ސަމާލުވަމާ!: މަޒީދާ ފަދައިން ރަށްމެދަށް ބަލިވެއިނީމާ މީހުންގެ ބޮލުގަ އަޅުވަން މަސައްކަތްކުރާ އަންހެނުން ގިނަވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 21ސ
ސަމާލުވަމާ!: މަޒީދާ ފަދައިން ރަށްމެދަށް ބަލިވެއިނީމާ މީހުންގެ ބޮލުގަ އަޅުވަން މަސައްކަތްކުރާ އަންހެނުން ގިނަވެއްޖެ!

ދެމަފިރިންގެ ކައިވެންޏަށް އެއިރު 4 އަހަރެވެ. ދަރިއަކު ނުލިބެއެވެ. ތިބީ އެކަމަށް ކަންބޮޑުވެގެންނެވެ. ޑޮކްޓަރަށް ދައްކަމުއެވެ. ޑޮކްޓަރުން ބުނަނީ ދަރިއަކު ނުލިބެންވީ ސަބަބެއް ނެތް ކަމަށެވެ. އެހެންވެ ދުޢާކުރުންމަތީގައި ދެމިތިބީއެވެ.

އެއްދުވަހަކު ބަނޑަށް ހަމަހުގެ އަންހެނަކު އައިސް ބުނީ އޭނާ ބަލިވެއިނީ ފިރިމީހާއަށް ކަމަށެވެ. އަދި މިއައީ މައިންބަފައިން ގެއިން ބޭރުކޮށްލުމުން އުޅޭނެ ތަނެއް ނެތިގެން ކަމަށެވެ. އަނބިމީހާ ވަރަށް ދެރަވިއެވެ. ކަންބޮޑުވިއެވެ. ރޮވެން ފެށިއެވެ. ފިރިމީހާ ބުނަމުން ގެންދިއައީ މަސައްކަތުގެ ރިޒޯޓަކަށް ކުރިދަތުރެއްގައި އޭނާ ޢާއި ބައްދަލުވިކަމަށާއި ނަމަވެސް އެއްވެސް ގުޅުމެއް ހިންގާފައިނުވާނެ ކަމަށެވެ. އެހެން ބުނެ ވުޟޫކޮށްގެން އައިސް ޚަތިމުގަ އަތްލައި ހުވާކުރުމުން އަނބިމީހާ ފިރިމީހާގެ ވާހަކަ ޤަބޫލުކުރިއެވެ.  

އަނބިމީހާ ބުންޏެވެ. "ދަރިފުޅުގެ ބައްޕަގެ މައްސަލަ އިހަށް ބާއްވާށެވެ! މިއީ އަހުރެންގެ ގެއެވެ. ކަލެއަކީ އުޅޭނެ ތަނެއް ނެތިގެން އައި މާބަނޑު އަންހެނަކަށްވާތީ މިގޭގައި ބައިންދާނަމެވެ. މިގޭގައި އިންނާށެވެ. ކާންބޯން ޑޭނަމެވެ. ޑޮކްޓަރަށްވެސް ދައްކައިދޭނަމެވެ. ފިރިމީހާ ރުހޭނަމަ ދެމީހުން އުޅޭނެ ގޮތަކަށް އުޅުމުގެ މައްސަލައެއް ނެތެވެ. އެކަމަކު ނަމަނަމަ މަކަރުހަދައިގެން އޮޅުވާލައިގެން ދެމަފިރިންގެ ދެމެދަށް ވަންނަން ނުއުޅޭށެވެ. އެފަދަ ކަމެއް އެނގިއްޖިއްޔާ ޙަވާލުކުރާނީ ފުލުހުންނަށެވެ."  

އަނބިމީހާ ބުއްދީގެ ބޭނުންކުރިއެވެ. އެއަންހެން މީހާ އާއި ގާތްގުޅުމެއް އުފެއްދިއެވެ. އެކި ދުވަސްމަތިން ކޮންނަމުން ގޮސް އޭނާގެ ލޯބިވެރިއަކު ހުރިކަން އެނގުމުން އެއީ ކާކުކަންވެސް އޮޅުންފިލުވިއެވެ. 

ސިއްރުން އެމީހާއަށް ގުޅައި ބައްދަލުކޮށްލަން ބޭނުންކަމަށް ބުނުމުން ބައްދަލުކުރަން އެއްބަސްވެ ދެމީހުން ރެސްޓޯރަންޓަކުން ބައްދަލުކުރިއެވެ. ދެއްކި ވާހަކައިގެ ތެރެއިން "މަޒިދާ" އެނގޭތޯ ސުވާލުކުރުމުން ބުނީ އެއީ މަކަރުވެރިއެއް ކަމަށެވެ. ލޯބިވެގެން ކަމަށްބުނެ ބައްދަލުކުރިއިރުވެސް އިނީ ބަލިވެކަމަށެވެ. ބަލިވެ އިނީ ބަންގްލަދޭޝް މީހަކަށް ކަމަށެވެ. އެކަން އެނގުނީ މަޒީދާގެ ކިބައިން ނޫންކަމަށާއި ރައްޓެއްސެއްގެ ކިބައިން ކަމަށެވެ.  

ހުރިހާ ކަމެއް އެނގުމުން ކަންތައް ވެގެން އުޅޭގޮތް ކިޔައިދީފައި ބުންޏެވެ. "އެބަންގްލަޑޭޝް މީހާ ގޮވައިގެން އަހުރެމެންގެ ގެއަށް އައިސްދޭށެވެ. އަގަކަށް ދެމީހުންނަށްވެސް ހަދިޔާއެއް ދޭނެ ކަމަށެވެ.  

3 ރޭފަހުން ކައިގެން ސިޓިންރޫމްގައި ތިއްބައި މީހަކު ބެލްޖެހުމުން ދޮރުހުޅުވިއިރު އައިސް ތިބީ އެދެމީހުންނެވެ. އެތެރެއަށްވެއްދުމާއިއެކު މަޒީދާ ދިއައީ ސިއްސައިގެންނެވެ. ބިރުން ތުރުތުރުއަޅަން ފަށައިފިއެވެ. ބަންގްލަޑޭޝް މީހާ ކިޔައިދިނެވެ. "އަހުރެންވެސް އޭނާއާއި ގުޅުން ހިންގީމެވެ. އެކަމަކު އެއީ އަހުރެންގެ ދަރިއެއްކަން ޔަޤީނެއް ނޫނެވެ. އެއީ އަހުރެމެންގެ އޮފީހުގައި މަސައްކަތްކުރާ ބިދޭސީ 4 މީހުންނާއިވެސް މީނާ ގުޅުން ހިންގައެވެ. އަދި ދުވަހަށް އަގުކިޔައިގެން ރިޒޯޓުތަކަށްވެސް ދެއެވެ. މެޑަމް ބޭނުމިއްޔާ އޮފީހުގައި އެންމެން ހަމަ މިހާރުވެސް މިގެއަށް ގެނެސްފާނަމެވެ."  

ބަންގްލަދޭޝް މީހާގެ ގާތުގައި މަޒީދާގެ ގެ އެނގޭތޯ ސުވާލުކުރީމާ ބުނީ އެނގޭކަމަށެވެ. އެހެން ބުނުމުން މަޑުކޮށްލަން ބުނެފައި ގޮސް މަޒީދާގެ ފޮށި ގެނެސް ބަންގްލަދޭޝް މީހާ އާއި ޙަވާލުކޮށްފައި ބުންޏެވެ. މިފޮށްޓާ މަޒީދާއާއި ގެންގޮސް މަޒީދާ ބުނިތަނަކަށްލާށެވެ! ދާނެ ތަނެއް ނުބުނެފިނަމަ މަގުމައްޗަށް ދޫކޮށްލާށެވެ! މިބާވަތުގެ ކަސްބީން މީހުން ދިރިއުޅޭ ގެދޮރަށް ވައްދަންވެސް ހެޔޮނުވާނެއެވެ."  

މަޒީދާއަށް ދެއްކޭނެ ވާހަކައެއް ނެތެވެ. އެކިޔައިދިނީ ޢޭނާގެ ޙަޤީޤަތެވެ.   

އެންމެން ގެއިން ނެރެ ދޮރުތޮޅުލާފައި ފިރިމީހާ ސުވާލުކުރިއެވެ. މިހާ ފަސޭހައިން މިހާއަޑިއަށް ފީނީ ކޮންގޮތަކުން މަޢުލޫމާތު ހޯދައިގެން ހެއްޔެވެ؟ ޖަވާބުގައި އަނބިމީހާ ބުންޏެވެ. ހަމައެކަސްބީގެ ކިބައިންނެވެ.  

ފަހުން އެނގުނު ގޮތުގައި އެއިގެ އަނެއްދުވަހު މަޒީދާވަނީ ފުރައިގެން ރަށަށް ގޮސްފައެވެ.  

މިއީ އަޅުގަނޑުގެ އެކުވެރި ދެމަފިރިއަކަށް ދިމާވި ކަމެއްގެ ވާހަކައެވެ. ލޯބިން ދިރިއުޅެމުން އައި ދެމަފިރިންނަށް ވަކިވާން ނުޖެހުނީ އަނބިމީހާގެ ހުޝިޔާރުކަމުންނެވެ. ޙަޤީޤަތުގައި އަނބިމީހާއަށް ފުރަތަމަ ވިސްނުނީ ފިރިމީހާ ގޯސްހަދައިގެން އުޅެނީކަމަށެވެ. އެކަމަކު ހުވާކުރުމުން ހުވައަށް އިތުބާރުކުރީއެވެ. އެއީ ފިރިމީހާގެ ކިބައިން އެފަދަ ކަމެއް ދުވަހަކުވެސް ފެނިފައި ނެތުމުންނާއިވެސް އެކުގައެވެ. ރޭގަނޑު އެކަނި ގެއިން ބޭރަށްވެސް ގޮސް ނުއުޅޭތީއެވެ.

 

- ޝާމިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

-- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން