ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޗެނަލްތައް އެންޑްރޮއިޑް ޓީވީތަކުން ވަގުތުން ބަލާލެވޭނެ ޚާއްސަ ޓީވީ އެޕްލިކޭޝަނެއް ކަމަށްވާ "ޕީއެސްއެމް އެއާ ޓީވީ އެޕް" ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ. މި އެޕްލިކޭޝަން އިފްތިތާޙްކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު އޮތީ މިރޭ ޕީއެސްއެމްގެ ޓީވީ ބިލްޑިންގައެވެ.
މި އެޕްލިކޭޝަން ތަޢާރަފްކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަކީބު ވިދާޅުވީ، މިއީ ޕީއެސްއެމްގެ ޚިދުމަތްތައް ހޯއްދަވާ ފަރާތްތަކަށް ލުއިފަސޭހަކަމާއެކު ޗެނަލްތައް ބަލާލުމަށް ހުޅުވާލެވުނު ވަރަށް ތަނަވަސް ފުރުސަތެއް ކަމަށެވެ.
ޝަކީބު އިތުރަށް ވިދާޅުވީ، "އަޅުގަނޑު ގަބޫލުކުރާގޮތުގައި އަޅުގަނޑުމެންގެ މި އެޕްލިކޭޝަނަކީ ޕީއެސްއެމްގެ ކުޑައިގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތައް ހޯއްދަވާ ބޭފުޅުންނަށް ޚިދުމަތްތައް ލިބިވަޑައިގަންނަވާ ބޭފުޅުންނަށް އަޅުގަނޑުމެންނަށް ވަރަށް ތަނަވަސްކޮން ހުޅުވާލެވުނު ދޮރެއް. މީގެ ލުއިފަސޭހަކަން މި އެޕްލިކޭޝަން ބޭނުންކުރަން ފެއްޓެވީމަ އިހްސާސްކުރެވޭނެ،" ކަމަށެވެ.
ޕީއެސްއެމް އެއާ ޓީވީ އެޕް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިބެގެންވެސް އެންޑްރޮއިޑް ޓީވީތަކުން ޕީއެސްއެމްގެ އެކި ޗެނަލްތައް ވަގުތުން ބަލާލުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ޕީއެސްއެމްގެ ކޮންޓެންޓް ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.