ނިމިދިޔަ އަހަރު ރާއްޖެއަށް ފަތުރުވެރިން 5.4 ބިލިޔަން ޑޮލަރު ހޭދަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ނިމިދިޔަ އަހަރު ރާއްޖެއަށް ފަތުރުވެރިން 5.4 ބިލިޔަން ޑޮލަރު ހޭދަކޮށްފި

ނިމިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން ޖުމްލަ 5.4 ބިލިޔަން އެމެރިކާ ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ވިސިޓް މޯލްޑިވްސް ކޯޕަރޭޝަނުން ހާމަކޮށްފިއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައިވެސް ރެކޯޑް އަދަދެކެވެ.

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ރާއްޖޭގެ އިޤްތިސާާދީ ހާލަތުގެ ރިޕޯޓާއި ހަވާލާދީ ވިސިޓް މޯލްޑިވްސްއިން ވިދާޅުވީ، ފަތުރުވެރިން ހޭދަކުރި މި އަދަދަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 15.8 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ. މިއީ ދުނިޔޭގެ އިޤްތިސާދަށް ކުރިމަތިވި އެކި ގޮންޖެހުންތަކާ އެކުވެސް ރާއްޖެއިން ހޯދި ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

ވިސިޓް މޯލްޑިވްސްއިން ފާހަގަކުރި ގޮތުގައި، އެއަރޕޯޓު ޓެކްސް އަދި ޓީޖީއެސްޓީއަށް ގެނައުމަށް ނިންމި ބަދަލުތަކާ ގުޅިގެން ސިނާއަތުގެ ތަޖުރިބާކާރުންގެ މެދުގައި ތަފާތު ބަހުސްތަކެއް ކުރެވުނެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ފަތުރުވެރިކަމަށް އަސަރުކޮށްފާނެ ކަމުގެ ކަންބޮޑުވުންތައް އޮތް ނަމަވެސް، ތަފާސްހިސާބުތަކުން ދައްކަނީ ސިނާއަތް ވަރުގަދަކޮށް ދެމެހެއްޓިފައިވާ ކަމެވެ.

މި ކާމިޔާބީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 10 އިންސައްތަ އިތުރުވުމާއި، ފަތުރުވެރިކަމުގެ މައި މާކެޓުތަކުން ހޯދި ކުރިއެރުންތައް ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ބެޑް ކެޕޭސިޓީ އިތުރުވުމާއި، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަން ގިނަވުމަކީވެސް އާމްދަނީ އިތުރުވުމަށް މަގުފަހިވި ސަބަބުތަކެއް ކަމަށް ވިސިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.

މިއަދު އޮންލައިން