެއްވީ މީސްމީޑިއާ މަންސަ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ސިނާޢަތް އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) ގެ މިންގަނޑުތަކާ އެއްގޮތަށް ހަރުދަނާކޮށް ކުރިއެރުވުމާ ގުޅޭގޮތުން، ދާއިރާގެ ފަންނީ ބޭފުޅުންނާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ވަޒީރުގެ ޕޯސްޓުގައި ވިދާޅުވީ، "މާތް ﷲ ގެ ވާގިފުޅާއެކު، މި 2026 ވަނަ އަހަރު ކަނޑު ދަތުރުފަތުރުގެ ސިނާޢަތް ހަރުދަނާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅިގެން ދާނެ! އަދި މި ދާއިރާއިން ކުރިއެރުންތަކެއް ހޯދުމަކީ އަމާޒެއް!" ކަމަށެވެ.
މީގެ އިތުރުން، މި ސިނާޢަތުގެ ތަރައްޤީއާ ގުޅޭ ކަންކަމުގައި މަޝްވަރާއާއި ލަފާ ހޯދުމަށްޓަކައި ފަންނީ ތަޖުރިބާކާރުން ހިމެނޭހެން އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލުމަށް ނިންމަވާފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މި ކޮމިޓީއާއެކު ސިނާޢަތުގެ މަސައްކަތްތައް އިތުރަށް ތަރުތީބު ކުރެވިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ނިންމުމަކީ ރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ނިޒާމު ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެއްތުމަށާއި، ދާއިރާގެ ކުރިމަގު އުޖާލާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.