ކައިވެނިކޮށްގެން އަނބިމިހާ ގެއަށް ގެނައުމަށްފަހު އަނބިމީހާ ޢާއިމެދު ކަންކަން ކުރަމުން އައީ ވަރަށް ހަރުކަށިކޮށެވެ. ކޮނަމެ ދުވަހަކުހެން ޖަހައި އަނިޔާވެސް ކުރެއެވެ. ބުނަމުން އައީ އަނބިމީހާއާއިމެދު ބޭނުން ގޮތަކަށް ކަންކަންކުރުމުގެ ޙައްޤު ލިބިގެންވާ ކަމަށެވެ.
ފިރިމީހާގެ ކަންކަމަށް ކެތްތެރިވަމުން ގޮސް ކޮޅުންލީމާ އަނބިމީހާ ޤަޞްދުކުރީ ގެއިންދާށެވެ! ފޮށިހިފައިގެން ނުކުންނަން އުޅުމުން ބުނީ ނުނުކުމެވޭނެކަމަށެވެ. އަނބިމީހާ ބުނީ ކެތްތެރިކަން ކޮޅުންލައިފިކަމަށާއި މިއަދު އޭނާ ނުހުއްޓުވޭނެ ކަމަށެވެ. އެންމެފަހުން އެއްޗެއް ނަގައި ފިރިމިހާގެ ބޮލުގައި ޖެހުމަށްފަހު ގެއިން ނުކުމެގެންދިއައީއެވެ.
ޙަޤީޤަތުގައި ފިރިމީހާ އަނބިމިހާދެކެ ވަރަށް ލޯބިވެއެވެ. އެހެންވެ ބޭނުންވީ އަލުން އަނބިމީހާ ގެއަށް ގެނެވޭނެ ގޮތެއް ހޯދުމަށެވެ. އެހެންވެ ވިސްނުންތެރި އެކުވެރިއަކާއި މަޝްވަރާކުރުމުން އޭނާ ކިޔައިދިނެވެ! "އެކުވެރިޔާއެވެ! އަނބިމީހާ ކިޔަމަުނގައި ބައިންދަން ބޭނުންވާނަމަ އޮތީ ހަރުކަށިވުމެއް ނޫނެވެ. ލޯބިދީ އިޙްތިރާމްކުރުމެވެ. ހެޔޮކޮށްހިތުމެވެ. ކަލެއަށްވެގެން ތިއައުޅޭ ގޮތަކީ މަންމައާއި ބައްޕަގެ ކިބައިން ފެނުނު ކަންކަން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ވިސްނުނީއެވެ.
ބުނަންހެއްޔެވެ؟ ބައްޕަގެކިބައިން އަނިޔާލިބުނުއިރު މަންމަ ކެތްތެރިވެގެން އިންގޮތަކަށް މިހާރުގެ އަނބިންނެއް ނުތިބޭނެއެވެ. އެކަން ތިއޮތީ ތަޖުރިބާ ކުރެވިފައެވެ. ހަރުކަށިކަން ދައްކަމުން ދަނިކޮށް ތިއޮތީ ބޯފަޅާލައިފައެވެ. ބޯފަޅާލާފައިވެސް އެދިއައީ ނޫން ހެއްޔެވެ؟ ހަރުކަށިކަން ދެއްކިކަމުން ކުރީ ކޮންފައިދާއެއް ހެއްޔެވެ؟
ވީމާ ދެންވެސް އަނބިމީހާއާއި ބައްދަލުކޮށް މާފަށް އެދޭށެވެ. ކުރިން ގޮތަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަޤީންކަންދޭށެވެ. އޭނާ ކަލޭދެކެ ލޯބިވެއެވެ. ލޯބިނުވާނަމަ ކަލޭކުރި އަނިޔާތަކުގެ މައްސަލަ މާކުރިން ފުލުހުންނަށް ހުށަހަޅާނެއެވެ. މައްސަލަ ހުށަހެޅިނަމަ ގެވެށިއަނިޔާގެ ކުށް ޘާބިތުވެ ބޮޑު އަދަބެއް ލިބޭނެއެވެ. އެދެރަ ނުދީ އެހުރީ ކަލޭދެކެ ލޯބިވާތީއެވެ."
އެކުވެރިޔާ ދިން ނަޞީޙަތް ޤަބޫލުކޮށް އަނބިމީހާއާއި ބައްދަލުކޮށް މާފަށް އެދުމުން މާފުކުރިއެވެ. އަލުން އެކުގައި އުޅެންވެސް އެއްބަސްވިއެވެ. ނަމަވެސް ޝަރުޠަކާއިއެކުގައެވެ. ކުރިން ކުރިފަދަ އެއްވެސް ކަމެއްކޮށްފިނަމަ ވަޤުތުން ފިޔަވަޅުއަޅަން ކުރަންޖެހޭ ކަމެއް ކުރުމުން އަނބިމީހާ ކުށްވެރި ނުކުރުމެވެ.
ދެމީހުން އެކުގައި އަލުން ދިރިއުޅެން ފެށިއެވެ. ކައިވެންޏަށް މިހާރު 10 ވަރަކަށް އަހަރުވެދާނެއެވެ. ކުރިން ކުރިފަދަ އެއްވެސް އަނިޔާއެއް ނުކުރެއެވެ. އަނބިމީހާ އިނ ކިޔަމްނތެރިކަމާއިއެކުގައެވެ. ދެމަފިރިން ދިރިއުޅެމުން އަންނަނީ ލޯބިންނެވެ.
މިއީ އަޅުގަނޑުގެ އެކުވެރި ދެމަފިރިއެއްގެ ޙަޔާތުގެ ތަޖުރިބާއެވެ. ޢިބްރަތްތެރި ފިލާވަޅަކަށްވާނެކަމަށް އުންމީދުކުރަމެވެ.
- ޝަހީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް