އެންމެ މީހެއްގެ ހިތަށް ނުވަތަ ނަފުސަށް އަނިޔާދީފައިވެސް ބިރުވެރިކަމުން ސަލާމަތްވެ ހުރެވޭނެކަމަށް ހީވެސް ނުކުރާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
އެންމެ މީހެއްގެ ހިތަށް ނުވަތަ ނަފުސަށް އަނިޔާދީފައިވެސް ބިރުވެރިކަމުން ސަލާމަތްވެ ހުރެވޭނެކަމަށް ހީވެސް ނުކުރާތި!

ޤާތިލުން ވަރަށް ގިނަވެއްޖެކަމަށް ޢިލްމްވެރިން ވިދާޅުވަމުން އެގެންދަނީ ހަތިޔާރުން ޙަމަލާދީ މީހުންމަރާތީ އެކަންޏެއް ނޫނެވެ. ބިރެއް ޖެހިލުމެއް ނެތި މީސްތަކުންގެ ހިތްތަކަށް އަނިޔާކޮށް ހިތްތައް ކަތިލަމުން ގެންދާ މީހުން ގިނަވީމައެވެ. މިއީ ވަރަށް ބިރުހުރި ކަމެކެވެ.  

ފިރުއަޢުނުގެ ވާހަކަ އެންމެންނަށްވެސް އެނގެއެވެ.  އޭނާއަކީ ވެރިކަން ލިބުނީންސުރެ އެވެރިކަން ގެއްލިދާނެތީ ބިރުން ތެޅި ފޮޅުނު މީހެކެވެ. އެތައް ހާސް ކުޑަކުދިން ޝަހީދުކުރި މީހެކެވެ. އެކަމުގެ ނަތީޖާ އޭނާއަށް ދެއްކެވި ގޮތާއިމެދު ވިސްނާށެވެ!

އޭނާ ޝަހީދުކުރި ކުޑަކުދިން ވަނީ ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތުގައި ސުވަރުގޭގައެވެ. ސުވަރުގޭގައި ދާއިމަށް ދެމިތިބޭނެ ބައެއްގެ ގޮތުގައެވެ. އޭނާއަށް މަރުވާންޖެހުނީ އެންމެ ހިތްދަތި ގޮތުގައެވެ. ކަނޑަށް ޣަރަޤްވެއެވެ. އަދި ޤިޔާމަތްދުވަހާއި ހަމައަށްވެސް އޭނާއަށް ދާނީ ނަރަކައިގެ ޢަޛާބް ލިބެމުންކަން ޤުރްއާނުން އެނގެން އެބައޮތެވެ.  

އޭނާގެ ހަށިގަނޑު މީސްތަކުންނަށް ޢިބްރަތަކަށްޓަކައި ދައްކަވާފައި އޮތް ނަމަވެސް އޭނާއަށް ދާނީ ވަޅުލެވިފައިވާ، ޢަޛާބް ޙައްޤު އެހެން މީހުން ފަދައިން ކައްވަޅުގެ ޢަޛާބް ލިބެމުންނެވެ. އެހެން މީހުންނަށްވުރެ މާގަދަފަދަ ޢަޛާބް ލިބެމުންނެވެ.  

މިއީ ހަމައެކަނި ފިރުއަޢުނަށް ކުރިމަތިކުރައްވަވާނެ ޙާލަތެއް ނޫނެވެ. އޭނާ ފަދައިން ޢަމަލުކުރާ ކޮންމެ މީހަކަށްވެސް ކުރިމަތިކުރައްވަވާނެ ޙާލަތެވެ. އެޙާލަތުން ސަލާމަތްވެވެން އޮތް ހަމައެކަނި ގޮތަކީ ﷲ ތަޢާލާގެ ޢަޛާބް ޙައްޤުނުވާނެ ގޮތަށް ދުނިޔޭގެ ޙަޔާތް ވޭތިކުރުމެވެ.  

މަރުވުމުން އެއްވެސް މީހަކަށް ދެއްވަވާނެ ޢަޛާބް އަހުރެމެންނަކަށް ނުއެނގޭނެއެވެ. އެނގެނީ ޢަޛާބް ޙައްޤު ކޮންމެ މީހަކަށްވެސް ޢަޛާބް ދެއްވަވާނެ ކަމެވެ. ޢަޛާބުން ސަލާމަތްވެވޭނީ ﷲ ތަޢާލާއަށް އީމާންވެ ކިޔަމަންތެރިކަން އަދާކުރުމުންނެވެ.  

ބުނެލަން ބޭނުންވަނީ އަނިޔާވެރިކަމަކީ ހަމައެކަނި މީހުން ކަތިލުމެއް ނޫނެވެ. ހިތްދަތިކުރުވުމަކީވެސް އަނިޔާވެރިވުމެވެ. އަނެކާގެ ޙައްޤަކަށް އަރައިގަތުމަކީވެސް އަނިޔާވެރިވުމެވެ. ވީމާ އެއްވެސް މީހެއްގެ ހިތުގައި ޖެހޭނެ ކަމެއް ނުކުރާށެވެ. އެއްވެސް މީހެއްގެ ޙައްޤަކަށް އަރައި ނުގަންނާށެވެ. ﷲ ތަޢާލާގެ ޢަޛާބަށް ބިރުވެތިވުމަކީ އެއީއެވެ.

 

- މަޢުލުމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން