ތަފާތު ސަބަބުތައް ކުރިމަތިވެ އެކަނިވެރި މައިންނަށް ލިބެންޖެހޭ ފައިސާ ނުލިބޭ ބައަކުވެސް އުޅެއެވެ. އަދި އެފައިސާ ލިބުނަސް އެއީ ދަރިންގެ ކަންކަން ބަލަހައްޓަން އެކަށީގެންވާ ޢަދަެއްވެސް ނޫނެވެ. ސްކޫލަށާއި އެނޫންވެސް ޒަރޫރީ ބޭނުންތަކަށް އެކަނިވެސް ފުދޭވަރެއްގެ ޢަދަދެއް ނޫނެވެ.
އެހެންވެ އަންހެނުންގެ ކިބައިން އެންމެ ގިނައިން ލިބޭ އެއް ޝަކުވާއަކީ ކައިވެނި ރޫޅުމަށްފަހު ދަރިންގެ ބައްޕަ ދަރިންނަށް އަޅައިނުލުމެވެ. ޚަރަދުނުކުރުމެވެ. ނިކަމެތި ޙާލުގައި އުޅެންޖެހުމެވެ.
ކައިވެނި ރޫޅުމަށްފަހުގައިވެސް ދަރިންގެ ކަންކަން ބަލަހައްޓާ ބައްޕައިންނަށް ތަޢްރީފް ޙައްޤެވެ. ނަމަވެސް ދަރިންނަށް އަޅައިނުލާ ބައްޕައިން އެލިބިގަންނަނީ ވަރަށް ބޮޑު ނިކަމެތި ކަމެކެވެ. އެކަން ބޮޑަށް ފެންނާނީ މިއަދަކުނޫނެވެ. ޤިޔާމަތް ދުވަހުންނެވެ.
އެއްވެސް މީހަކަށް ނުލިބޭވަރުން ޚަރަދުކުޜާކަށް ނުބުނަމެވެ. ނަމަވެސް ލިބޭ މިންވަރުން ޚަރަދުކުރަންވާނެއެވެ. ގިނަ ބަނޑަށް ކުދިން ލިބުނަސް ދަރިންނަށް ކުރަންޖެހޭ ޚަރަދުކުރުމުގައި އިންޞާފުވެރިވާންޖެހޭނެއެވެ. ގާތުގައި ތިބިނަމަވެސް ދުރުގައި ތިބިނަމަވެސް ދަރިންވާނީ ދަރިންނަށެވެ. އޮތީ ހަމަހަމަކުރުމެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.
"ﷲ އެކަލާނގެ އަޅުންގެތެރެއިން އަޅަކަށް ބަލަހައްޓާނެ ބައަކު ޙަވާލުކުރެއްވެވުމުން، އެބައަކަށް ނަޞޭޙތްދީ ނުބަލަހައްޓައިފިނަމަ ސުވަރުގޭގެ ވަސްވެސް ނުދައްކަވާނެތެވެ."
ދަރިންނަކީ ބައްޕައިންނާއި ބަލަހައްޓަން ޙަވާލުކުރައްވަވާ ބައެކެވެ. އެހެންކަމަށްވާއިރު ދަރިން ދެއްވެވުވުމުން ނުބަލަހައްޓައި ދަރިން އުކާލާ ބައްޕައިން މިޙަދީޘްފުޅަށް ބިރުވެތިވާންޖެހެއެވެ. ދަރިން ލިބުމުން، ނުބަލަހައްޓައި ޚަރަދުނުކޮށް، ލޮލަށްވެސް ނުފެނި އުޅޭ ބައްޕައިން މިޙަދީޘްފުޅަށް ބިރުވެތިވާންޖެހެއެވެ.
ހަމައެއާއިއެކު ޚަރަދުކުރުމަކުން އެކަނި ނުފުދެއެވެ. ނަޞޭޙަތްވެސް ދޭން އެބަޖެހެއެވެ. އެކަންކުރެވޭނީ ދަރިންނަށް ފެނިގެންނެވެ. އެކުދިންނާއިއެކު ވަޤުތުވެސް ހޭދަކޮށްގެންނެވެ.
ވީމާ މިއީ ދަރިން ދެއްވެވުމުން އަޅާނުލައި ވާޖިބު އަދާނުކުރާ ކޮންމެ މީހަކުވެސް ވިސްނަންޖެހޭނެ ކަންކަމެވެ. ދަރިންނަށް ޚަރަދުނުދީ ކޯޓަށް ފިލައިގެން އުލެވިދާނެއެވެ. ދަރިންގެ ލޮލަށް ނުފެނި ދަރިންނަށް ފިލައިގެންވެސް އުލެވިދާނެއެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތަށް ޖަވާބުދާރީވާންޖެހުމަކުން ނުފިލޭނެއެވެ.
މިޙަދީޘްފުޅުގެ މާނައިގައި ހިމެނިގެންދަނީ ހަމައެކަނި ބައްޕައިންނެއްވެސް ނޫނެވެ. ޤއަުމުގެ ވަލިޔުލްއަމްރުވެސް ހިމެނިގެންވެއެވެ. އަދި އެނޫން މަޤާމެއްގައި ނަމަވެސް ރައްޔިތުންގެ ނުވަތަ ރައްޔިތުންގެ ތެރެއިން ބައެއްގެ ބެލެނިވެރިކަން ޙަވާލުކުރައްވަވައިފި ކޮންމެ މީހަކުވެސް ހިމެނިގެންވެއެވެ.
ވީމާ ވެރިކަމަކީ ހަމައެކަނި ޝަރަފެއްކަމަށާއި އެއީ ސަރުކާރުގެ އިދާރާތައް ހިންގުން ކަމަށް ދެކެގެން ސަލާމަތެއް ނުވެވޭނެއެވެ. އެންމެ ބޮޑު ވާޖިބަކަށްވާންޖެހޭނީ ރައްޔިތުންގެ ކަންކަން ބެލެހެއްޓުމެވެ. އެމީހުންގެ ބޭނުންތައް ފުއްދައިދީ ނަޞޭޙަތްދިނުމެވެ. ޚާއްޞަކޮށް ރައްޔިތުންނަކީ އިސްލާމް ދީނުގައި ޘާބިތުވެ ތިބޭ ބައަކަށް ހެދުމަށް މަސައްކަތްކުރުމެވެ.
- މިއީ މިޙަދީޘްފުޅާއި ގުޅިގެން މިއަދުނޫހުން ސުވާލުކުރުމުން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްވި މަޢުލޫމާތުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ. އިސްލާމީ މަރުކޒުގައި މިއަދު އިމާމްވެ ހުކުރުކުރެއްވީ އެމަނިކުފާނެވެ.