ލޯބިވުމާ ކައިވެނިނުކޮށް ހަށިގަނޑުގަ ބީހުމާ ދެކަމަކީ ދެ އެކުވެރިންކަމަށް ހަދާ ގިނަ މީހުންނަށް ޖެހެނީ ކަރުނައަޅަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ލޯބިވުމާ ކައިވެނިނުކޮށް ހަށިގަނޑުގަ ބީހުމާ ދެކަމަކީ ދެ އެކުވެރިންކަމަށް ހަދާ ގިނަ މީހުންނަށް ޖެހެނީ ކަރުނައަޅަން!

ނަޞީބަކުން ދުނިޔެއަށް ފަޟީޙަތްވެވުމުން ސަލާމަތްވެވުނެވެ. އެއީ އެކަމަށް ވަރަށް ބޮޑަށް ވިސްނައިގެން އުޅެވުނީތީއެވެ. ނަމަވެސް ދަންނަ މީހުންނާއި އެކުވެރިންގެ ކުރިމަތީގައި އަހުރެންގެ އެއްވެސް އަގެއް ނެތެވެ. އެއީ ލޯބިވެރިޔާއާއިއެކު އުޅެވުނު ގޮތުންނެވެ. އެކުގައި ނިދައި ހެދުނީތީއެވެ. 2 އަހަރު އެގޮތަށް އެކުގައި އުޅުމަށްފަހު އޭނާ ކައިވެނިކުރީ އެހެން އަންހެނަކާއިއެވެ. ލޯބިވެރިޔާ ގެއްލުނީއެވެ! ﷲ ގެ ޙަޟްރަތުގައި ނިކަމެތިވެސްވީއެވެ.  

މިހާރު މިހުރީ ތައުބާވެގެންނެވެ. އިރާދަކުރެއްވިއްޔާ ދެން އެފަދަ ފާފައެއް ނުކުރާނަމެވެ.  

މިއީ ކިޔުންތެރިއެއްގެ ބަސްކޮޅެކެވެ. އެކިޔުންތެރިޔާއަށް ވަރަށް ހޫނު މަރުޙަބާއެކެވެ. އެއީ ތައުބާވެ ހެޔޮ ގޮތުގައި ކުރިއަސް ދިއުމަށް ޢަޒުމް ކަނޑައެޅީތީއެވެ.  

މިފަދަ ޙާލަތު ކުރިމަތިވުމުން ސަލާމަތްވެ ހުރުމަށް ފައިދާކުރާނެ ލިޔުމެއް-:  

"އަހުރެން މިއިނީ ބަލިވެއެވެ. ނުއެނގި ލަސްވީއެވެ. އެނގުނު ފަހުން ދުވަސްތައް ފާއިތުވަމުންގޮސް މިހާރު ބަނޑަށް 5 މަހެވެ. އަހުރެން ފަޟީޙަތްވެ ނިމުނީއެވެ. މީހުންނާއި އަހުރެން ކުރިމަތިލާނީ ކިހިނަކުން ހެއްޔެވެ؟ ދެންވެސް އަވަހަށް ކައިވެނިކުރާށެވެ. ވިހައިގެން އަންނަން ދުރު ރަށަކަށް ހިނގާށެވެ! މި ބޮޑު ފަޟީޙަތުން އަހުރެން ސަލާމަތްކޮށްދޭށެވެ!"  

"ކަލޭ ބަލިވެއިންކަން އަހުރެންނަށް އެނގެއެވެ."

"އެހެންވީއިރު އަހުރެން ފަޟީޙަތްވާން ދޫކޮށްލީ ކީއްވެގެން ހެއްޔެވެ؟"  

"ބުނަން ހެއްޔެވެ؟ ކައިވެނިކުރެވޭކަށް ނެތެވެ. އަހުރެން ކުށްވެރިނުކުރާށެވެ. ކުރިކަމެއް ކުރީ ދެމީހުންނެވެ. ކަލޭވެސް ރުހިގެންނެވެ. ކަލޭވެސް ބޭނުންވެގެންނެވެ."  

ދެން ނިކަން ބުނެބަލާށެވެ! މިފަދަ ކަންކަން އަބަދު، ކޮންމެ ދުވަހަކު ތަކުރާރުވަމުން އަންނައިރު ޢިބްރަތް ޙާޞިލްނުކުރަނީ ކީއްވެގެން ހެއްޔެވެ؟  

ލޮބުވެތި އުޚުތުންނޭވެ! ފިރިހެނަކު ދެކެ ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް ކައިވެނީގެ ބޭރުން ތިބާގެ ހަށިގަނޑު އެމީހަކާއި ޙަވާލުނުކުރާށެވެ! ކައިވެނިކުރުމަކާއި ނުލައި ތިބާގެ ހަށިގަނޑަށް އެދޭނީ ތިބާދެކެ އެއްވެސް ވަރަކަށް ލޯބިނުވާތީއެވެ. ކިތަންމެ ކުޑަކޮށް ނަމަވެސް ތިބާދެކެ ލޯބިވާ މީހަކު ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިނަގާކަށް ނުއެދޭނެއެވެ. އަދި އެފަދަ ޖަޒްބާތެއް އުފެދޭނެ ކަމެއްވެސް ނުކުރާނެއެވެ.  

ރަނގަޅަށް އަޑުއަހާށެވެ! މިބަޔާންކުރި ފަދަ ޙާލަތެއްގައި ދުނިޔޭގެ ލަދުން ސަލާމަތްވާން ދަރިފުޅު ވައްތައިލެވިދާނެއެވެ. އެއީ މިޒަމާނުގައި ކުރަން އުނދަގޫކަމެއް ނޫނެވެ. ނަމަވެސް އެއިރުން އެކުރެވެނީ ކުރިން ކުރެވުނު ޒިނޭގެ ފާފައަށްވުރެ މާބޮޑު ފާފައެކެވެ.  

ތިބާގެ ބަނޑު ހުސްކޮށްލި ފަދައިން ތިބާގެ ފަތުން ތިބާކުރި ފާފަތައް ފުހެއެއް ނުލެވޭނެއެވެ. އެއީ ހަމައެކަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ ފާފައިގެ މައްޗަށް ފާފަނުކުރާށެވެ! އެޙާލަތުން ސަލާމަތްވެތިބޭށެވެ. އެކަމަށް އޮތް ހަމައެކަނި މަގަކީ ޢިއްފަތްތެރިކަމުގައި ޘާބިތުވުމެވެ. ކައިވެނިކުރުމުން ހުއްދަވާނެ އެއްވެސް ކަމެއް ކައިވެނިނުކޮށް ނުކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން