ސިޔާސީ ޕާޓީއަކުން ވަގުތުން ވަކިވެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ސިޔާސީ ޕާޓީއަކުން ވަގުތުން ވަކިވެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިފި

ސިޔާސީ ޕާޓީތަކުގެ އާންމު މެމްބަރުންނަށް އެ ޕާޓީއަކުން ވަގުތުން ވަކިވެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކޮށްފިއެވެ. މިއީ ސިޔާސީ ޕާޓީތަކަށް ރަޖިސްޓަރީވުމަށާއި ޕާޓީން ވަކިވުމުގެ ކަންކަން އިތުރަށް ލުއިފަސޭހަކޮށް އަވަސްކުރުމަށް ގެނައި ބަދަލެކެވެ.

މީގެ ކުރިން އަމަލުކުރަމުން އައި އުސޫލުގެ ދަށުން، ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށް މެންބަރަކު ވަކިވާން ހުށަހެޅުމުން އެކަން ޕްރޮސެސް ކުރުމަށް 14 ދުވަހުގެ މުއްދަތެއް ނަގައެވެ. ނަމަވެސް، މިއަދުން ފެށިގެން އަމަލުކުރަން ފެށި އައު އުސޫލުގެ ދަށުން، މައި ޕޯޓަލް މެދުވެރިކޮށް ވަކިވާން ހުށަހަޅާ ފަރާތްތަކުގެ ރިކުއެސްޓްތައް ވަގުތުން ޕްރޮސެސްވެ، ދަފްތަރުން އުނިވާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވި ގޮތުގައި މި ބަދަލުތައް ގެނެސްފައިވަނީ ތިން ދާއިރާއަކުންނެވެ. އެއީ ސިޔާސީ ޕާޓީގެ ދަފުތަރުގައި މެންބަރުން ރަޖިސްޓްރީކުރުމާއި ސިޔާސީ ޕާޓީގެ ދަފުތަރުން މެންބަރުކަމުން ވަކިވުމާއި އަދި ސިޔާސީ ޕާޓީއަކުން، އެޕާޓީގެ މެންބަރަކު ޕާޓީގެ ދަފްތަރުން އުނިކުރުމަށް އެދި ހުށަހެޅުމެވެ.

ޕާޓީތަކަށް މެންބަރުން އިތުރުކުރުމުގެ މަރުހަލާއަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ސިޔާސީ ޕާޓީގެ މެންބަރުންގެ ގޮތުގައި ދަފުތަރު ކުރުމަށް ހުށަހަޅާ ރިކުއެސްޓްތައް ޕްރޮސެސް ކުރުމަށް ސިޔާސީ ޕާޓީތަކަށް 30 ދުވަހުގެ މުއްދަތެއް ދޭނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ޕާޓީއިން އެ ރިކުއެސްޓް ޕްރޮސެސްކޮށްފައި ނުވާނަމަ، އެފަރާތެއް އޮޓޮމެޓިކުން ޕާޓީގައި ރަޖިސްޓަރީވާނެ ކަމަށް ކޮމިޝަނުން ވިދާޅުވިއެވެ.

އާންމު މެންބަރުންނަށް ވަގުތުން ވަކިވެވޭ ގޮތަށް ހަމަޖެއްސި ނަމަވެސް، ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ވަކި އުސޫލެއް ވަނީ ކަނޑައަޅާފައެވެ. "ސިޔާސީ ޕާޓީތަކުގެ އިސްމަޤާމުތަކުގައި ތިއްބަވާ މެންބަރުން ޕާޓީއިން ވަކިވާނަމަ ނުވަތަ އެހެން ޕާޓީއަކަށް ރަޖިސްޓަރީކުރާނަމަ، ކޮމިޝަނުގައި ދަފުތަރު ކޮށްފައިވާ ސިޔާސީ ޕާޓީގެ އިސްމަޤާމުން ވަކިވުމަށް ހުށަހަޅަންޖެހޭނެ" ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވައެވެ.

މި ބަދަލުތަކުގެ ސަބަބުން ސިޔާސީ ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބި، ރައްޔިތުންނަށް ޕާޓީތަކާ ގުޅުމާއި ވަކިވުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން