މުސްލިމް އަޚުންނޭވެ! ދުންޔަވީ ޙަޔާތަކީ ވަގުތީ ޙަޔާތެކެވެ. ކޮންމެ އިންސާނަކީ ވެސް މަރުގެ ރަހަ ދެކޭނޭ މީހެކެވެ. އެ ދުވަހަށް ތައްޔާރުވުމަކީ ކޮންމެ އިންސާނަކުމެ ކުރާންޖެހޭނޭ ކަމެކެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ބޭކާރު ގޮތުގައި، ކުޅިވަރަށްކަމަށާއި، ހަމަކަށަވަރުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެ حضرةށް رجوعނުކުރައްވާނޭކަމަށް، ތިޔަބައިމީހުން ފަހެ، ހީކުޅައީހެއްޔެވެ؟" އެހެން އާޔަތެއްގައި ވަޙީކުރައްވައިފައި ވެއެވެ. ----މާނައީ: "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوىވެރިވާށެވެ! އަދި އެ ދުވަހުގައި ބަފަޔަކަށް ދަރިޔެއްގެ މަތީން ކަމެއް ފުއްދައެއް ނުދެވޭނޭ، އަދި ދަރިޔަކަށް ވެސް ބަފަޔަކަށް ކަމެއް ފުއްދައެއް ނުދެވޭނޭ ދުވަހަކަށް ތިޔަބައިމީހުން ބިރުވެތިވާށެވެ! ހަމަކަށަވަރުން، اللهގެ وعدފުޅަކީ، حق ތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! އަދި މަކަރުވެރި شيطانއާ، ތިޔަބައިމީހުން اللهއާ މެދު ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ!"
އެންމެހައި މީސްތަކުންނޭވެ! ދުނިޔޭގެ މި އިމްތިޙާނަށް ވުރެ ބޮޑު އިމްތިޙާނެއް ކުރިމަތީގައި އެބަ އޮތެވެ. އެއީ އާޚިރަތް ދުވަހުގެ އިމްތިޙާނެވެ. މި އިމްތިޙާނުގައި ދެވަނަ ފުރުޞަތެއް ނޯންނާނެއެވެ. އެއީ ހުރިހައި އެންމެން ވެސް ކުރިމަތިލާން ޖެހޭނޭ އިމްތިޙާނެކެވެ. ފިރިހެނުންނާއި އަންހެނުންނެވެ. މުއްސަނދީންނާއި ފަޤީރުންނެވެ. ވެރީންނާއި ރައްޔިތުންނެވެ. ފަހެ، އެ ދުވަހުގެ އިމްތިޙާނަށް ޓަކައި ތިބާ ތައްޔާރުވެއްޖައީމުހެއްޔެވެ؟ އެ އިމްތިޙާނުގައި އެހީވެދޭނޭ މީހަކު ވެސް ނުހުންނާނެއެވެ. ބައްޕައަކު ދަރިއަކަށް، އަތްނބަކު ފިރިއަކަށް، ރަޙުމަތްތެރިއަކު ރަޙްމަތްތެރިއަކަށް ވެސް އެހީއެއް ނުވެވޭނެއެވެ. ކޮންމެ މީހަކު ވެސް އުޅޭނީ އެ މީހެއްގެ އަމިއްލަ ނަފުސާ މެދު ކަންބޮޑުވެ ސަލާމަތްނުވެވިގެންނެވެ. މާތް الله ވަޙީކުރައްވައިފައިވާ ފަދައިންނެވެ. ---- މާނައީ: "ފަހެ، ގަދަފަދަ އަޑު އަތުވެއްޖެ ހިނދެވެ. (އެއީ) މީހާ އޭނާގެ އަޚާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރީންގެ ކިބައިން ފިލާންދާ ދުވަހެވެ. އެއުރެން ކުރެ ކޮންމެ މީހަކަށް، އެ މީހަކު އަވަދިނެތިކުރާނޭ ކަމެއް އެ ދުވަހުން ވެއެވެ."
މުސްލިމް އަޚުންނޭވެ! މަރު އައިސް އަހަރެމެންނާ ބައްދަލުކުރުމުން ލަހެއް ފަހެއްނެތި އިޖާބަދޭން ޖެހޭނެއެވެ. އެއަށް ފަހު ޤިޔާމަތާ ހަމަޔަށް އޭނާ އޮންނާނީ ކަށްވަޅުގައެވެ. އަލުން ދިރުއްވައި މަޙުޝަރުކުރެއްވުމާ ހަމަޔަށެވެ. މަޙުޝަރުކުރައްވާ ދުވަހަކީ ބިރުވެރިކަމުން ފުރިގެންވާ ދުވަހެކެވެ. އެ ދުވަހުގެ ބިރުވެރިކަމުގައި އެ މައިދާނުގައި، ފަންސާސް ހާސް އަހަރުގެ ދިގު މުއްދަތެއްގައި ތިބޭން ޖެހޭނެއެވެ. އެ ބިރުވެރި ދުވަހުގެ ހުއްޓި ހުރުމަކީ ލުއިފަސޭހަ ހުއްޓިހުރުމަކަށް ހެދުމާއި ނުހެދުން އޮތީ އަހަރެމެންގެ އަތްމަތީގައެވެ. ތަޤުވާވެރި ޞާލިޙު އަޅުންނަށް އެ ދުވަހުގެ ހުއްޓި ހުރުން އިޙުސާސްކުރެވޭނީ، ދުންޔަވީ ޙަޔާތުން ނަމަ މެންދުރު ނަމާދާއި ޢަޞްރު ނަމާދާ ދެމެދުގެ ވަގުތުކޮޅެއްގެ ގޮތުގައެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (يَوْمُ الْقِيَامَةِ عَلَى الْمُؤْمِنِيْنَ كَقَدْرِ مَا بَيْنَ الظُّهُرِ وَالْعَصْرِ) މާނައީ: "ޤިޔާމަތްދުވަސް މުއުމިނުންނަށްވާހުށީ މެންދުރު ނަމާދާއި ޢަޞުރު ނަމާދާ ދެމެދުގެ ވަގުތުކޮޅެއް ފަދައިންނެވެ." މާތް ﷲ ވަޙީކުރައްވައިފައި ވެއެވ----މާނައީ: "އެ ދުވަހުން ހަމަޖެހި ތިބޭ ތަނުގެ ގޮތުން، ސުވަރުގޭގެ أهلވެރީން ހެޔޮކަން ބޮޑެވެ. އަދި އަރާމުކުރާން ތިބޭ ތަނުގެ ގޮތުން ވެސް ރަނގަޅުކަން ބޮޑުމެއެވެ."
މުސްލިމް އަޚުންނޭވެ! މާތް ﷲއަށް އުރެދުނު މީހުންނާއި ފާފަކުރުމުގައި ދެމި ތިބެ މަރުވެ ދިޔަ އެންމެންނަށް އެ ދުވަހު އޮތީ ﷲގެ ވަޙީބަސްފުޅުގައި ވާފަދައިން ކަންބޮޑުވުމާއި ހިތްދަތިކަމެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އަދި كافرންގެ މައްޗަށް ދަތިކަންބޮޑު ދުވަހެއްކަމުގައި އެ ދުވަސްވެއެވެ." ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (يَوْمَ يَقُوْمُ النَّاسُ لِرَبِّ الْعَالَمِيْنَ، حَتَّى يَغِيْبَ أَحَدُهُمْ فِيْ رَشْحِهِ إِلَى أَنْصَافِ أُذُنَيْهِ) މާނައީ: "މީސްތަކުން (މަޙުޝަރުގެ މައިދާނުގައި) ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟުރަތުގައި ކޮއްޅަށް ތިބޭ ދުވަހު އެ މީހުން ކުރެ ބައެއް މީހުން އެއުރެންގެ ގައިން އޮހޮރޭ ދަލުގެ ތެރޭގައި ކަންފަތުގެ މެދާ ހަމަޔަށް ދާންދެން ގެނބިފައި ތިބޭހުށްޓެވެ."
މުސްލިމް އަޚުންނޭވެ! ހަމަކަށަވަރުން ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާއި ނާމާންކަމުގެ ވާހަކަ ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ zގެ ސުންނަތުގައި ބަޔާންކޮށްދެއްވައި، އެ ދުވަހާ މެދު އިންޒާރުކުރައްވައިފައިވަނީ އެއިން އަހަރެމެން ޢިބުރަތް ޙާޞިލުކޮށް އެ ދުވަހަށް ތައްޔާރުވުމަށް ޓަކައެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ދެން ހަމަކަށަވަރުން، ތިޔަބައިމީހުން قيامةދުވަހުން، އަލުން ދިރުއްވައި محشرއަށް ފޮނުއްވާނެތެވެ." އަދި ވެސް އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "(އެއީ) عالمތަކުގެ ވެރިރަސްކަލާނގެ حضرةގައި މީސްތަކުން قائمވެ ތިބޭނޭ ދުވަހެވެ." އެ ދުވަހަކީ ހިސާބުބައްލަވާ ދުވަހެވެ. ޙައްޤުވެރީންނަށް ޙައްޤު ލިބޭނޭ ދުވަހެވެ. ޢަދުލު އިންސާފުގެ ތިލަފަތުގެ އެންމެ ޢަދުލުވެރި ނިޔާ ކަނޑައެޅޭނޭ ދުވަހެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "تقوىވެރީން، رحمنވަންތަ ރަސްކަލާނގެ حضرةއަށް (عزّةތެރި) وفدއެއްގެ ގޮތުގައި ތިމަންރަސްކަލާނގެ އެއްކުރައްވާ ދުވަސް (ހަނދުމަކުރާށެވެ!) އަދި ކަރުހިއްކައިގެންފައިވާ ޖަނަވާރުތަކެއް ފެނާ ދިމާޔަށްދާ ފަދައިން، ތިމަންރަސްކަލާނގެ، ކުށްވެރީން ނަރަކައާ ދިމާއަށް ލަވައި ގެންދަވާހުށީމެވެ."